ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތިން އަހަރާއި ދެމަހާއި 12 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ޙުކުމް ކުރިތާ އެތައް ގަޑިއިރެއްވި އިރުވެސް އެޙުކުމާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުނުވެ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަނުތިއްބަވައިފިއެވެ.
ގާސިމްގެ މައްޗަށް ޖަލު ޙުކުމެއް އިއްވީ ރޭ މެންދަމު 01:00 ހާއިރުއެވެ. އޭގެ ފަހުން މިހާރު ނުވަގަޑިއިރު ވެފައި ވާއިރު އެޙުކުމަށް އިޝާރާތް ކުރައްވާ ރައީސް މައުމޫން ވެސް އަދި ރައީސް ނަޝީދު ވެސް މިހާތަނަށް އެއްޗެއް ވިދާޅެއް ނުވެއެވެ. މީގެ ކުރިން މުހިންމު ކަންތައްތަކާއި ގުޅިގެން ދެބޭފުޅުން ވަގުތުން ޓްވީޓް ކުރައްވާ ޚިޔާލުފާޅުކުރެއްވި ނަމަވެސް ގާސިމް އަށް އިއްވި ޙުކުމާއި ގުޅިގެން ދެބޭފުޅުން ކުރެ ބޭފުޅަކު ޓްވީޓެއް ވެސް އަދި ނުކުރައްވައެވެ.
ގާސިމްގެ މައްޗަށް ޖަލު ޙުކުމެއް އައީ 27 މާރޗު 2017 ދުވަހު، ނެގުމަށް ހަމަޖެހުނު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމާއި ގުޅުވައިގެން 26 މާރިޗު 2017 ދުވަހުގެރޭ މ.ކުނޫޒުގައި ބޭއްވުނު ޖަލްސާގައި އެހެން ދާއިރާތަށް ތަމްސީލުކުރައްވާ މެންބަރުން ޢަބްދުالله މަސީހް ބޭރުކުމަށް ވޯޓް ދެއްވައިފިނަމަ އެމެންބަރުން ހިމެނިވަޑައިގަންނަވާ ދާއިރާއެއްގެ ޓިކެޓުދޭނެ ކަމަށާއި، އެހެން ހުރިހާ ގޮތަކުންވެސް އެހީތެރިވެދާނެ ކަމަށް ބުނެ، ވާހަކަ ދައްކާފައިވާތީ، ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ށ) ހަވާލާދީ، އެމާއްދާގެ (ރ) ގެ ދަށުން ޤާސިމްގެ މައްޗަށް ދައުލަތުން ކުރި، ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ.
ކްރިމިނަލް ކޯޓުގެ ޙުކުމުގައި ވަނީ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު ދައުލަތުގެ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަކަށް ނުފޫޒު ފޯރުވުމަށް ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއް ކުރުމުގެ ގޮތުން، ނުވަތަ ނުކޮށްދޫކޮށްލުމުގެ ގޮތުން ޤާނޫނު ހުއްދަނުކުރާ މަންފާއެއް ހުށަހެޅުމަކީ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުން ކުށްވެރިވާކަމެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާ ވަކިގޮތަކަށް އަދާކޮށްފިނަމަ، އެމެންބަރުންނަށް ދާއިރާގެ ޓިކެޓުދޭނެ ކަމަށް ހުށަހެޅުމަކީ އެމެންބަރުންނަށް ހުށަހެޅޭ މަންފާއެއް ކަމަށާއި ވޯޓުލާ ގޮތަކަށް ރިޢާޔަތްކޮށް، ޙާޞިލްކޮށްދެވޭ ގޮތުންނަމަ، އެމަންފާއަކީ، ހުއްދަވެގެންނުވާ މަންފާއެއް ކަމަށް ވެސް ކޯޓުގެ ޙުކުމުގައި ވެއެވެ.
ޓިކެޓު ދެއްވާނެ ކަމަށާއި، އެހެން ހުރިހާ ގޮތަކުންވެސް އެހީތެރިވެދާނެ ކަމަށް ބުނެ، ގާސިމް ދައްކާފައިވާ ވާހަކައަކީ، ވަކި ބަޔަކަށް އަމާޒުކޮށް ޚާއްޞަ ކުރެވިގެން ދައްކާފައިވާ ވާހަކައެއް ކަމާއި، އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ސިޔާސީ ފަރާތްތަކުން ކުރަމުންދާ ސިޔާސީ ވައުދުތަކާއި ޤާސިމް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޚާއްޞަކޮށް ދީފައިވާ ދައުވަތުގެ ޢިބާރާތާއި، ތަފާތު ވެގެންވާއިރު، ޤާސިމް އިބްރާހީމް ބޭނުންކުރި، ޢިބާރާތަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގެ ޢުރުފު ޤަބޫލުކޮށްފައިވާ ފަދަ ޢިބާރާތެއްކަން ނުވަތަ ޤާސިމްގެ ފަރާތުން ދައްކާފައިވާ ވާހަކަ އަކީ ޤާނޫނު އަސާސީއާއި ޤާނޫނީ އިމުގެ ތެރެއިން ދައްކާފައިވާ ވާހަކައެއްކަން ނުވަތަ އެނޫންވެސް ދިފާޢެއް ޤާސިމަށް ލިބިގެންވާކަން ސާބިތުކޮށްދެވިފައިނުވާތީ، ގާސިމް ޖަލަށް ލުމަށް ޙުކުމް ކުރީ ކަމަށް ޙުކުމުގައި ވެއެވެ.
ގާސިމް އަށް ޙުކުމް ކުރުމުން މައުމޫން އާއި ނަޝީދުގެ ޚަބަރެއް ނުވި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ