މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރިސޯޓެއް ތަރައްގީކުރުމަށް ދޫކޮށްފައިވާ ފަޅުރަށެއް ކަމަށްވާ ވ. ފޮއްތެޔޮ ގައި ރިސޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަން އަލުން އިއުލާނުކޮށްފައި ވަނިކޮށް، އެކަމާ ގުޅޭގޮތުން އެއްވެސް ކަމެއް ނުކުރުމަށް އެމްޓީސީސީގެ މައްޗަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
އެފަދަ އަމުރެއް ނެރުނީ އެމްޓީސީސީއާ ގުޅިގެން ރިސޯޓެއްގެ ގޮތުގައި ފޮއްތެޔޮ ތަރައްގީކުރަން ފުރަތަމަ ހުޅުވާލުމުން އެކަމަށް ކުރިމަތިލި އެކުއާސަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަޔަކާ ގުޅިގެންނެވެ. މައްސަލަ ހުށަހެޅި އެކުއާސަން ހޮލިޑޭސް އިން މީގެ ކުރިން ވަނީ ފޮއްތެޔޮ ތަރައްގީކުރަން އެމްޓީސީސީ އާ އެކު އެމްއޯޔޫގައި ސޮއިކޮށްފަ އެވެ. ނަމަވެސް ފޮއްތެޔޮ ތަރައްގީކުރުމަށް އަލުން ހުޅުވާލާފައި ވަނީ އެކުއާސަންއާ ރަށް ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ.
ސިވިލް ކޯޓުން މިދިޔަ ބުދަ ދުވަހު ނެރުނު ވަގުތީ އަމުރުގައި ވަނީ ފޮއްތެޔޮ ހިންގުމަށްޓަކައި އެކުއާސަން ހޮލިޑޭސްއާއެކު ކޮށްފައިވާ މުއާމަލާތަކީ ގާނޫނާ ހިލާފް އަމަލުތަކެއް ނަމަ އެކަމާމެދު ގޮތެއް ނިންމޭނީ އެ މައްސަލައިގެ ހުކުމުން ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި އެ ކޯޓުން ހުކުމެއް ކުރަންދެން ނުވަތަ ވަކިގޮތަކަށް އަންގަންދެން، ފޮއްތެޔޮ ހިންގުމަށްޓަކައި އެ ރަށް އެއްވެސް ފަރާތަކާ ހަވާލުކުރުމުގެ ގޮތުން މުއާމަލާތެއް ނުކުރަން ވަނީ އަމުރުކޮށްފަ އެވެ.
ދަތުރުފަތުރުގެ ނިޒާމުގެ ހިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލުކުރިއިރު ސަބްސިޑީއެއްގެ ގޮތުގައި ދީފައިވާ، 13 ހެކްޓަރުގެ ފޮއްތެޔޮ ތަރައްގީކުރަން އެއްވެސް ފަރާތަކާ ހަވާލުނުކުރަން ކޯޓުން އެންގިއިރު އެ ރަށް ހިންގުމަށްޓަކައި ބަޔަކު ހޯދަން އެމްޓީސީސީން ދެ ވަނަ ފަހަރަށް އިއުލާނުކުރީ މި މަހު އެވެ.
ފޮއްތެޔޮ ތަރައްގީކުރުމަށް ބަޔަކާ ހަވާލުކުރުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ