ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއް ނެތް: މައުމޫން

މިހާރު އޮތް ނިޒާމު ބަދަލު ކޮށް ބަރުލަމާނީ ނިޒާމަކަށް ރާއްޖެއި ޖާގަ ނެތްކަމަށް ވިދާޅުވެ އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމު ރައްދު ދެއްވައިފިއެވެ.
ވެރިކަމުގެ ނިޒާމުގެ މައްސަލާގައި ރައީސް މައުމޫން މިފަދައިން ވިދާޅުވީ ރޭ ކްލަބް ހައުސްގައި ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމުގައި ވާހަކަ ދެއްކަވަމުން 2023 ގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނަންތޯ އަހާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
2023 ގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނަންތޯ އަހާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބެއް ރާއްޖޭގައި މިހާރު ބޭއްވުމަކީ އެހާ ބުއްދިވެރި ކަމެއް ނޫންކަމަށެވެ.
ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ހިންގުން ރަނގަޅުވާނީ ބަރުލަމާނީ ނިޒާމެއްގައި ކަމަށާއި ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި އަންނަ އަހަރު ނިޒާމުގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ ދިވެހިރާއްޖޭގެ ހާލަތާ އެންމެ ގުޅޭ އަދި ރާއްޖެއަށް އެންމެ ފައިދާ ހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަކުން ނިންމާފައިވަނީ ވެސް ހަމަ ރިޔާސީ ނިޒާމު ކަމަށެވެ.
ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެންނަވާނެ ކަމަށް ރައީސް ނަޝީދު މީގެކުރިން ވިދާޅުވުމާ ގުޅިގެން އޭރުވެސް ރައީސް މައުމޫން ވަނީ ރައީސް ނަޝީދަށް ރައްދު ދެއްވާފައެވެ.
އޭރު މައުމޫން ވިދާޅުވީ ވެރިކަމުގެ ނިޒާމަކީ އިރު އިރު ކޮޅާ ބަދަލު ކުރާ އެއްޗެއް ނޫން ކަމަށާއި އެކަން ނުކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ