އުނގޫފާރު ދާއިރާގެ މެމްބަރު މަގާމުގެ ހުވާ ކުރައްވައިފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ޕީޕީއެމްގެ މެމްބަރު އިބްރާހީމް އަމީން މަޖިލީހުގެ މެމްބަރުކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ހެނދުނު 00: 9 ގައި ފެށުމުގެ އިރުކޮޅެއް ކުރިން އަމީން ވަނީ މަގާމުގެ ހުވާ ކުރައްވާފައިވާ ކަމަށް މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ އިއުލާން ކުރައްވައިފަ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެމްބަރުންގެ ނަމުގައި އަޅުގަނޑު އުނގޫފާރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްފާޟިލް އިބްރާހީމް އަމީން އަށް ރައްޔިތުންގެ މަޖިލީހަށް މަރުހަބާ ދަންނަވަން. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ އާއިލާގެ ތެރެއިން މެމްބަރަކު އެއް ގޮނޑި ހުސްވުމަށް ފަހު އަލްފާޟިލް އިބްރާހިމް އަމީން މަޖިލީހުގެ ތެރެއަށް އިންތިހާބުވެވަޑައިގަތުމުން މިހާރު މަޖިލީހުގެ ޖުމުލަ އަދަދު ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އަނެއްކާ ވެސް މިވަނީ 77 އަށް ބަދަލުވެފައި،" ޝާހިދު ވިދާޅުވި އެވެ. "އަޅުގަނޑުމެން މިހާރު ފަށާފައިވާ ބަޖެޓް ބަހުސްތަކާއި މަޖިލީހުގެ ހުރިހާ މަސައްކަތްތަކެއްގައި ވެސް އަލްފާޟިލް އިބްރާހީމް އަމީން، އުނގޫފާރު ދާއިރާގެ އިއްޒަތްތެރި މެމްބަރު ވަރަށް ފުރިހަމައަށް ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އަޅުގަނޑުގެ އެބައޮތް."
އުނގޫފާރު ދާއިރާގެ ގޮނޑި ހުސްވީ ކުރިން އެ ގޮނޑި ފުރުއްވި ޑރ. އަފްރާޝީމް އަލީ އަށް އޮކްޓޫބަރު 1 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ބަޔަކު ހަމަލަދީ އަވަހާރަކޮށްލުމާ ގުޅިިގެންނެވެ.
އުނގޫފާރު ދާއިރާގެ ގޮނޑި ހުސްވުމުން އެ ގޮނޑި ޑރ. އަފްރާޝީމްގެ ކޮއްކޮ އަމީން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ޑރ. އަހުމަދު އަޝްރަފްއާ ވާދަކުރައްވައި 1159 ވޯޓާއެކުގަ އެވެ. ޑރ. އަޝްރަފަށް ލިބިވަޑައިގަތީ 1078 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ