އަންނަ މަހު ބާއްވާ ޕީޕީއެމްގެ ކޮންގްރެސްގައި އިންތިހާބުކުރާ އެ ޕާޓީގެ ނާއިބު ރައީސް ކަމަށް ވާދަކުރައްވާ ތިން ބޭފުޅުންގެ ތެރެއިން އަބްދުއްރަހީމަށާއި އަހުމަދު އަދީބަށް ތާއީދު ކުރައްވާކަން، އެ މަގާމަށް ކުރިމަތިލައްވައި ނަން އަނބުރާ ގެންދެވި ބައެއް ބޭފުޅުން އިއުލާން ކުރައްވާފައިވާއިރު، ރިޔާސީ ޕްރައިމަރީ އަށް ނުކުންނަވާ އުމަރު ނަސީރުގެ ތާއީދު އޮތީ އިލްހާމް އަހުމަދަށް ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ. 
"ހަވީރު" ން ދެންނެވި ސުވާލެއްގެ ޖަވާބުގައި އުމަރު ވިދާޅުވީ އިލްހާމަކީ "އަޅުގަނޑުގެ މީހެއް" ކަމަށާއި އިލްހާމް އެންޑޯސް ކުރައްވާނެ ކަމަށެވެ. 
"އަޅުގަނޑުގެ ސަޕޯޓަރުން ކައިރީގައި ދަންނަވާނަން އަޅުގަނޑަށް ދޭން އޮތް ވޯޓު އިލްހާމަށް ދޭށޭ. އޭގެ ސަބަބު ވަރަށް ސާފު. އެންމެ އުނދަގޫވި ގަޑީގައި، މި ރާއްޖޭގެ އިދިކޮޅު ޕާޓީން ފައިސާގައި ޖެހި އޭގެ ދާގަނޑު ތެރެއަށް ދިޔަ ގަޑީގައި އަޅުގަނޑާއެކު އެ ޕާޓީ ސަލާމަތް ކުރަން ނުކުތް އޭރުގެ ހަމައެކަނި އިސް މީހާ އިލްހާމަކީ. އެންމެން އޭރު ތިބީ ފަހަތަށް ޖެހިފައި. އިލްހާމަކީ ވަރަށް ވަރުގަދަ ޝަހުސިއްޔަތެއް،" މިހާރު ލ. އަތޮޅުގައި ހުންނެވި އުމަރު ވިދާޅުވި އެވެ. 
އިދިކޮޅު ޕާޓީއެއް ކަމަށް އޭނާ އެ އިޝާރާތް ކުރައްވަނީ ޑީއާރުޕީ އަށެވެ. އެމްޑީޕީ ވެރިކަމުގައި އޮތް ދުވަސްވަރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތީ ޑީއާރުޕީ އެވެ. 
ޕީޕީއެމްގެ ޑެޕިއުޓީ ޕީޖީ ލީޑަރު އިލްހާމަށް ތާއީދުކުރައްވާކަން އުމަރު އިއުލާން ކުރެއްވިއިރު، ނާއިބު ރައީސްކަމަށް ކުރިމަތިލައްވައި ނަން އަނބުރާ ގެންދެވި އަހުމަދު މަހުލޫފާއި އަހުމަދު ނިހާން ހުސެއިން މަނިކު އަދި ޖައުފަރު އީސާ އާދަމް (ޖައުސާ ޖައުފަރު) ގެ ތާއީދު އޮތީ މިހާރުގެ އިންތިގާލީ ނާއިބު ރައީސް އަބްދުއްރަހީމަށާއި ޓޫރިޒަމް މިނިސްޓަރު އަދީބަށެވެ.
އުމަރު ވިދާޅުވީ ޑީއާރުޕީ އަދި ޕީޕީއެމް ވުޖޫދަށް އައުމުގައި ވެސް އިލްހާމް ނަތީޖާ ނެރުއްވާފައިވާ ކަމަށެވެ. އަދި ނާއިބު ރައީސް ކަމަށް މިހާރު ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރޭގައި ޕީޕީއެމް އަށާއި އެ ޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އިހުލާސްތެރި ބޭފުޅެއް އިލްހާމް ފިޔަވައި ނުހުންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 
"ސިޔާސީ ޕާޓީތަކަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ކޮރަޕްޝަން. އެކި ޕާޓީތަކުގައި އިސްކޮށް ތިއްބެވި ބޭފުޅުން އެކި މީހުންގެ އަތުން ނާޖާއިޒް ފައިދާ ނަގައި ހަދަމުންދޭ. އަޅުގަނޑުމެން ޑީއާރުޕީ ތެރޭގައި ތިބިއިރު އެ މަންޒަރު ވަރަށް ސާފުކޮށް ފެނުނު. އެކަމާ ދެކޮޅަށް އަޅުގަނޑާއެކު ފާޅުގައި ތެދުވަން ކެރުނު ހަމައެކަނި ބޭފުޅަކީ އިލްހާމް. އެހެން ބޭފުޅުން ވެސް އަޅުގަނޑާއެކު ތިއްބެވި. އެކަމަކު ފާޅުގައި ތެދުވީ އިލްހާމް އެކަނި،" އުމަރު ވިދާޅުވި އެވެ. "މި ކަހަލަ ކްރިޓިކަލް ދަނޑިވަޅެއްގައި އިލްހާމް ފަދަ ބޭފުޅަކު ނާއިބު ރައީސްކަމުގައި ހުރުން މުހިންމު ވޭ. އެއީ މި ޕާޓީއަށްޓަކައި ގުރުބާންވި ބޭފުޅެއް." 
އިލްހާމް އިއްޔެ ވިދާޅުވެފައި ވަނީ ޕީޕީއެމްގެ އިސްބޭފުޅުންތަކެއް އަޑީގައި ތިއްބަވައިގެން އޭނާ "ދުއްވާލަން" މަސައްކަތް ކުރައްވާ ކަމަށެވެ. އަދި ކޮންގްރެސްގައި ޕީޕީއެމްގެ ބައެއް އިސްވެރިން އޭނާއާ ދެކޮޅަށް މަސައްކަތް ކުރައްވާ ކަމަށް އިލްހާމް ތުހުމަތު ކުރައްވަ އެވެ.
    
    އިލްހާމަކީ އަޅުގަނޑުގެ މީހެއް: އުމަރު
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            