ކުޑަކަމުދާ ތަކެތި ނުދިނުމަކީ އަމުރަށް ނުކިޔަމަންތެރިވުން ނޫން ކަމަށް ދަށު ކޯޓުން ކަނޑައެޅީ ގާނޫނާ ހިލާފަށް: ހައި ކޯޓު

ފުލުހުންގެ ތަހުގީގަށް ކުޑަކަމުދާ ތަކެތި ދިނުމަށް މީހަކު އިންކާރުކުރުމުން އެއީ އަމުރަށް ނުކިޔަމަންތެރިވުން ނޫން ކަމަށް ދަށު ކޯޓުން ނިންމާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ބުރާސްފަތި ދުވަހު ނިންމައިފި އެވެ.
މިއީ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ތަހުގީގަށް 2007 ގައި ހައްޔަރުކުރި ގދ. ތިނަދޫ ހުޅަނގުގޭ އަލީ ޝަދީދުގެ ކުޑަކަމުދާ ތަކެތި ތަހްލީލުކުރުމަށްޓަކައި ފުލުހުންނަށް ދިނުމަށް އޭނާ އިންކާރުކުރުމާ ގުޅިގެން، ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ދަށުން އޭނާގެ މައްޗަށް ޕީޖީން ކުރި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ދައުވާ ސާބިތުނުވާ ކަމަށް ދަށު ކޯޓުން ނިންމުމާ ގުޅިގެން ހައި ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އޭނާގެ މައްޗަށް ކުރި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ ޝަރީއަތުގައި، އޭނާ ނުކިޔަމަންތެރިވި ޝަރުއީ އަދި ގާނޫނީ އަމުރަކީ ކޮބައިކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ބުނެ، ދައުވާ ސާބިތުނުވާ ކަމަށް ދަށު ކޯޓުން ނިންމި ނިންމުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައި ވެ އެވެ.
ޕީޖީން ހައި ކޯޓުގައި ބުނެފައިވަނީ މި ފަދަ މައްސަލަތައް ސާބިތުކުރުމަށްޓަކައި ކުޑަކަމުދާ ތަކެތީގެ ތަހުލީލް ރިޕޯޓަކީ މުހިންމު އެއްޗެއް ކަމަށްވާ އިރު، ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުގެ ނުވަތަ އަމުރުކުރުމުގެ ބާރު ތަހުގީގުކުރާ ފަރާތަށް ލިބިގެންނުވާ ކަމަށް ދަށު ކޯޓުން ނިންމި ނިންމުމަކީ ގާނޫނީ ގޮތުން ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ.
ހައި ކޯޓުން މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ ކުރީގެ ގާނޫނު އަސާސީ އަށް އަމަލުކުރަމުން ދިޔަ ދުވަސްވަރު ކަމަށާއި އެ ގާނޫނު އަސާސީގެ ދަށުން ފުލުހުން ކުރާ އެ ފަދަ އަމުރަކަށް ނުކިޔަމަންތެރިވުމަކީ އަމުރަށް ނުކިޔަމަންތެރިވުން ކަމަށް ބެލެވޭނެ ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުން އެއްބަސްވާ ކަމަށެވެ.
"ހެކި ނުފޮރުވުމަށާއި، އަމިއްލަ ނަފުސާ ދެކޮޅަށް ކަމުގައި ވިޔަސް ހެކިބަސް ދިނުމަށާއި، ހެކިބަހުގައި ތެދުވެރިވުމަށް ދީނުގައި އަންގަވާ އަމުރުކޮށްފައިވާ ކަމަށާއި، ޝަރުއީ ނުވަތަ ގާނޫނީ ގޮތުން ކުރާ އަމުރަށް ނުކިޔަމަންތެރިވުމަކީ ކުށެއްކަން ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގައި ކަނޑައަޅާފައިވޭ،" އެ ރިޕޯޓުގައި ފަނޑިޔާރުން ފާހަގަކޮށްފައިވެ އެވެ.
އަދި މަސްތުވާ ތަކެއްޗާ ބެހޭ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން މި ފަދަ މައްސަލައެއް ސާބިތުކުރުމަށް ކުޑަކަމުދާ ތަކެތީގެ ތަހުލީލް ރިޕޯޓަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް ހައި ކޯޓުގެ ފަނޑިޔާރުން ވަނީ ފާހަގަކޮށްފަ އެވެ.
"ކުޑަކަމުދާ ތަކެތި ދިނުމާއި ނުދިނުމަކީ ތުހުމަތުކުރެވޭ މީހާގެ އިހްތިޔާރުގައި އޮތް ކަމެއްކަމުގައިވަނީ ނަމަ، އެ ކަމަކީ ގާނޫނަކުން ބާރު ލިބިގެންކުރެވޭ ތަހްގީގަކަށް ބޭނުންވާ ކަންތައްތައް ފަހިނުކުރުމަށްޓަކައި ކުރެވޭ އަމަލެއް،" ފަނޑިޔާރުން ފާހަގަކޮށްފައިވެ އެވެ.
އަދި މި މައްސަލަ ދަށު ކޯޓަށް އަލުން ހުށަހަޅައިފި ނަމަ، މި މައްސަލައިގައި ހައި ކޯޓުން ފާހަގަކުރި ކަންތައްތަކުގެ މައްޗަށް ރިޔާއަތްކޮށް މައްސަލަ ނިންމުމަށް ހައި ކޯޓުގެ ހުކުމްގައި ވަނީ އަމުރުކޮށްފަ އެވެ.
މީގެ 34 އަހަރު ކުރިން ފާސްކޮށްފައިވާ މަސްތުވާ ތަކެއްޗާ ބެހޭ ގާނޫނުގެ 18 ވަނަ މާއްދާގައި ބުނެފައިވަނީ މަސްތުވާ ތަކެއްޗެއް ބޭނުންކޮށްފައިވާކަން ނުވަތަ ބޭނުންކޮށްފައި ވަނީ ކޮން ބާވަތެއްގެ މަސްތުވާ އެއްޗެއްކަން ސާބިތުކުރުމަށްޓަކައި، އެކަމުގެ ތައުލީމީ ފާހާއި ތަޖުރިބާ ލިބިފައިވާ މީހަކު ޝަރީއަތުގައި ދޭ ހެކިބަހަކީ ކުށް ސާބިތުކުރުމަށްޓަކައި ލިބޭ ހަރުދަނާ ގަރީނާއެއް ކަމަށެވެ.
މި މައްސަލަ ޖިނާއީ ކޯޓުގައި ސާބިތުނުވި އިރު ހަމަ މިފަދަ މައްސަލައެއްގައި އަމުރަށް ނުކިޔަންތެރިވި ކަމަށް ކަނޑައަޅައި އިވާން ނަސީމްގެ ކޮއްކޮ މ. އޭޝިޔާ އަހުމަދު ފާރިޝް ނަސީމް ހަތަރު މަސް ދުވަހަށް ޖަލަށްލުމަށް އެ ކޯޓުން ވަނީ އޮކްޓޯބަރު ،30 2007 ވަނަ އަހަރު ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ