އެއް ޖިންސުން ކައިވެނި ކުރަން ޑރ. ޝަހީދު ތާއިދު ކުރެއްވި ކަމަށް ބުނެ، ޕީޕީއެމުން އެކަން ކުށްވެރިކޮށްފި

އެއް ޖިންސުން ކައިވެނި ކުރުމަށާއި ކައިވެނިން ބޭރުން ގުޅުން ހިންގުމަށް އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި އަދި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހާއްސަ ރެޕެޓުއާ ޑރ. އަހުމަދު ޝަހީދު ތާއީދު ކުރެއްވި ކަމަށް ވެރިކަން ކުރާ ޕީޕީއެމުން ތުހުމަތުކޮށްފި އެވެ. އެއްޖިންސުން ކައިވެނިކުރުން ހުއްދަކޮށް، ޖަރުމަނު ގާނޫނު ހަދާ މަޖިލީހުން ގާނޫނެއް ފާސްކުރި ހަބަރު ޑރ. ޝަހީދު އިއްޔެ ވަނީ ރިޓްވީޓު ކުރައްވާފަ އެވެ. ޝަހީދު އެ ޓްވީޓު ރިޓްވީޓު ކުރެއްވުމުން އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައި ވަނީ އެއްޖިންސުން ކައިވެނި ކުރުމަށް ޑރ. ޝަހީދު ތާއިދު ކުރެއްވި ކަމަށެވެ. ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއްޖިންސުން ކައިވެނިކުރުން ހުއްދަކޮށް ޔޫރަޕްގެ ގައުމަކުން ނިންމި ނިންމުމަށް ތާއިދުކޮށް ޝަހީދު ޓްވީޓު ކުރެއްވި ކަމަށާއި އޭނާ ގަބޫލުފުޅު ކުރައްވާ ގޮތުގައި އެއީ އިންސާނީ ހައްގުތަކެއް ނަމަވެސް އެއީ މުސްލިމެއްގެ ގޮތުގައި ހުރެގެން ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. ޑރ. ޝަހީދު އެގޮތަށް ޓްވީޓު ކުރެއްވި ކަމަށް ބުނި ވާހަކަތައް އޭނާ ވަނީ ދޮގުކޮށްފަ އެވެ. އެކަން ދޮގުކޮށް ޝަހީދު ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. Tweet ga dhakkaafa huri vaahaka ey? Ingireysi bas nudhannanee dhoa @FLO_MV @PresidentYAG ? https://t.co/qVHKivd5d1 — Ahmed Shaheed (@ahmedshaheed) July 2, 2017 ޕީޕީއެމްގެ ބަޔާނުގައި ވަނީ އެމްޑީޕީން އިސްލާމީ ރިވެތި އަހްލާގަށް ފުށޫއަރާ ކަންތައްތައް ޕްރޮމޯޓް ކުރަމުންދާ ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ. އަދި ޝަހީދުގެ އަމަލަކީ އެމްޑީޕީގެ މަސަތްކަތުގައި ފާޅުގައި ބެއިވެރިވުން ކަމަށް ވސް ތުހުމަތުކޮށްފައެވެ. "..ޑރ. ޝަހީދު ޓްވީޓްގައި ދައްކަވާފައިވާ ވާހަކަފުޅުތައް ޕީޕީއެމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިފަދަ މުޑުދާރު އަމަލުތައް ވަގުތުން ވަގުތައް ހުއްޓުވައި ލައްވައި. ދިވެރި ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެން، މާތްﷲގެ ހަޟްރަތަށް ތައުބާވުމަށް ޑރ. ޝަހީދަށް ގޮވާލަން،" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ. ޕީޕީއެމުން ވަނީ ޝަހީދު ހިންގާފައިވާ ކަމަށް ބުނާ އަމަލު ކުށްވެރިކޮށް އޭނާއާ ދެކޮޅަށް އަޑު އުފުލުމަށް ދިވެހި ރައްޔިތުންނަށް ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ