ގާސިމް ބަންދު ކުރުމަކީ ދޭ އަނިޔާއެއް: ނަޝީދުު

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރަން އުޅުނު ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށް ބަންދުކޮށްފައި ބެހެއްޓުމަކީ އޭނާއަށް ދޭ އަނިޔާއެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ، މިދިއަ ބުރާސްފަތިދުވަހުން ފެށިގެން، ހުންނަވަނީ ދޫނިދޫ ޖަލުގަ އެވެ. އޭނާގެ ބަންދުގެ މުއްދަތަށް ދިން ހަ ދުވަސް މިއަދު ހަމަވާނެ އެވެ.
"ގާސިމް އަކީ ކުރީގެ މިނިސްޓަރެއް، މަޖިލިސް މެމްބަރެއް އަދި ގިނަ ބަޔަކަށް ވަޒީފާ ދޭ ދީލަތި ބޭފުޅެއް. އޭނާ ބަންދުކުރުމަކީ ނުހައްގުން ދޭ އަނިޔާއެއް،" އެއީ، ލަދުވެތިކަމެއްކަން ސިފަކުރައްވައި ނަޝީދު ވިދާޅުވި އެވެ.
ގާސިމަށް ތިން ދައުވާއެއް ކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފަ އެވެ.
އޭނާގެ މައްޗަށް ދައުވާކުރަނީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.
ޖަލުގައި ގާސިމް އިންނެވި ތަނުން ވައި ދައުރު ނުވުމާއި އާއިލާއާ ބައްދަލު ކުރުމުގެ ފުރުސަތު ނުދޭ މައްސަލަ އިދިކޮޅު ކޯލިޝަނުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ