ހުކުމް ވަރަށް ސާފު، މެންބަރުންގެ ގޮނޑިއެއް ނުގެއްލޭ: މައުމޫން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތަކާ މެދު ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ވަރަށް ސާފުވާ ކަމަށާއި އެގޮތުން އެއްވެސް މެންބަރެއްގެ ގޮނޑިއެއް ނުގެއްލޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެންމެ ފަހުން ޕީޕިއެމް އިން ވަކިކޮށް ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާފައިވާ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީގެ މައްސަލާގައި ރައީސް މައުމޫން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވަނީ އެ ދެ ބޭފުޅުންނަކީ ސުޕްރީމް ކޯޓުން ހުކުމް ނެރުއްވުމުގެ ކުރިން، މިދިޔަ ޖުލައި މަހު 10 ވަނަ ދުވަހު ޕީޕީއެމްއިން ވަކިވެފައިވާ ބޭފުޅުން ކަމަށެވެ. އެހެންކަމުން އެ ދެ މެންބަރުންގެ ގޮނޑި ގެއްލޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
އެގޮތުން ސުޕްރީމް ކޯޓުން ނެރުއްވި އަމުރުގައި ދުސްތޫރީ މައްސަލައިގައި ހުކުމުގެ ކުރިން އަންނަ ހާލަތެއް ނަމަ ނުވަތަ އެއިން ހާލަތަކާ ގުޅޭ އެއްވެސް އިޖުރާއާތެއްގެ މައްޗަށް ބިނާކޮށް އަޅާ އެއްވެސް ފިޔަވަޅެއް ނަމަ އޭގެ މައްޗަށް އެ ހުކުމް ނުހިނގާނެ ކަމަށް ބަޔާންކޮށްފައި އޮތް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަޑާ ހިލާފުވެގެން ޕާޓީން ވަކިކުރި ކަމުގައި ވިޔަސް، އެމީހަކު އިންތިހާބު ވެފައިވާ މަގާމުގައި ދެމި ހުންނާނެ ކަމަށް ބަޔާންކޮށްފައި ވުމަކީ ވެސް، ޝަހުދީ އާއި މުހައްމަދު އަބްދުﷲގެ ގޮނޑި ނުގެއްލޭ ކަމުގެ ވަރުގަދަ ހެއްކެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އޭގެ އިތުރުން ހަމަ އެ ގާނޫނުގައި ޕާޓީގެ ކޮންމެ މެމްބަރަކަށްވެސް ކުރިން ނޯޓިސް ދިނުމަކާ ނުލައި ޕާޓީން ވަކިވެވޭނެ ކަމަށް ބަޔާންކޮށްފައި އޮތުމާއި ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 20 ވަނަ މާއްދާގައި ޕާޓީގެ މެމްބަރަކު ޕާޓީން ވަކިވާން އެދުމުން ވަކިވާނެ ކަމަށް ވެސް ބަޔާންކޮށްފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ހުކުމަށް ފަހު ޕާޓީއަކުން މެންބަރަކު ވަކިކުރުމުގައި ސިޔާސީ ޕާޓީގެ ގާނޫނާއި ޕާޓީ ގެ އަސާސީ ގަވާއިދުގައި ގައި ކަނޑައަޅާފައިވާ އިޖުރާއާތައް ތަބާވުން އިސްތިސްނާކުރެވިފައި ނުވާކަމަށް އޮތުމަކީ ވެސް މެމްބަރުންގެ ގޮނޑި ނުގެއްލޭކަމުގެ ސާބިތު ހެއްކެއް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
"...އެހެން ކަމުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީގެ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ނުގެއްލޭ، ހަމަ އެހެންމެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމުގައިވާ ތިމަރަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު މުސަތަފާއާއި ތިނަދޫ އުތުރު ދާއިރާގެ އިއްޒަތްތެރި މެންބަރު ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އިއްޒަތްތެރި މެންބަރު އަލީ ޝާހް ގެ މަޖިލީހުގެ މެންބަރުކަމެއް ނުގެއްލޭ،"
ރައީސް މައުމޫން އިތުރަށް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާއި ޕީޕީއެމްގެ ނަމުގައި ޕާޓީ ހިންގަމުން ގެންދާ ފަރާތްތައް ގާނޫން އަސާސީ އާއި ގަވައިދާއި އަދި ޕާޓީގެ އަސާސީ ގަވައިދުގައި ވާގޮތަށް އަމަލުތައް ބެހެއްޓުމަށް ގޮވާލަ ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިޖެކަން ކަނޑައެޅުމުގެ ބާރަކީ ގާނޫނު އަސާސީއާ ގާަނޫނޫތަކުން ވެސް ހަމައެކަނި ސުޕުރީމް ކޯޓަށް ލިބިގެންވާ ބާރެއް ކަމަށް ވެސް މަައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ