މަރުހޫމު އަހުމަދު އާތިފުގެ ހަނދާނުގައި ބަހެއް ދޮޅުބަހެއް......

މިލިޔުން ފަށައިގަތީ ސިފައިންގެ މޭޖަރ އަހުމަދު އާތިފު ހަނިމާދޫގައި ކުއްލިގޮތަކަށް އަވަހާރަވި ޚަބަރު ހަމަ ލިބުމާއެކުގައެވެ. ވާނުވާ އޮންލައިނުގައި ތަންކޮޅެެއް ފަހުން ކޮލަމް ޝާއިއުވުމަކީ އަދި އެހެންކަމެކެވެ. މަރުހޫމު އަހުމަދު އާތިފުގެ ހަނދާނުގައި އެއްޗެއް ލިޔާން އެންމެ އެކަށީގެންވާ މީހަކީ އަހަރެންކަމަށް ނުވެ ހިނގައިދާނެއެވެ. އެހެންވިޔަސް އޭނާގެ ޝަޚުސާއި މިޒާޖާމެދު އެއްޗެއް ލިޔާން އަހަރެންނަށްވެސް ހައިސިއްޔަތު އެބައޮތެވެ. މާބޮޑަށްވެސް އެހައިސިއްޔަތު އެބައޮތެވެ. އެއީ އަހަރެން ލިޔުންތެެރިޔަކަށްވާތީއެއް ނޫނެވެ. އާތިފަކީ ކުޑައިރުން ފެށިގެން އަހަރެންގެ ވަރަށް ގާތް ރައްޓެއްސެކެވެ. މަދަރުސާ ދައުރުން ފެށިގެންނެވެ.
އަހަރެންނާއި އާތިފު ބައްދަލުވީ މަދަރުސާއިންނެވެ. އެއްކިލާހެއް ނޫނެވެ. އެހެންނަމަވެސް ދެމީހުންނަށް އެކަކު އަނެކަކު ދަސްވެ އެކުވެރިވީ ދެމީހުންވެސް ޝައުގުވެރިވާ އެއްކަހަލަ ކަންތައްތަކެއް ހުރުުމުންނެވެ. އެއީ އަދަބީ ހަރަކާތްތަކެވެ. މަދަރުސާގައި މަޖައްލާތައް ނެރުމާއި ކިލާސް ނޫސް ނެރުމާއި މަދަރުސާގެ އަދަބީ ޖަމިއްޔާކަމަށްވާ ބުސްތާނު ހިންގުމުގައި ދެމީހުންގެ ދައުރުވެސް ވަރަށް ބޮޑެވެ. އެހެންވީމާ އެކުވެރީންކަމުގައިވެ އެގުޅުން އިސާހިތަކު ބަދަހިވެގެން ދިޔައީއެވެ. ލިޔުންތެރިކަމުގައި ކުރިޔަށް ދިއުމަށް އަހަރެންނަށް އެންމެ ބޮޑު ހިތްވަރެއް ދިނީ ކާކުހޭ މީހަކު ސުވާލުކޮށްފިނަމަ ޖަވާބަކަށް ވާނީ އެއީ އަހުމަދު އާތިފު ކަމުގައެވެ.
އެހެންވީމާ އޭނާ މިދުނިޔެ ދޫކޮށް އާޚިރަތަށް ދަތުރުކުރި ވާހަކަ އިވުނީމާ ލައްކަ އަސަރު ކުރާނެތާއެވެ. މި ގަލަން އުފުލައިލީމާ ދެވަނަ މީހެއްގެ ތަސްވީރު ހިތަކަށް ނުގެނެވޭނެތާއެވެ. އޭނާގެ ހަނދާނުގައި ބަހެއް ނުބުނެ ކުރިޔަކަށް ނުދެވޭނެތާއެވެ. ކޮންމެއަކަސް ވަރަށް ހިތާމަކޮށްފީމެވެ. އާއިލާގެ މެންބަރެއްގެ މަރު ޚަބަރު ލިބުނީމާ ކުރެވޭ ހިތާމަ ކަހަލަ ހިތާމައެވެ. އެއްވެސް ފަރަގެއް ނެތެވެ. ދައްކާނެ ވާހަކައެއް ކުރާނެ ކަމެއްވެސް ހިތަކަށް ނުގެނެވެއެވެ. މާތް ﷲ އެމަރުހޫމުގެ ފުރާނަޔަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.
އާތިފާއެކު އެއްމަދަރުސާއެއްގައި އުޅެވުނީ ދެއަހަރެއްހައި ދުވަހުއެވެ. ދެން އަހަރެން ބަދަލުވީ މަޖީދިއްޔާއަށެވެ. އެހިސާބަކުން ގުޅުމެއް ނުކެނޑެއެވެ. އެގުޅުން އެހެން ހިސާބަކަށް އުފުލުނީއެވެ. ދެ މަދަރުސާއެއްގައި އުޅުނަސް ދެވެރިން ގުޅިގެން މަޖައްލާ ނެރެމެވެ. މިފަދަ އެއް މަޖައްލާއަކީ ފުރޭފު މިނަން ދެވުނު މަޖައްލާއެެވެ. މިނަމަކީ އަހަރެމެން ދެވެރީން ޝައިޚު ޖަމީލުދީދީގެ އަރިއަހަށް ގޮސް ވާހަކަ ދައްކައިގެން ހޯދި ނަމެކެވެ. ސްޓެންސިލްގައި ލިޔަނީ އާތިފުމެންގެ ގޭގައި ތިބެގެންނެވެ. ޗާޕުކުރުވަނީ މަދަރުސާގެ ސިޓީއެއް ހިފައިގެންގޮސް ނޮވެލްޓީ އަލީ ހުސައިނުގެ އަރިހުންނެވެ.
އެޒާތަކުން މިޒާތަކުން އެދައުރު ނިމިގެން ހިގާއްޖެއެވެ. އޭގެފަހުން ދެމީހުން ދިމާވުން ވަރަށްވެސް މަދެވެ. މިހެން އުޅެމުންގޮސް ލަވަޔާއި މިއުޒިކުގެ ފަންނާނެއްގެ ގޮތުގައި އާތިފް މަޝްހޫރުވެގެން ހިގާއްޖެއެވެ. މިކަމަކީ އޭނާގެ ކިބައިގައި ހުންނަ ހުނަރެއްކަން ކުރިޔަކުން އަހަރެން ނުވެސް ދަންނަމެވެ. އެހުނަރު ހުއްޓަސް އެކަމަކީ އަހަރެެމެން ދެވެރީންގެ ވާހަކަތަކުގައި ދުވަހަކުވެސް ނަންގަނެވުނު ކަމެއް ނޫނެވެ. އަދި ފަހުން ލަވަކިޔުންތެރިއެއްގެ ގޮތުގައި އާތިފް މަޝްހޫރުވެގެން ދިޔުމަށްފަހުވެސް ދެވެރީން ދިމާވެގެން ދެކެވުނު އެއްވެސް ވާހަކައެއްގައި ލަވަޔާއި މިއުޒިކުގެ ވާހަކަ ދުވަހަކުވެސް ނުދެކެވެއެވެ. އެއީ އަހަރެމެން ނުދައްކާ ވާހަކައެކެވެ. އޭގެ ސަބަބަކީ އަހަރެންނަކީ މާބޮޑަށް ލަވަޔާހެދި އުޅޭ މީހަކަށް ނުވެފައި އެކަހަލަ ވާހަކައެއް ނާހާކަމުންނެވެ.
މާލެއިން ބޭރުގައި ޒާތެއްގެ ވަޒީފާއެއްގައި އަހަރެން އުޅުނުދުވަސްވަރު ގަލަން ހިއްލައިލުމެއް ނޯވެއެވެ. އެހެންވެ ލިޔާނެ ގޮތްވެސް ހަނދުމަނެތިފައި ހުއްޓައި މީހަކާ އިނދެވި އޭނާގެ ބާރު އެޅުމުގެ މަތީން މާލެޔަށް ބަދަލުވެއްޖައީމެވެ. އެކަމަކު ކުރާނެ ކަމެއް ކުރެވޭނެ ކަމެއް ސިކުނޑިޔަކަށް ނާދެއެވެ. މިހާލެއްގައި ހުއްޓައި އާތިފާ ދިމާވެއްޖެއެވެ. މިއުޅެނީ ދާއިރާ ބަދަލުކޮށްގެން ކުރާނޭ ނުކުރާނޭ ކަމެއް ނުވިސްނިގެންނޭ ބުނީމާ އާތިފު ވިދާޅުވިއެވެ. ބަލަބަލަ ކަލޭ އެކަމަކަށް އެންމެ ފަރިތަ ކަންތައް ކޮބައިހެއްޔެވެ. ލިޔުންތެެރިކަން ކޮބައިހެއްޔެވެ. އެއީ އަހަރެންނަށް ކުރެވިދާނެ ކަމެއްކަން ހަނދާންކޮށް ދެއްވީ އާތިފެވެ.
އެހިސާބުން އަހަރެން ފަހަތަށް އެނބުރި ނުބަލަމެވެ. ދެވަނަ ވިސްނުމަކަށްވެސް ނުދަމެވެ. ލިޔުންތެރިކަމާއި ނޫސްވެރިކަމުގެ ދާއިރާ ޚިޔާރުކޮށްގެން ކުރިޔަށްދާން ފެށިތާ ހަޔެއްކަ އަހަރުފަހުން ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ހިތްވަރުދިނުމުގެ ގައުމީ އިނާމު ސަރުކާރުން އަހަރެންނަށް ދެއްވައިފިއެވެ. އެންމެފުރަތަމަވެސް މަރުހަބާ ވިދާޅުވީ އާތިފެވެ. ވިދާޅުވިއެވެ. ކޮބާ މަބުނީމު ނޫންހެއްޔެވެ. މަށަށް ދެވޭނޭނަމަ މަދަރުސާ ދައުރުގައިވެސް ތިޔަ އެއްޗެއް އޮންނާނީ ދީ ނިންމައިފައެވެ.
އަހަރެންގެ ޕްރޮފެޝަނަލް ކެރިއަރުގެ ތެރެއިން އާތިފާއެކު މަސައްކަތްކުރާން ޖެހުނީ އެންމެ ފަހަރަކުއެވެ. އެއީ ޓްރެފިކަށް މީހުން އަހުލުވެރި ކުރުމަށް ސިފައިންނާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި ޓީވީ މޯލްޑިވްސް ގުޅިގެން ހިންގި ޕްރޮގްރާމެކެވެ. އެދުވަސްވަރު އަހަރެންވެސް ޓީވީއެމްގެ ޕްރޮގްރާމުތައް ހުށައަޅައިދެމެވެ. އެހެންވީމާ މިކަމުގައި ބައިވެރިވާން ޖެހުނީއެވެ. ސިފައިންގެއިން މިކަމުގައި އިސްވެ ހުންނެވީ ކެޕްޓަން ނައީމެވެ. އޭނާގެ ދަށުން ދެން ހުންނެވީ އާތިފެވެ. އެހެންވީމާ ސިލްސިލާ ގޮތެއްގައި ހަޔެއްކަ މަސް ދުވަހު މިކަންތައް ކުރިއަށް ގެންދިއުމަށް އަހަރެންނަށް ވަރަށްވެސް ފަސޭހަވިއެވެ.
އަހަރެން ދަންނަ އާތިފަކީ ހިތްހެޔޮ މަޑުމައިތިރި މީހެކެވެ. ރަހުމަތްތެރިންނަށް ރަނގަޅު ހިތްވަރުދޭ މީހެކެވެ. މީހަކާމެދު ނުރުހިގެން ދުވަހަކުވެސް އެއްޗެއް ވިދާޅުވި އަޑު ނާހަމެވެ. މީހެއްގެ ޝަކުވާ ކުރެއްވި އަޑު ނާހަމެވެ. އެހެންވީމާ އާތިފަކީ ހުރިހާގޮތުންވެސް ރަނގަޅު މީހެކެވެ. އޭނާގެ ވަކިވުމަކީ އާއިލާޔާއި ރަހުމަތްތެރީންނާއި އާއްމުކޮށް އެންމެހައި ދިވެހީންނަށް ލިބުނު ގެއްލުމެކެވެ. ހިތާމައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ