ދުވަހަކު ނުވާ ވަރަށް ކަނޑޫދޫ މިރުސް އަގު ހެޔޮވެއްޖެ

މީގެ ކުރިން އެންމެ އަގު ބޮޑުކޮށް ވިއްކި ކަނޑޫދޫ މިރުހުގެ އަގު ދުވަހަކު ވެސް ދަށް ނުވާ ވަރަށް ދަށަށް ހިނގައްޖެ އެވެ.
ރޯދަ މަސް ފެށުނު އިރު 470ރ. އާއި 580ރ. އާ ދެމެދުގެ އަދަދަކަށް ކިލޯއެއް ލިބުނު މިރުސް މިއަދު ލިބެން ހުރީ 270ރ. އަށެވެ. އަދި 100 ގްރާމް މިހާރު ލިބެން ހުރީ 30ރ. އަށެވެ. މިއީ ގާތްގަނޑަކަށް ދެ ގުނަ ދަށްވުމެކެވެ.
އެހެން އަހަރުތަކާ އަޅާ ބަލާއިރު މިއަހަރުގެ ރޯދަ މަސް ފެށި އިރު ވެސް ކަނޑޫދޫ މިރުހުގެ އަގު ހުރީ ދަށްކޮށެވެ. ކުރީ ރޯދަ މަސްތަކުގައި މީގެ މިރުސް ކިލޯއެއްގެ އަގު 2،000ރ. އަށްވުރެ މައްޗަށް ވެސް ދިޔަ އެވެ.
ދަތުރުވެރިންގެ މާރުކޭޓުގައި ވިޔަފާރިކުރާ ކަނޑޫދޫ މީހަކު ބުނީ އަގު މިހާ ބޮޑަށް ދަށަށް ދިޔައީ މިދިޔަ ހުކުރު ދުވަހު ގިނަ އަދަދެއްގެ މިރުސް ލިބުމުން ކަމަށެވެ. އަދި ރޯދަ މަހުގެ ކުރިއަށް އޮތް ތަނުގައި ވެސް މިރުހުގެ އަގު ދަށްވާނެ ކަމަށް އޭނާ ބުންޏެވެ.
"ރަށުގަ އެބަހުރި ވަރަށް ގިނައިން މިރުސް ހައްދާފައި. ލާމުގައި ވެސް މިހާރު މި މިރުސް އެބަ ހައްދާ. އެހެންވެ މި އަހަރު ވަރަށް ތިޔާގިވާނެ. މިއާއެކު އަގުވެސް ދަށްވާނެ،" އެ މީހާ ބުންޏެވެ.
ކޮންމެ އަހަރަކުވެސް ބާޒާރުގައި އަގަށް އެންމެ ބޮޑު ބަދަލެއް އަންނަ އެކައްޗަކީ ކަނޑޫދޫ މިރުހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ