މަޖިލީހާއި ކައުންސިލް އިންތިހާބު ކާމިޔާބުކޮށްގެން ނޫނީ ރައްޔިތުންނަށް ހިދުމަތްތަކެއް ނުދެވޭނެ: މައުމޫނު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ޕީޕީއެމަށް ކާމިޔާބުކޮށްގެން ނޫނީ ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވާ ހިދުމަތްތައް އެންމެ ފުރިހަމަ އަށް ނުދެވޭނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި މާލެ ސިޓީ ކައުންސިލްގެ މެންބަރު ލުފްޝާން ޝަކީބުގެ އިތުރުން ގިނަ ބަޔަކު ޕީޕީއެމަށް ސޮއިކުރުމަށް، އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މައުމޫނު ވިދާޅުވީ ކުރިއަށް އޮތް ދެ އިންތިހާބު ކާމިޔާބުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވަރަށް ކައިރީގައި މި އޮތީ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް އޮންނާނެ. މި ދެ އިންތިހާބު ވެސް އަޅުގަނޑުމެން ކާމިޔާބުކުރަން ބޭނުންވޭ. މި ދެ އިންތިހާބު ކާމިޔާބުކޮށްގެން ނޫނީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ހިދުމަތްތަކެއް ފޯރުކޮށެއް ނުދެވޭނެ. އެއީ ވަރަށް މުހިންމު ކަމެއް. ޕީޕީއެމަށް މެޖޯރިޓީ ލިބިގެން ޕީޕީއެމްގެ މެނިފެސްޓޯ ކުރިއަށް ގެންދަން މަގުފަހި ވެގެންދާނެ،" ރައީސް މައުމޫނު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ފިކުރު ގަބޫލުކޮށް ގިނަ ބަޔަކު އެ ޕާޓީއާ ގުޅުމަކީ އެ ޕާޓީ އަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"ޕީޕީއެމްގެ ފިކުރަކީ ރާއްޖެ އަށް ތަރައްގީ ގެނެސްދިނުން. ހުރިހާ ގޮތަކުން ވެސް ކުރިއެރުން ގެނެސްދިނުން. އެހެންނަމަވެސް މިއާ އެކު ވިސްނަންޖެހޭ އެއް ކަމަކީ މިހެން ތަރައްގީވަމުންދާ އިރު ވެސް ހަރުދަނާ އަސާސެއް އޮންނަންޖެހޭ. ވަރުގަދަ ބިންގަލެއްގެ މަތީ އޮންނަންޖެހޭ. އަޅުގަނޑުމެންގެ ބިންގަލަކީ މާތްވެގެންވާ އިސްލާމް ދީން. މިކަންތައް ކުރާއިރު ވެސް މި ބިންގާ ނުގުޑާ ފަދަ ގޮތަކަށް އަޅުގަނޑުމެން މަސައްކަތްކޮށްގެން ރާއްޖެ އަށް ތަރައްގީ ގެނައުމަކީ ޕީޕީއެމްގެ ފިކުރު،" މައުމޫނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ