މި އަހަރުގެ ރިޔާސީ އިންތިހާބު ބާއްވާ ދުވަސް ވީހާ އަވަހަކަށް އިއުލާންކުރުމަށް ރައީސް މުހައްމަދު ވަހީދު އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވައިފި އެވެ.
އެ މަނިކުފާނު ރޭ ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ މި ފަހަރުގެ ރިޔާސީ އިންތިހާބަކީ ވެސް މިނިވަން އިންސާފުވެރި އިންތިހާބަކަށް ހައްދަވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާއްވާނީ އޮގަސްޓް މަހުގެ ފަހުކޮޅު ނުވަތަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައި ކަމަށެވެ. އިންތިޚާބާގުޅޭ ކަންކަމަށް ތައްޔާރުވަމުންދާއިރު، ކޮމިޝަނަށް ލިބިފައިވާ ބަޖެޓް ކުޑަވުމުގެ ސަބަބުން އިންތިޚާބު ބޭއްވުމަށް ދަތިވާނެ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެ ކޮމިޝަނަށް މި އަހަރަށް ލިބިފައިވަނީ ޖުމުލަ 59 މިލިއަން ރުފިޔާ އެވެ.
އިންތިޚާބު ގާތްވަމުން އަންނައިރު، ގިނަ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުން މިހާރު ވަނީ ކެމްޕޭނު ފައްޓަވައިފަ އެވެ. އަދި ބައެއް ޕާޓީތަކުން ރިޔާސީ ޕްރައިމަރީ އަށް ދަނީ ތައްޔާރުވަމުންނެވެ.
ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީހެއް އިއުލާންކުރުމަށް ރައީސް ވަހީދު ގޮވާލެއްވިއިރު، ރިޔާސީ އިންތިހާބުގެ ކުރިން އިންތިގާލީ އިންތިޒާމުތަކެއް ހަމަޖެއްސުމަށް އިދިކޮޅު ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލައްވައިފަ އެވެ.
ރިޔާސީ އިންތިހާބު ބާއްވާ ދުވަސް އިއުލާންކުރުމަށް ރައީސް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ