ފެމެލީ ކޯޓުން މާދަމާ ކައިވެނިކޮށްދޭން ފަށަނީ

ކޮވިޑް-19 ގެ ސަބަބުން ކައިވެނިކޮށްދިނުން މެދުކަނޑާލުމަށް ފަހު މާދަމާއިން ފެށިގެން އަލުން ކައިވެނިކޮށްދޭން ނިންމައިފި އެވެ.
ފެމިލީ ކޯޓުގެ ރަޖިސްޓްރާ އަހުމަދު ނަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ ކޯޓުގައި ހަފުތާއަކު ދެ ދުވަހު ކައިވެނިކޮށްދޭގޮތަށް މިހާރު ނިންމާފައިވާ ކަމަށެވެ. މީގެ ކުރިން ގޭގެ އަށް ގޮސްގެން ވެސް ފެމިލީ ކޯޓުން ކައިވެނިކޮށްދެ އެވެ. ނަމަވެސް މިހާރު އެކަން މެދުކަނޑާލާފައިވާ ކަމަށް ވިދާޅުވި އެވެ.
ހަލުއިކަމާ އެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތަކާއި ކޮލެޖުތައް ބަންދުކުރިތާ މިއީ ތިން ވަނަ ހަފުތާ އެވެ. އެހެންވެ އޭރު ކުރަން ހަމަޖެއްސި ކައިވެނިތައް ނުކުރެވެ އެވެ. ނަމަވެސް އެއީ ކިހާ ކައިވެންޏެއް ކަމެއް ނޭނގެ އެވެ.
ނަޝީދު ވިދާޅުވީ ކައިވެނިކޮށްދޭން ނިންމީ ބަންދު ދިގުލައިގެންދާނެ މުއްދަތެއް ނޭނގޭތީ ކަމަށެވެ. ކޯޓުގައި ކައިވެނިކޮށްދިނަސް، ކައިވެނީގެ މަޖިލީހުގައި ބައިވެރިވެވޭނީ ކައިވެނިކުރާ ދެ މީހުންނާއި ހެކިވެރިންގެ އިތުރުން ވަލީ ވެރިޔާއަށެވެ. އިތުރު މީހަކަށް އެ މަޖިލީހުގައި ބައިވެރިއެއް ނުވެވޭނެ އެވެ.
"އެއް ކައިވެނި ނިންމާފައި، ކުޑަ ވަގުތުކޮޅަކަށް ފަހު ދެ ވަނަ ކައިވެނި ކޮށްދޭނެ. ވީހާ ވެސް މަދު ބަޔަކަށް ބައިވެރިވެވޭނީ،" ނަޝީދު ވިދާޅުވި އެވެ.
ކައިވެނީގެ އިތުރުން ވަރި ސާބިތުކޮށްދިނުމާއި ގެވެށި އަނިޔާގެ މައްސަލަތަކާއި ދަރިންގެ މައްސަލަތަކުގެ އަޑުއެހުންތައް ވެސް ފަށަން ވަނީ ނިންމައިފަ އެވެ. އެ ކޮންމެ ސެކްޝަނަކުން ވެސް ދުވާލަކު މައްސަލައެއް ބަލާނެ އެވެ.
ފެމިލީ ކޯޓުގެ ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެ ގޮތް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. ކައިވެންޏާ ބެހޭ ފޯމުތައް [email protected] އަށް އަދި [email protected] އަށް ކަމަކާ ގުޅޭ މައްސަލަ މެއިލްކުރަން އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ