ވިލުފުށީ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ތ. ވިލުފުށީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލެއްވި ހުސައިން ޖަބީންގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަމްޖަދު މުސްތަފާ ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވައިފައެވެ. އަމްޖަދު ވިދާޅުވީ ވިލުފުށީ ކައުންސިލްގެ އެމްޑީޕީ ކެންޑިޑޭޓް ހުސައިން ޖަބީންގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލްކުރީ އެ ކޮމިޝަނުން ހުށަހެޅި މައްސަލައެއް ބެލުމަށްފަހު ކަމަށެވެ. އެ ކޮމިޝަނުން އެ މައްސަލަ ހުށަހެޅީ ހުސައިން ޖަބީންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު އުނިވުމުން ކަމަށް އަމްޖަދު ވިދާޅުވިއެވެ. ޖަބީނަށް އެ ހުކުމް އައީ ކެންޑިޑޭޓް ނަންބަރު ތަރުތީބުކޮށް ކެންޑިޑޭޓުންގެ ނަންތައް އިއުލާންކުރުމުން ކަމުގައިވާތީ އެ ކޮމިޝަނަށް އަމިއްލައަށް އެކަމުގައި ގޮތެއް ނުނިންމޭނެ ކަމަށާއި އެހެންކަމުން ގާނޫނުގައިވާގޮތުގެމަތިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ކަމަށް އޭނާ ވިދާޅުވިއެވެ. މި މަހުގެ ހަ ވަނަ ދުވަހު ވިލުފުށީ ކޯޓުން ވަނީ ހަ މަސް ދުވަހަށް ޖަބީން ގޭބަންދުކުރަން ހުކުމްކޮށްފައެވެ. ޖަބީން ހަ މަހަށް ގޭބަންދުކުރަން ހުކުމްކޮށްފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި އަމުރަށްނުކިޔަމަންތެރިވުމުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ. ދައުލަތުން ޖަބީންގެ މައްޗަށް ކުރި ދައުވާގައި ބުނެފައި ވަނީ ވިލުފުށީ ކައުންސިލް އިދާރާގެ ކުރިމަތީގައި ހުންނަ ބުރުގެ ހުޅަނގުފަރާތަށް ބަނދަރާއި ދިމާލަށް އޮންނަ މަގުގައި އެމްއާރްޑީސީގެ ވިލުފުށީ ސައިޓުން އެމަގު ލެވެލްކުރުމަށް ޖަހާފައިވާ ދެ ދަގަނޑުބުރި 2015 ވަނަ އަހަރުގެ އޭޕްރީލް 20 ވަނަ ދުވަހުގެ މެންދުރު 12:15 އެހައިކަންހާއިރު އުފުރާލައި ޖަބީން އެއްލާލާފައިވާ ކަމަށެވެ. އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ކަމަށް ވިލުފުށީ ކޯޓުން ކުރި ހުކުމްގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ