އެމްބީސީގެ ބޯޑު މެމްބަރު އިގުބާލް އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ގެ ބޯޑު މެމްބަރު އިގުބާލް އާދަމް މިއަދު އެ ބޯޑުން އިސްތިއުފާ ދެއްވައިފި އެވެ.
ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑު ހިންގާ އެމްބީސީގެ ބޯޑުން އިގުބާލް އިސްތިއުފާ ދެއްވީ އެމްބީސީ އަށް ވުރެ ފުޅާ ދާއިރާއެއްގައި ގައުމަށް ހިދުމަތް ކުރައްވަން ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިވަގުތު ބޭނުންވަނީ ސިޔާސީ ދާއިރާ އިން ކުރިއަށް ވަޑައިގަތުމަށް ކަމަށެވެ.
"ގައުމުގެ މި އޮތް ހާލަތު ރަނގަޅު ކުރެވެން މަސައްކަތް ކުރުމުގެ ފުރުސަތު އޮތީ ސިޔާސީ ދާއިރާގައި. އެ ގޮތް އަޅުގަނޑު ބޭނުންވާތީ އިސްތިއުފާ ދިނީ،" އިގުބާލް ވިދާޅުވި އެވެ.
އެމްބީސީގެ ބޯޑުން އިގުބާލް އިސްތިއުފާ ދެއްވިއިރު އެ ބޯޑުގެ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި ނަހުލާ އަލީ ވެސް ވަނީ ޑިސެމްބަރު 30 ގައި އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ ވެސް އިސްތިއުފާ ދެއްވައި ގުޅިވަޑައިގަތީ ސިޔާސީ ދާއިރާ އަށެވެ.
އެމްބީސީ ބޯޑުގައި މިހާރު ތިއްބަވަނީ އަލީ ޝަރީފް އާއި މުހަންމަދު ޝަފްރާޒް ހާފިޒް އާއި އިބްރާހިމް އުމަރު މަނިކާއި އަލީ ޝަމްއާނާއި މުސްތަންސިރު މުމްތާޒް އާއި އައިޝަތު ދިޔާނާ ތޯހިރު އަދި އަބްދުލްހަމީދު އަބްދުއްސަމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ