ދިއްގަރު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ ނުބާއްވާ މައްސަލަ ބަލައިދޭން އެދެފި
ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ދިއްގަރު ދާއިރާގެ ގޮނޑި އަށް އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް، ޕްރައިމަރީ ނުބާއްވާ މައްސަލަ ބަލައިދޭން އެދި ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިން މިއަދު އެމްޑީޕީގައި އެދިވަޑައިގެންފި އެވެ.ދިއްގަރު ދާއިރާ އަށް އެމްޑީޕީން ވާދަކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ޝުޖާއު، އެ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެ ދާއިރާ އަށް އެމްޑީޕީގެ ކެންޑިޑޭޓަކު ނުނެރޭނެ ކަމަށާއި ޕްރައިމަރީ ނުބާއްވާނެ ކަމަށް ދޭހަވާގޮތަށް އަލީ ވަހީދު ވާހަކަ ދައްކަވަމުން ގެންދަވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި އެއީ އިންތިހާބުތަކުގައި އެ ޕާޓީން މިހާތަނަށް އަމަލުކޮށްފައިވާ އުސޫލާ ވެސް ހިލާފު ނިންމުމެއް ކަމަށް ޝުޖާއު ވިދާޅުވި އެވެ."ޕްރައިމަރީ ނުބާއްވާނެ ކަމަށާއި އެ [ދިއްގަރު] ދާއިރާ އަށް ނެރޭނީ 'އަނިޔާވެރިކަމާ ދެކޮޅަށް' ހަރަކާތުގައި ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓެއް ކަމަށް [އަލީ ވަހީދު] ވިދާޅުވެފައި ވަނީ ކަނޑައެޅިގެން ޕާޓީގެ އަސާސީ ގަވާއިދާއި މިހާތަނަށް ޕާޓީން އަމަލުކޮށްފައިވާ އުސޫލްތަކާ ވެސް ހިލާފަށެވެ،" ޝުޖާއު ވިދާޅުވި އެވެ.ދިއްގަރު ދާއިރާ އަށް އެމްޑީޕީގެ ކެންޑިޑޭޓަކު ނުނެރެން ޕާޓީގެ ގައުމީ މަޖިލީހުންނާއި ގައުމީ ހިންގާ ކޮމެޓީން ވެސް ނިންމާފައި ނުވާ ކަން ސިޓީގައި ފާހަގަކޮށްފައިވެ އެވެ."އެހެންކަމުން ޗެއާޕާސަން އަލީ ވަހީދުގެ އެ ނިންމެވުންތަކަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ޣައިރު ދުސްތޫރީ ކަންކަމެވެ،" ސިޓީގައިވެ އެވެ. އަލީ ވަހީދު ވިދާޅުވެފައިވާ ގޮތުގައި ދިއްގަރު ދާއިރާ އަށް އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ ގޮނޑިއަކީ އެ ޕާޓީ އަށް މުހިއްމު ގޮނޑިއެއް ކަމަށާއި އިދިކޮޅު ޕާޓީން ނެރޭ ކެންޑިޑޭޓާ އެކު އެ ގޮނޑި ކާމިޔާބުކުރާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.ދިއްގަރު ދާއިރާގެ އިންތިހާބު ބާއްވަން ނިންމާފައި ވަނީ ޖޫން 6 ގަ އެވެ. އެ އިންތިހާބުގައި ވާދަކުރާނެ ޕީޕީއެމް ކެންޑިޑޭޓަކު ހޮވުމަށް އަންނަ ހުކުރު ދުވަހު ޕްރައިމަރީ ބާއްވާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ