އީރާނަށް އެރުމުގެ ހުއްދަ އަށް ޑރ. ޝަހީދު އެދިވަޑައިގެންފި

އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތައް ތަހުގީގުކުރުމަށް އީރާނަށް އެރުމުގެ ފުރުސަތު ތަނަވަސްކޮށްދެއްވުމަށް އދ. ގެ ހާއްސަ ރެޕަޓުއާ، ޑރ. އަހުމަދު ޝަހީދު އިއްޔެ އީރާން ސަރުކާރުގައި އެދިވަޑައިގެންފި އެވެ.
އީރާނުގެ އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތައް ބެއްލެވުމުގެ ޒިންމާ އދ. އިން ރަސްމީކޮށް ހަވާލުކޮށްފައިވާ ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. ޝަހީދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އީރާނަށް ވަޑައިގެން އެގައުމުގެ އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތައް ދިރާސާކުރެއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާކަން ރަސްމީ ލިޔުމަކުން އީރާން ސަރުކާރަށް މިހާރު އަންގަވާފައިވާނެ ކަމަށެވެ. އީރާންގެ އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތައް ބެއްލެވުމުގެ ޒިންމާއާ ޑރ.ޝަހީދު ރަސްމީކޮށް ހަވާލުވެ ވަޑައިގަތީ މި މަހުގެ އެއް ވަނަ ދުވަހު އެވެ.
އެއަށް ފަހު އޭނާ ގެންދަވަނީ އީރާނުން އދ. އަށް ކަނޑައަޅާފައި ހުންނަ މަންދޫބާ ބައްދަލުކުރެއްވުމުގެ ފުރުސަތު ހޯއްދަވަން ވެސް މަސައްކަތް ކުރައްވަމުންނެވެ. ޑރ. ޝަހީދު ވިދާޅުވެފައި ވަނީ އިންސާނީ ހައްގުތަކުގެ މައްސަލާގައި ބައިނަލްއަގުވާމީ މުޖުތަމައުން ގެންގުޅޭ މިންގަނޑުތަކަށް އީރާން ސަރުކާރުން ބޯލަނބައި ކިޔަމަންވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
"އީރާނަށް ދާން ޝައުގުވެރިވާ ވާހަކަ އާއި އަޅުގަނޑުގެ ތައާރަފެއް ވާނީ އީރާން ސަރުކާރަށް ހުށަހަޅާފައި،" ބަޔާނުގައި ޑރ. ޝަހީދު ވިދާޅުވެފައިވެ އެވެ. "އަޅުގަނޑު އުއްމީދުކުރަން އީރާން ސަރުކާރުން އިންސާނީ ހައްގުތަކުގެ މައްސަލާގައި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ތަބާވާން މަސައްކަތްކުރާނެ ކަމަށް."
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އީރާންގެ އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތަކަށް އަމާޒުކޮށްގެން ރެޕަޓުއާއެއްގެ މަގާމު އަލުން އުފައްދާފައި ވަނީ މާޗް މަހު އެވެ. އދ. އިން އީރާނަށް ކުރިން ކަނޑައެޅި ރެޕަޓުއާގެ ދައުރު 2002 ވަނަ އަހަރަށް ފަހު އިތުރުކޮށްފައެއް ނުވެ އެވެ. އެއީ އދ. ގެ ރެޕަޓުއާ އީރާނަށް އެރުން އެގައުމުން 1996 ވަނަ އަހަރު މަނާކުރުމާ ގުޅިގެންނެވެ.
އެގައުމުގެ މައްސަލަތައް ބެލުމަށް އދ. އިން އަނެއްކާވެސް މަގާމެއް އުފެއްދުމުން އީރާން ވަނީ އަނެއްކާވެސް ރުޅިގަދަވެފަ އެވެ. އެގައުމުން ބުނެފައި ވަނީ އދ.ގެ މަންދޫބުގެ ހައިސިއްޔަތުން އީރާނަށް އަރައިވަޑައިގަތުމުގެ ފުރުސަތު ޑރ. ޝަހީދަށް ވެސް ނުދޭނެ ކަމަށެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ