ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތް ފަސްކުރުމުގެ ބާރު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ލިބިފައިވާ ނުވާ ކަމަށް، އެއްވެސް ފަރާތަކުން ބުނުމަށް ގާނޫނު ތަންނުދޭ ކަމަށް ނަޝީދުގެ އޮފީހުން މިއަދު ބުނެފި އެވެ.
ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، ރިޔާސީ އިންތިހާބު ނިމެންދެން ޝަރީއަތް ފަސްކުރުމުގެ އިއުތިރާޒެއް ނެތް ކަމަށް ޕީޖީގެ އޮފީހުން ބުނެފައި ވަނީ ގާނޫނުން ޕްރޮސެކިއުޓާ ޖެނެރަލަށް ލިބިފައިވާ ބާރުގެ ތެރެއިންނެވެ. ޕީޖީ އޮފީހުން އެގޮތަށް ބުނެފައި ވަނިކޮށް، ދައުވާ ފަސްކުރަން ޕީޖީ އަށް ވިދާޅުނުވެވޭނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީން ވިދާޅުވެފައިވާކަން ނަޝީދުގެ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.
"މާޗް 2013 ވަނަ ދުވަހުގެ ރޭ ޕީޕީއެމްގެ ޖަލްސާގައި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ޖަލްސާގެ ޖަޒްބާތުގައި އެހެން ވިދާޅުވިއެއް ކަމަކު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އަހުމަދު ތަސްމީނު އަލީ އަދި ރައީސް މައުމޫނު އަބްދުލްގައްޔޫމް އެހެން އެކަން ހިނގަން ބޭނުންފުޅު ނުވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވަ އެވެ،" ނަޝީދުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީއާ ހަވާލާ ދީ އެ ބަޔާނުގައިވެ އެވެ.
މާރިޔާ ވިދާޅުވި ގޮތުގައި، މައުމޫނާއި ތަސްމީނަކީ ވާދަވެރި ސިޔާސީ ނިޒާމް ގަބޫލުކުރައްވާ، ވާދަވެރި ރިޔާސީ އިންތިހާބެއްގައި ބައިވެރިވެވަޑައިގަތުމަށް މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށް ނަޝީދު ގަބޫލުފުޅުކުރައްވަ އެވެ.
މާރިޔާ ފާހަގަކުރައްވާ ގޮތުގައި، ރާއްޖޭގައި އެކި ފަރާތްތަކާ މެދު ދައުލަތުން ކުރާ ދައުވާ އެކިއެކި ސަބަބުތަކަށްޓަކައި އަނބުރާ ގެންދިއުމާއި ފަސްކޮށްދިނުމަކީ ޕްރޮސެކިޔުޝަންގެ ފަރާތުން އަމަލުކުރެވޭ އުސޫލެކެވެ.
"މިގޮތުން، މާބަނޑުމީހުންގެ ޝަރީއަތްތައް ވިހަންދެން ފަސްކޮށްދެއްވުމާއި އަދި ރާއްޖެ އިން ބޭރަށް ކިޔަވަންދާން ބޭނުންވާ މީހުންގެ މައްސަލަތައް ވެސް ކިޔަވާ ނިމެންދެން ފަސްކޮށް ދީފައިވާނެ އެވެ. މީގެ އިތުރުން، މިހާރު ގާނޫނު އަސާސީ އާއި ގާނޫނުން މިކަމަށް ބާރު ލިބިދޭ" ކަމަށް މާރިޔާ ވިދާޅުވި އެވެ.
އެ ބަޔާނުގައި ބުނީ ރައީސް ނަޝީދަކީ 46،000 އަށް ވުރެ ގިނަ ރައްޔިތުން އައްޔަންކޮށްފައިވާ މަންދޫބަކަށް ވާއިރު، އެމަނިކުފާނުގެ މައްޗަށްކުރާ ދައުވާގެ ޝަރީއަތް ގިނަ ފަރުދުންތަކެއްގެ ހައްގުތަކާ ސީދާ ގުޅިފައިވާ ކަމަށެވެ. އެހެންކަމުން ފަރުދުންގެ ހައްގު ހިމާޔަތްކުރުމަށް އަޅަން ޖެހޭ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް އަށް ފެނިވަޑައިގަންނަވާ އަދުލުވެރި ފިޔަވަޅުއެޅުމަކީ އޭނާގެ މައްޗަށް ވާޖިބެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ވީމާ، ޕްރޮސެކިއުޓަ ޖެނެރަލް އަށް ލިބިފައިވާ ގާނޫނީ ބާރުތަކާއި އިޚްތިޔާރުތައް އާއްމުންނަށް އޮޅޭ ގޮތަށް އެއްވެސް ބޭފުޅަކު އަމަލުނުކުރެއްވުމަށް ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން އިލްތިމާސް ދަންނަވަ އެވެ،" ބަޔާނުގައިވެ އެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލާގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، ނަޝީދުގެ ޝަރީއަތް ވަނީ ހަތަރު ހަފުތާ އަށް ފަސްކޮށްފަ އެވެ.
ޝަރީއަތް ފަސްކުރުމުގެ ބާރު ޕީޖީ އަށް ލިބިގެން ނުވާ ކަމަކަށް ނުބުނެވޭނެ: ނަޝީދުގެ އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ