ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބް ރައީސް މަގާމުން ދުރުކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅޭނީވެސް 42 މެންބަރުންގެ ސޮޔާއިއެކުކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސްފައިވާއިރު، އެކަންކުރި މެންބަރުންގެ "ހަމަބުއްދި" ކޮބައިތޯ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ސުވާލްކުރައްވައިފިއެވެ.
ރައީސް މައުމޫން މެންބަރުންގެ "ހަމަބުއްދި" ކޮބައިތޯ ސުވާލްކުރެއްވީ މިއަދު ހެނދުނު އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ގާނޫނޫ އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލީހުގެ 29 މެންބަރުންގެ ސޮޔާއިއެކު ހުށައެޅިދާނެކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ހުށައަޅަންޖެހެނީ 42 މެންބަރުންގެ ސޮޔާއިއެކުކަމަށެވެ. އެހެންކަމުން އެ ބަދަލު މަޖިލީހުގެ ގަވާއިދަށް ގެނައި މެންބަރުންގެ ހަމަ ބުއްދި ކޮބައިތޯ ރައީސް މައުމޫން ވަނީ ސުވާލް ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބް ރައީސް މަގާމުން ދުރުކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅޭނީވެސް 42 މެންބަރުންގެ ސޮޔާއިއެކުކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސްފައިވާއިރު، އެކަންކުރި މެންބަރުންގެ "ހަމަބުއްދި" ކޮބައިތޯ ރައީސް މައުމޫން ސުވާލް ކުރައްވާފައިވާއިރު، މި ބަދަލު މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވަނީ އިއްޔެ އެކަމަށް ޚާއްސަކޮށް ބޭއްވި ޖަލްސާއެއްގައެވެ.
އޭގެ ކުރިން މަޖިލީހުގެ އާންމު ކޮމެޓީން މި އިސްލާހު މަޖިލީހުގެ ގަވާއިދަށް ގެނައުމަށް ފާސްކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު ކުއްލިގޮތަކަށް އާންމު ކޮމެޓީގެ ބައްދަލްވުމެއް ބޭއްވުމަށްފަހުއެވެ.
މި ކޮމެޓީގެ ބައްދަލްވުން ފެށީ ސަރުކާރު ހިންގާ ޕާޓީން އޭގެ ކުޑައިރުކޮޅެއްގެ ކުރިން ނޫސްވެރިންގެ ބައްދަލްވުމެއް ބާއްވާ މަޖިލީހުގެ ރައީސާއި ނާއިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅަން ދެން ފުރުސަތު ނުދޭނެކަމަށާ އެކަމަށްޓަކައި މަޖިލީހުގެ ގަވާއިދު ބަދަލުކުރާނެކަމަށް ހާމަކުރުމާއިއެކުގައެވެ.
އިއްޔެ މަޖިލީހުން އެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަކީ ގާނޫން އަސާސީއާއި ޚިލާފަށް ގެނެސްފައިވާ އިސްލާހެއްކަމުން އެ އިސްލާހަށް ވޯޓަށް އެހިއިރު އިދިކޮޅު ހުރިހާ މެންބަރުން ވަނީ މަޖިލީހުގެ ޗެންބަރު ދޫކުރައްވާ ވަޑައިގެންފައެވެ. އަދި އެ މެންބަރުން ވަނީ އެއީ ބާތިލް އިސްލާހެއްކަމަށާ އެ އިސްލާހު މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާކަމަށް ގަބޫލްނުކުރައްވާކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ސަރުކާރަށް ވަފާތެރި މެންބަރުން އެކަނި ޗެންބަރުގައި ތިއްބައިގެން ނެންގެވި މި ވޯޓަށްފަހު މި އިސްލާހު މަޖިލީހުގެ ގަވާއިދުގައި ހިމަނުއްވާކަމަށް މަޖިލީހުގެ އިއްޔެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދު ވަނީ ވިދާޅުވެފައެވެ. އިއްޔެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަކީ މަސީހާއި މޫސާ މަނިކުގެ މަގާމު ސަލާމަތްކުރުމަށް ގެނައި އިސްލާހަކަށްވީއިރު، އެ އިސްލާހަށް ވޯޓަށް އަހަން މަސީހު ރިޔާސަތު އިންނެވުމަކީ ޑިމޮކްރަސީގެ ހަމަތަކާއި ބީރައްޓެހި އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
މަޖިލީހުގެ ގަވާއިދަށް ބަދަލުގެނައި މެންބަރުންގެ "ހަމަބުއްދި" ކޮބައިބާ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ