ގާސިމް މިނިވަން ކުރުމަށް ގޮވާލާ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަނީ

ފުލުހުންގެ ހައްޔަރުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިނިވަން ކުރުމަށް ގޮވާލާ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް ސޮއި ކުރަން ފަށައިފި އެވެ.
ގާސިމް ފުލުހުންގެ ބަންދުގައި ހުރި އިރު އޭނާގެ މައްޗަށް ވަނީ ތން ދައުވާއެއް އުފުލައި ޝަރީއަތް ފަށާފައި އެވެ. ދައުވާ އުފުލާފައިވަނީ ސަލާމަތީ ބާރުތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާއި، މަޖިލީހު މެންބަރުންނަށް ރިޝްވަތު ދޭން އުޅުއްވުމުގެ އިތުރުން ގާނޫނީ ގޮތުން އުފެދިފައިވާ ޝަރުކާރެއް ވައްޓާލަން އުޅޭކަމުގެދައުވާ އެވެ.
މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ މި ޕެޓީޝަނަކީ ގާސިމް ނިސްބަތްވާ އދ. މާމިގިލީ ރައްޔިތުން އިސްވެ ސޮއި ކުރަން ފަށާފައިވާ ޕެޓިޝަނެކެވެ. އެ ރަށު ކައުންސިލްގެ ރައީސް ޖުނައިދު އިބްރާހިމް ވިދާޅުވީ ގާސިމް ހައްޔަރު ކޮށްފައިވަނީ  ކުށެއް ކުރައްވައިގެން ކަމަކަށް އެ ރަށުގެ ރައްޔިތުން ގަބޫލުނުކުރާ ކަމަށެވެ.
އެހެންވެ، ގާސިމް ވަގުތުން ދޫކޮށްލަން ގޮވާލައި އިއްޔެ ސޮއިކުރަން ފެށި ޕެޓިޝަން ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަމަށާއި އެ ޕެޓިޝަންގައި މާމިގިލީ ރައްޔިތުންގެ އިތުރުން ގާސިމް މިނިވަން ކުރުމަށް އެދޭ ގިނަ ބަޔަކު ސޮއި ކުރާނެ ކަމަށެވެ. ޖުނައިދު ވިދާޅުވީ ގާސިމް ހައްޔަރު ކޮށްފައިވަނީ އިންސާފުން އެއްކިބާވެ ކަމަށެވެ.
އެއީ ފައިސާ ގޯނި ހިފައިގެން މެންބަރުންގެ އަރިހަށް ވަޑައިގެންނެވިކަމަށް މަޖިލީހުގެ ޖަލްސާގައި ފާޅުގައި ވާހަކަދެއްކެވި މެންބަރުންނަށް ފިޔަވަޅު ނާޅާ ކަމަށް އޭނާ ވިދާޅުވި އެވެ. ޖުނައިދު ވިދާޅުވީ ޕާޓީތަކަށް މީހުން އިތުރުކުރުމަށާއި ކެމްޕޭންތަކަށް ފާޅުގައި ފައިސާދޭ މަންޒަރު ފެންނަ އިރު ފުލުހުން އެކަމަށް ފިޔަވަޅު ނާޅާ ކަމަށެވެ.
ގާސިމް ހައްޔަރު ކުރީންސުރެ ކޮންމެ ހަފްތާ ބަންދަކު މާމިގިލީގައި ގެންދަބީ ގާސިމް ދޫކޮށްލުމަށް ގޮވާލާ މުޒާހަރާތައް ބާއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ