އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ވާދަކުރާ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމާއި މެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް ޕީޕީއެމް ގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅު ވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ސިންގަޕޫރުގައި ހުންނަ އިނގިރޭސި ވިލާތުގެ ހައި ޔުނިވާސިޓީގެ ސިންގަޕޫރު ކެމްޕަސްގައި "މާސްޓާސް އިން ބިޒުނަސް އެޑްމިނިސްޓްރޭޝަން" ގެ ދާއިރާއިން ތައުލީމު ހާސިލް ކުރެއްވުމަށްފަހު ރޭ މާލެ ވަޑައިގެން ނޫސްވެރިން ނަށް މައުލޫމާތު ދެއްވަމުންނެވެ. އޭނާ ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމާއި މެދު މިހާތަނަށް ގޮތެއް ނުނިންމާ މަޑުކުރީ އޭނާ މަތީ ތައުލީމު ހާސިލް ކުރައްވަމުން ގެންދަވާތީ ކަމަށާއި، ނަމަވެސް ކިޔެވުމުގެ ހުރިހާ ކަމެއް ނިމިފައިވާތީ އެކަމަށް އެއްވެސް ހުރަހެއް މިހާރު ނެތް ކަމަށެވެ.
އެ ޕްރައިމަރީގައި އޭނާ ވާދަ ކުރުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށާއި، އެކަމާއި މެދު ލަހެއް ނުވެ ގޮތެއް ނިންމާ އެކަން އިއުލާނު ކުރައްވާނެ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
"ރިޔާސީ ޓިކެޓަށް އަޅުގަނޑު ވާދަކުރާނެ ކަން އިއުލާނު ނުކޮށް މަޑުކުރީ އެމްބީއޭގެ ނަތީޖާ އަންނާނެ ގޮތްވެސް ބެލުމަށް ޓަކައި. ނަމަވެސް މިހާރު އެކަމަކަށް އެއްވެސް ހުރަހެއް ނެތް. އެހެންވީމަ ވަރަށް އަވަހަށް ގޮތެއް ނިންމާ އެކަން އިއުލާނު ކުރާނަން. އަޅުގަނޑު އެކަމަށް ވަަރަށް ޝައުގުވެރިކަންވެސް އެބަހުރި،" އުމަރު ވިދާޅުވި އެވެ.
އަންނަ ފެބުރުއަރީގައި ޕީޕީއެމްގެ ޕްރައިމަރީ ބާއްވަން އެ ޕާޓިން ނިންމާފައިވާއިރު އެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް މިހާތަނަށް އިއުލާނު ކޮށްފައިވަނީ ރައްޔިތުންގެ މަޖލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އެވެ.
ޕްރައިމަރީގައި ވާދަ ކުރުމަށް މިހާރު ހުރަހެއް ނެތް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ