"ހަވީރު" ވިއްކުން ހުއްޓުވުމަށް ނެރުނު އަމުރު އިސްތިއުނާފުކޮށްފި

ހަވީރު ނިއުސް އެޖެންސީގެ ދަށުން ކުރާ ވިޔަފާރިތައް ވިއްކުން ހުއްޓުވުމަށް ސިވިލް ކޯޓުން މޭ މަހުގެ ތެރޭގައި ނެރުނު ވަގުތީ އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
"ހަވީރު" ނޫހުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ޗެއާމަން މުހައްމަދު ޒާހިރު ހުސެއިންގެ މައްޗަށް 'ހަވީރު ނޫސް އެޖެންސީ'ގެ ކުރީގެ ދެ މުއައްސިސެއް ކަމަށްވާ އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ސިވިލް ކޯޓުގައި އުފުލާފައިވާ ދައުވާއާ ގުޅިގެން މޭ 14ގައި ވަގުތީ އަމުރެއް ނެރުނީ "ހަވީރު" ނޫހާއި އޭގެ ދަށުން ހިންގާ އެންމެހާ ވިޔަފާރި ވިއްކާލަން އުޅޭކަމުގެ އަޑުތަކެއް މީޑިއާގައި އާންމުވެފައިވާތީ އޭގެ ސަބަބުން މުއައްސިސުންގެ ހައްގުތަކަށް އުނިކަމެއް ލިބުމުގެ ފުރުސަތު އޮތުމުން އެ ދެ ބޭފުޅުން އެދިވަޑައިގެންނެވުމާ ގުޅިގެންނެވެ.
ސިވިލް ކޯޓުގައި ދައުވާކޮށްފައި ވަނީ މުހަންމަދު ޒާހިރު ހުސައިނާއި އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު އަދި މުހައްމަދު ނައީމް ނަމަކަށް ކިޔާ މީހަކު އެއްވަރަށް ހިއްސާވާ ގޮތަށް 1 އޭޕްރީލް 1983 ވަނަ އަހަރު އުފެއްދި 'ހަވީރު ނިއުސް އެޖެންސީ'ގެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން "ހަވީރު"ގެ އާމްދަނީން އެ ދުވަހުން ފެށިގެން މިހާތަނަށް ލިބެންޖެހޭ ބައި ނަގައިދިނުމަށެވެ.
ވަގުތީ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެން މިއަދު އޮތް އަޑު އެހުމުގައި ޒާހިރުގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ދައުވާ ކޮށްފައި ވަނީ 'ހަވީރު ނިއުސް އެޖެންސީ'ގެ ހައްގު ހޯދުމަށް ކަމަށްވާ އިރު "ހަވީރު" ނޫހާއި އެޖެންސީއަކީ މުޅިން ވަކި އެންޓިޓީއެއް ކަމަށެވެ. އަދި 'ހަވީރު ނިއުސް އެޖެންސީ'އަކީ 1985 ވަނަ އަހަރު އުވި ގޮސްފައިވާ ތަނެއް ކަމަށާއި އެ އެޖެންސީގެ ހައްގެއް އޮތް ނަމަ އެފަދަ ހައްގެއް ހޯދުމަށް ދައުވާކުރުން އެންމެ އެކަށީގެން ވަނީ އެ ދުވަސްވަރު ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
ވަގުތީ އަމުރު ނެރެފައި ވަނީ ގާނޫނީ އުސޫލްތަކާ ހިލާފަށް ކަމަށް ދެކިވަޑައިގަންނަވާ ސަބަބުތަކާ ބެހޭ ގޮތުން ސުއޫދު ވިދާޅުވީ "ހަވީރު" ނޫހަކީ 1 ޖެނުއަރީ 1979 ވަނަ އަހަރު ޒާހިރު ހުސައިންގެ އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫހަކަށް ވާއިރު އެ ނޫހާއި ހަވީރު ނިއުސް އެޖެންސީ'އަކީ މުޅިން ވަކި ދެ ޝަހުސެއް ކަމަށާއި ވަގުތީ އަމުރު ނެރެފައި ވަނީ "ހަވީރު"ގެ މައްޗަށް ފާރޫގާއި އިބްރާހީމް ރަޝީދު މޫސާގެ އެއްވެސް ހައްގެއް ނެތްކަން ސާބިތުކުރުމަށް ކާފީ ހެކި ހުށަހަޅާފައިވަނިކޮށް ކަމަށް ވުމުން އެ އަމުރަށް އެދުމުގެ ހައްގު އެ ފަރާތްތަކަށް ނެތް ކަމަށެވެ.
ދެ ވަނަ ކަމެއްގެ ގޮތުގައި ސުއޫދު ފާހަގަކުރެއްވީ ދައުވާކުރި ފަރާތްތަކުން ހެއްކެއްގެ ގޮތުގައި ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ އެއްބަސްވުމެއް ކަމަށާއި "ހަވީރު"ގެ މައްޗަށް އެ ފަރާތްތަކުގެ ހައްގެއް އޮތްކަން ސާބިތުވާ ފަދަ އެއްވެސް ހެއްކެއް ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.
"ހަވީރު" ވިއްކާލައިފި ނަމަ އިޔާދަނުކުރެވޭނެ ފަދަ ގެއްލުމެއް ލިބިދާނެތީ، ވަގުތީ އަމުރު ނެރުނުއިރު، ދައުވާކޮށްފައި ވަނީ މިލްކިއްޔާތުގައި ހައްގެއް އޮތް ނަމަ އެ ހޯދުމަށް ކަމަށާއި ވިއްކައިލި ނަމަވެސް އެ ހައްގު ގެއްލިގެން ދިއުމުގެ ފުރުސަތު ނޯންނާނެކަން ފާހަގަކުރައްވަމުން ސުއޫދު ވިދާޅުވީ "ހަވީރު" ވިއްކުން ހުއްޓުވުމުގެ ސަބަބުން ނުވިއްކިއްޖެ ނަމަ ނުވަތަ ވިއްކުން ލަސްވެގެން ދިއުމުގެ ސަބަބުން އަގު ދަށަށް ހިނގައްޖެ ނަމަ ލިބިދާނެ ގެއްލުމަކަށް ސިވިލް ކޯޓުން ރިޔާއަތްކޮށްފައި ނުވާ ކަމަށެވެ. އަދި އާޚިރުގައި ބޮޑު ގެއްލުމެއް ލިބިގެން ދާނީ ވެސް ޒާހިރު ހުސައިނަށް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
އިބްރާހީމް ރަޝީދު މޫސާ އާއި ފާރޫގުގެ ވަކީލު އިބްރާހީމް ރިޒާ ދައުވާ އަށް ޖަވާބުދެއްވަމުން ވިދާޅުވީ "ހަވީރު" ނޫހާއި ޕްރިންޓްކުރާ ތަނަކީ 'ހަވީރު ނިއުސް އެޖެންސީ'ގެ މިލްކެއް ކަން ހަތަރު ބޭފުޅުންގެ މެދުގައި ވެފައިވާ އެއްބަސްވުމުން އެނގޭ ކަމަށާއި އެއްބަސްވުމުގައިވާ ގޮތުން "ހަވީރު" ނޫހާއި މަޖައްލާތައް ނެރެންޖެހެނީ އެޖެންސީގެ ބޯޑުން ކަނޑައަޅާ މަސްއޫލުވެރިއަކާއި އެޑިޓަރުން ލައްވައިގެން ކަމަށެވެ. އަދި އެއީ ބޯޑަށް ފެނިއްޖެ ނަމަ ބަދަލުކުރެވޭނެ ފަރާތްތަކެއްކަން ވެސް އެއްބަސްވުމުގެ މާއްދާތަކުން އެނގެން އޮންނަ ކަމަށާއި އެއް ދުވަސްވަރެއްގައި "ހަވީރު" ނޫހުގެ މަސްއޫލުވެރިއެއްގެ ގޮތުގައި އިބްރާހީމް ރަޝީދު މޫސާ ވެސް ހުންނެވި ކަމަށް އެ ބޭފުޅާ ވިދާޅުވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. އަދި "ހަވީރު" ނޫހަކީ ކުރިން ރަޖިސްޓްރީކޮށްގެން ނެރެމުން އައި ނޫހެއް ކަމަށްވީ ނަމަވެސް 'ހަވީރު ނިއުސް އެޖެންސީ' އުފެދުމާ އެކު އެ ނޫހުގެ މިލްކުވެރިކަން އެޖެންސީގެ ދަށަށް ބަދަލުކުރުމަށް ހަތަރު ބޭފުޅުން ވެސް އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ރިޒާ އަށް ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވައިފަ އެވެ. މި ގޮތުން ނޫހަކީ ކުރިން ރަޖިސްޓްރީކޮށްފައިވާ އެއްޗަކަށްވާ އިރު އެއްބަސްވުން ފަހުން ވުޖޫދަށް އައީ ކީއްވެތޯ އާއި މިލްކުވެރިކަން ބަދަލުވީ ކަމަށް ވިދާޅުވާ ސަބަބަކީ ކޮބައިތޯ ފަނޑިޔާރު ސުވާލުކުރެއްވި އެވެ. އަދި މިލްކުވެރިކަން ބަދަލުވި ކަމަށް ބުނާ މާއްދާއެއް އެއްބަސްވުމުގައި ވޭތޯ އާއި އެއީ ކޮން މާއްދާތަކެއްތޯ ވެސް ފަނޑިޔާރު ސުވާލުކުރެއްވި އެވެ.
ޖަވާބުގައި ރިޒާ ވިދާޅުވީ "ހަވީރު" ނޫހުގެ މަސްއޫލުވެރިންނާއި އެޑިޓަރުން ބަދަލުކުރުމުގެ ބާރު 'ހަވީރު ނިއުސް އެޖެންސީ'ގެ ބޯޑަށް ލިބިދޭ ކަމަށް އެއްބަސްވުމުގައި އޮންނަ ކަމަށާއި މުޅި އެއްބަސްވުމުގެ ރޫހަކީ ވެސް "ހަވީރު" ނޫހާއި ޗާޕްހާނާ ފަދަ ތަންތަން ހިންގުން ކަމަށެވެ.
"ހަވީރު" ވިއްކާލައިފި ނަމަ އިޔާދަނުކުރެވޭނެ ގެއްލުމެއް ލިބިދާނެ ކަމަށް ވިދާޅުވަނީ ކީއްވެތޯ ފަނޑިޔާރުން ސުވާލުކުރެއްވުމުން ރިޒާ ވިދާޅުވީ "ހަވީރު"ގެ ވިޔަފާރި ވިއްކާލުމަށް ފަހު އެހެން ކަމަކަށް އިންވެސްޓްކޮށްފި ނަމަ މުވައްކިލުންގެ ހައްގު ހޯދުމަކީ ނާދިރު ކަމެއް ކަމަށާއި ސަބަބަކީ "ހަވީރު"ގެ ވިޔަފާރީގައި އޭނާގެ މުވައްކިލުންގެ ހައްގެއް އޮތް ކަމަށް ޒާހިރު ހުސައިން ގަބޫލުނުކުރައްވާ ކަމަށެވެ.
އެފަދަ ބަދަލެއް ދޭން ޖެހިއްޖެ ނަމަ އެކަން ކުރެވިދާނެތޯ ފަނޑިޔާރު އެއްސެވުމުން ސުއޫދު ވިދާޅުވީ ޒާހިރު ހުސެއިންއަކީ އިފްލާސްކުރެވިފައިވާ ފަރާތެއް ނޫން ކަމަށާއި މިލްކިއްޔާތުގައި ބިމާއި މުދާ ފަދަ ތަކެތި އެބަހުރި ކަމަށެވެ. ހައްގެއް އޮވެއްޖެ ކަމަށް ޝަރީއަތުން ނިންމައިފި ހާލަތެއްގައި އެ މިލްކިއްޔާތު ވިއްކާލައިގެން ވެސް އެ ހައްގު ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އަދި ބަދަލު ދެވިދާނެ ކަމުގެ ޔަގީންކަމެއް ދޭން ސިވިލް ކޯޓުން އެދުނު ނަމަ އެކަން ވެސް ކުރެވުނީސް ކަމަށް ވަކީލް ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ 'ހަވީރު ނިއުސް އެޖެންސީ' އުފެދުމާ އެކު "ހަވީރު" ނޫހުގެ މިލްކުވެރިކަން ބަދަލުވިކަން އެނގޭނެ އެއްވެސް ލިޔުމެއް ނެތް ކަމަށާއި މިހާތަނާ ޖެހެންދެން ވެސް "ހަވީރު"ގެ ރަޖިސްޓްރީތައް ހުރީ ޒާހިރު ހުސައިންގެ ނަންމަތީގައި ކަމަށެވެ. އަދި 'ހަވީރު ނިއުސް އެޖެންސީ' ވުޖޫދުގައި އޮތްކަން ސިވިލް ކޯޓުގައި ދައުވާކުރާ ފަރާތުން ސާބިތުކޮށްދޭންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެފަދަ ހެއްކެއް އެބަ އޮތްތޯ، އަދި 1979 ވަނަ އަހަރުން ފެށިގެން "ހަވީރު" ހިންގަމުން އައީ ކޮން ބައެއްގެ ނަމުގައިތޯ ފަނޑިޔާރު ސުވާލުކުރެއްވުމުން ރިޒާ ވިދާޅުވީ އެކަންކަން އޮޅުންފިލުވުމަށް ވަގުތު ބޭނުންވާ ކަމަށެވެ. ފަނޑިޔާރު ވަނީ ބުރާސްފަތި ދުވަހުގެ ނިޔަލަށް ލިޔުމުން އެކަން ހުށަހެޅުއްވުމަށް ރިޒާ އަށް އަންގަވައިފަ އެވެ. އަދި އެ ހުށަހެޅުމަށް ބެއްލެވުމަށް ފަހު އިތުރު އަޑުއެހުމެއް ބާއްވަން ނުފެންނަ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ