ދުނިޔޭގެ ގިނަ ގައުމުތަކެއްގައި އައިޓީގެ ރޮނގުން ތައުލީމު ދެމުން އަންނަ އިންޑިއާގެ ކުންފުންޏެއް ކަމުގައިވާ އެޕްޓެކްގެ ތިން ބްރޭންޑެއް ތައާރަފްކޮށް، އޭގެ ކޯސްތަކެއް ރާއްޖޭގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.
އިންޓަނޭޝަނަލް އިންސިޓިޓިއުޓް ފޯ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް (އައިއައިޕީޑީ)އާ ގުޅިގެން، އެޕްޓެކުން މިއަދު ތައާރަފްކޮށްފައި ވަނީ އެޕްޓެކް ކޮމްޕިއުޓާ އެޑިއުކޭޝަނާއި އެރީނާ މަލްޓިމީޑިއާ އަދި ހާޑްވެއާ އެންޑް ނެޓްވޯކިން އެވެ.
ނަސަންދުރަ ޕެލަސް ހޮޓެލުގައި އޮތް މިއަދު އޮތް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެޕްޓެކްގެ ސީއީއޯ ނިނަދް ކަރްޕޭ ވިދާޅުވީ، ދުނިޔޭގެ އެކި ހިސާބުތަކުގައި ޓްރޭނިން ޕްރޮގްރާމްތައް ހިންގަމުން ގެންދާ އެ ކުންފުނީގެ ކޯސްތަކަކީ، އައިޓީ ދާއިރާގެ އެންމެ ފަހުގެ ކަރިކިއުލަމަށް އެކުލަވާލާފައިވާ ކޯސްތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ އައިޓީ ދާއިރާގައި ރާއްޖޭގައި ބޮޑު ޑިމާންޑެއް އޮތް ކަމަށާއި، އެހެން ކަމުން އެ ކުންފުނީގެ ހިދުމަތްތައް ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ފުޅާ ކުރައްވާނެ ކަމަށެވެ. އަމިއްލަ ގައުމުގައި ތިބެގެން ދިވެހި ޒުވާނުންނަށް އައިޓީގެ ދާއިރާއިން ކިޔެވުމަށް ލިބުނު ފުރުސަތު ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ރާއްޖޭގައި އެޕްޓެކުން ހިންގާ ކޯސްތައް ރަނގަޅު ފެންވަރެއްގައި ވީހާ ވެސް ހެޔޮ އަގެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ.
މ. ފާމުދޭރިގޭގައި އައިއައިޕީޑިން މިހާރު ވެސް އަންނަނީ އައިޓީ ދާއިރާގެ 12 ކޯހެއް ކިޔަވައިދެމުންނެވެ. އަދި އެޕްޓެކުން އަލަށް ތައާރަފް ކުރި ތިން ބްރޭންޑްގެ ކޯސްތައް ހިމަނައިގެން އެތަނުން ކުރިއަށް ގެންދާ ކޯސްތަކާ ބެހޭ މައުލޫމާތު ދިނުމަށް އޯޕަންޑޭއެއް މި މަހުގެ 29ގައި ބާއްވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެޕްޓެކްގެ އާ ބްރޭންޑްތައް މިއަދު ތައާރަފް ކޮށްދެއްވީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ޗެއާމަން ޑރ. އަބްދުލް މުހުސިން މުހައްމަދާއި އިންޑިއަން ހައިކޮމިޝަނަރު ދަޔަނޭޝްވަރު އެމް މުލޭ އާއި ބަންގްލަދޭޝް ހައިކޮމިޝަނަރު އެޑްމިރަލް އައްވަލް އެވެ.
އައިޓީ ދާއިރާގެ ތިން ބްރޭންޑެއް އެޕްޓެކުން ރާއްޖެ އަށް ތައާރަފުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ