ރާއްޖެ އަށް ގެންނަ ބަދަލުތަކަށް ވިޔަފާރިވެރިންނާއި ރައްޔިތުން ތާއީދު: ރައީސް

ރާއްޖޭގެ އިގުތިސާދަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތައް ގެންނަން ކިތަންމެ އުނދަގޫ ވިޔަސް އެ ބަދަލުތަކަށް ރާއްޖޭގެ ވިޔަފާރިވެރިންނާއި ރައްޔިތުންގެ ތާއީދު އެބައޮތް ކަމަށް ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ މިނިވަން ދުވަސް ފާހަގަކުރުމަށް ޓަކައި އެ ގައުމުގެ އެމްބަސީން މިއަދު ހަވީރު ޓްރޭޑާސް ހޮޓަލުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ބަދަލުތައް މި އަހަރުގެ ނިމުމުގެ ކުރިން ގެންނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ސަރުކާރުން ހުށަހަޅާފައިވާ ބަދަލުތަކަކީ، އޭގެ ފުޅާ މިނާއި ފުންމިނާއި އަދި އޮއްޓަރުގެ ގޮތުން ވެސް ރާއްޖޭގައި ގިނަ ޕާޓީތައް ބައިވެރިވާ ޑިމޮކްރެޓިކް ނިޒާމެއް ތައާރަފް ކުރުމަށްޓަކައި ގެނެވުނު ދުސްތޫރީ އިސްލާހާ އެއްވަރުގެ ބޮޑެތި ބަދަލުތަކެއް ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ ކުރިއަށް ދަނީ ރަނގަޅު މަގުގައި ކަމަށާއި، ރާއްޖެ އަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކަށް ހައްލު ހޯދައި، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ރާއްޖެއާ މެދު އެމެރިކާ ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، ހިއުމަން ޓްރެފިކިންގެ މައްސަލަކަން ފާހަގަކުރައްވައި، މި މައްސަލަ ހައްލުކުރުމަށް ޓަކައި، ސަރުކާރުން ވަރަށް ހަރުދަނާކަމާ އެކު މިހާރު މަސައްކަތް ފަށާފައިވާ ކަމުގައި ރައީސް ވިދާޅުވި އެވެ. މި މަސައްކަތުގެ ތެރޭގައި، އިންސާނުން އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި، ހުނަރުނެތް މަސައްކަތު މީހުން، އެކި ކަންކަމަށް ގެނައުމުގައި ހަރަކާތްތެރިވާ ފަރާތްތައް ހާމަވާން ފަށާފައިވާކަން އެމަނިކުފާނު ވިދާޅުވި އެވެ. ހިއުމަން ޓްރެފިކިންގެ މައްސަލައަކީ، ރާއްޖެއިން ވެސް ވަރަށް ކަންބޮޑުވާ މައްސަލައެއްކަން ބަޔާންކުރައްވައި، ރާއްޖެއިން ބޭނުންވަނީ، އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، ޝަރަފްވެރިކަމާއެކު ދުނިޔޭގެ އެހެން ގައުމުތަކާއެކު ހަރަކާތްތެރިވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސް މިއަދުގެ ވަގުތެއްގައި ވަނީ އެމެރިކާގެ އެމްބެސެޑަރު ޕެޓްރީޝިޔާ ބުޓެނިސް އާ ބައްދަލު ވެސް ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ