ކޯލީޝަން މެޖޯރިޓީއޮވެ ސަރުކާރުން ފޮނުވާ ބިލްތައް މަޖިލީހުން ފާސް ނުވާތީ މާޔޫސްވެ، ރައްޔިތުން ސުވާލުކުރޭ

ރައްޔިތުންގެ މަޖިލީހުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ކޯލީޝަންގެ އަޣުލަބިއްޔަތު އޮވެ، ސަރުކާރުން މަޖިލީހަށް ފޮނުވާ މުހިއްމު ބިލުތައް ފާސްވެފައިނުވާ މައްސަލައިގައި، ރައްޔިތުން ސުވާލު ކުރަމުން ގެންދާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިރޭ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، ރައީސް ސޯލިހުގެ ވެރިކަމުގެ ދައުރުގެ 100 ދުވަސް އަހަމަވާން ކައިރިވަމުން އަންނައިރު 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ގިނަ ވައުދުތަކެއް ފުއްދިފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ވައުދުތައް ފުއްދިފައިވަނީ ބައެއް މުއައްސަސާތަކުގެ އެއްބާރުލުންވެސް ލިބިގެންކަމަށެވެ.
އެގޮތުން ރައީސް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ޕެންޝަން ފައިސާއިން ހައްޖަށް ދެވޭގޮތަށް، މަޖިލީހުން ފާސްކުރަންޖެހޭ ކަންތައްތައް ފާސްކޮށްދީފައިވާ ކަން މާރިޔާ ފާހަގަ ކުރެއްވިއެވެ.
މާރިޔާ ވިދާޅުވީ، އެކަން އެގޮތަށް އޮތް ނަމަވެސް މިދުވަސްކޮޅު މަޖިލީހުގެ މަސައްކަތްތައް މަޑުޖެހި، ސަރުކާރުން ފޮނުވާފައިވާ އެންމެ މުހިއްމު ބިލްތަކުގެ ތެރޭގައި ހިމެނޭ، ހިޔާނާތުގެ މައްސަލަ ތަކާއި މަރުތަކުގެ މައްސަަލަތައް ބަލާ ކޮމިޓީގެ ބިލްފަދަ މުހިއްމު ބިލްތައް މަޑުޖެހިފައިވާ ކަމަށެވެ.
މާރިޔާ ވިދާޅުވީ، ރައްޔިތުންގެ ވަރަށްގިނަ އަދަދެއްގެ ބަޔަކު ރިޔާސީ އިންތިހާބު ގައި ރައީސް އިބޫ ސޯލިހަށް ވޯޓު ދެއްވީ، ވޭތުގެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ހިޔާނާތާއި، ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމުގެ އިތުރުން، ގޮތް ނޭނގޭ އެތައް މަރުތަކެއްގެ ހަގީގަތް ހޯދުމަށް ކަމަށެވެ. އަދި ރައްޔިތުން ބޭނުންވި ގޮތަށް ސަރުކާރަށް އެކަން ކުރެވޭހިސާބަށް ސަރުކާރުން އެކަން ގެންގޮސްފއިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މިހާރު ކޮންމެވެސް ސަބަބަކާހެދިނަމަވެސް އެ ބިލްތައް ފާސްކޮށް ނުދީ ވާތީ ރައްޔިތުން މާޔޫސްވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ އެ ފަދަ މައްސަލަތައް ބަލަން ފުލުހުން ނާއި އެކި ކަހަލަ ކޮމިޝަންތައް އޮތްކަމަށް ބައެއް ފަރާތްތަކުން ބުނާއިރު، އެ މުއައްސަސާތަަކަކީ އެތައް ބައިވަރު މަސައްކަތްތަކެއް ކުރަމުންގެންދާ މުއައްސަސާތަކެއް ކަމަށެވެ.
އަދި ރައީސް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަން ތަކަކީ މާ ބޮޑެތި ކަންތައްތަކެއް ކުރާ ކޮމިޝަންތަކެއް ކަމަށާއި އެ ކޮމިޝަންތަކުގެ މަސައްކަތް އިތުރަށް ފުޅާވެފައި މެއިންޑޭޓްވެސް ބޮޑުވާނެކަމަށް މާރިޔާ ވިދާލުވިއެވެ.
މާރިޔާ ވިދާޅުވީ، މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު މެއި މަހުގެ 28 އާ ހަމައަށް ހަމަވުމުގެ ކުރިން ސަރުކާރުން ފޮނުވާފައިވާ މުހިއްމު ބިލުތައް ފާސްވާނެ ކަމަށް އަދިވެސް އުއްމީދު ކުރައްވާ ކަމަށެވެ.
ނަމަވެސް އެ ބިލުތައް ބާސްކޮށްދިނުމަށް ލޮބީ ކޮށްދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ މިނިސްޓަރުގެ ކިބައިން އެދި ވަޑައިގެންނެވި ނަމަވެސް އަދި އެކަމުން މާބޮޑު ކުރިއެރުމެއް ފެނިގެންނުދާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ތާށިވެފައިވާ މުހިއްމު ބިލު ތަކުގެ ތެރޭގައި، ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ބާ އެސޯސިއޭޝަންގެ ބިލާއި ކޮރަޕްޝަން ފަޅާ އަރުވާލާ ފަރާތްތަކަށް ގާނޫނީ ހިމާޔަތް ދިނުމުގެ ބިލު ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ