ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ބޭބެ މުހައްމަދު ޝާހިދު ބަންދުގައި ބެހެއްޓުމުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
މުހައްމަދު ޝާހިދުގެ ހައްޔަރުކޮށްފައި ވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ 24 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލައިގެ ތުހުމަތުގަ އެވެ. އެ ތުހުމަތުގައި އޭނާ ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުން ވަނީ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެހެންވުމުން ދަށު ކޯޓުގެ އެ އަމުރު މުހައްމަދު ޝާހިދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރީ އެވެ.
އެ މައްސަލަ ބެލުމަށްފަހު ހައި ކޯޓުން އިއްވި ހުކުމުގައި ވަނީ މުހައްމަދު ޝާހިދުގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަކީ މީގެ ދެތިން އަހަރު ކުރިން ހިނގާފައިވާ ކަންތައްތަކެއް ކަމަށްވާއިރު އޭނާއަކީ މިހާރު ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގައި މަސައްކަތްކުރާ މީހަކަށް ނުވާތީ އޭނާ އަކީ ހެކިންނަށް ނުފޫޒު ފޯރުވޭފަދަ މަގާމެއް ހުރި މީހެއް ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރުމުގެ ކުރިން ވެސް އޭނާގެ ބަޔާންތައް ފުލުހުން ނަގާފައިވާކަން ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން އެ މައްސަލައަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ތަހުގީގުކުރި މައްސަލައަކަށްވެފައި ޝާހިދުގެ ކުށުގެ ރިކޯޑަށާއި ވަށައިގެންވާ ކަންކަމާއި ހާދިސާ ހިނގާފައިވާ ޒަމާނަށް ބަލާއިރު އޭނާގެ ފަރާތުން މުޖްތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވެން ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެހެންކަމުން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލްކުރާ ކަމަށް އެ ހުކުމުގައިވެ އެވެ.
ޝާހިދު ބަންދުގައި ބަހައްޓަން ނެރުނު އަމުރު ބާތިލްކުރިއިރު ފުލުހުންގެ ބަންދުގައި ޝާހިދު ހުއްޓާ އޭނާ ބަލިވެގެން އޭނާ ރޭ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކުރި އެވެ. ނަމަވެސް މިއަދު ހެނދުނު އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.
މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ މުހައްމަދު ޝާހިދުގެ އިތުރުން އެ ސެންޓަރުގެ އިސް ވެރިއަކަށް ކުރިން ހުންނެވި ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޝާހިދާއި މއ. އެވަގްލޯރީ އަހުމަދު އާރިފު (އާއްޓޭ) އާއި ބ. އޭދަފުށީ ދިގަލި މުހަންމަދު ވަހީދާއި ގދ. ހޯނޑެއްދޫ ފޭރުމާގޭ އަބްދުﷲ ސައީދެވެ. އެ މީހުންގެ ބަންދަށް ވެސް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް ނެރުއްވި ޚާއްސަ އޮޑިޓް ރިޕޯޓެއްގައި ބުނެފައި ވަނީ 2005 ވަނަ އަހަރު އެޕޯލޯ ހާޑްވެއާ ސްޓޯރާއި އެޕޯލޯ ހޯލްޑިންގެ ނަމުގައި އިންވޮއިސް ހަދައިގެން ފައިސާ ނަގާފައިވާ ފޯމުތަކެއްގެ ފޮޓޯ ކޮޕީ ބޭނުންކޮށްގެން އެ އަށް އިންވޮއިސް ހަދައިގެން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު އެލޮކޭޓް ބިޒްނަސް ކޮމްޕެނީ އިން މަކަރާއި ހީލަތުން ދައުލަތުގެ ފައިސާ ހިޔާނާތުގެ ގޮތުގައި ނަގާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
ޝާހިދުގެ ބޭބެ ބަންދުގައި ބަހައްޓަން ނެރުނު އަމުރު ހައި ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ