މަސްތުވާތަކެތި ހުއްޓުވޭނީ މުދާ އަތުލައި މަރުގެ އަދަބު ތަންފީޒުކޮށްގެން: އުމަރު

މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވޭނީ އެކަންކުރާ މީހުންގެ މުދާ އަތުލައި މަރުގެ އަދަބު ތަންފީޒުކޮށްގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ކުރީގެ ހޯމް މިނިސްޓަރު މިހެން ވިދާޅުވީ ގދ. ގެ ފަޅުރަށަކުން 149 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެން މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ ފުލުހުންނާއި، ކޯޓްތަކާއި، ސިވިލްސާވެންޓްގެ އަތަށް ދޫކޮށްލާ، ސިޔާާސީ ވެރިން ހިޔަލަށްޖެހި ތިބެގެން މަސްތުވާތަކެތިން ދިވެހިރާއްޖެ ސަލާމަތްނުކުރެވޭނެކަމަށެވެ.
މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ގައުމު ސަލާމަތްކުރުމުގައި، ސިޔާސީ ވެރިންގެ ކިބާގައި އިޚްލާސްތެރިކަމާއި، ބުންވަރާއި. ޖެހިލުން ކުޑަކަން ހުންނަންވާނެކަމަށް އުމަރު ވިދާޅުވިއެވެ.
އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ މުދާ ދައުލަތަށް ނަގާ، މަރުގެ އަދަބު ތަންފީޒުކޮށްގެން ނޫނީ މިކަންކަމަށް ހައްލެއް ނެތްކަމަށްވެސް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ މާތްﷲގެ އިރާދަފުޅުން ދިވެހިން އަދި އެދުވަސް ދެކޭނެކަމަށެވެ.
ގދ. އަތޮޅުގެ ފަޅުރަށެއްގައި ވަޅުލާފައި ހުއްޓާ ފުލުހުން ވަނީ 1149 ކިލޯގެ މަސްތުވާތަކެތި ހޯދާފައެވެ. މެދުނުކެނޑި ގާތްގަނޑަކަށް 72 ގަޑިއިރު ފުލުހުން ހިންގި އެ އޮޕަރޭޝަންގައި މި ތަކެތި ފުލުހުން އަތުލައިގެންފައިވާއިރު، ފުލުހުންގެ މަސައްކަތަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ތައުރީފުކުރައްވާފައެވެ.
ސީޕީ ވިދާޅުވީ 149 ކިލޯގެ ޑްރަގްސް (ހިރޮއިން އަދި ކެނެބިސް) ކަނޑުމަގުން ރާއްޖެ އެތެރެކޮށް ގދ. ހުޅުވާރުލު ގައި ވަޅުލާފައި ވަނިކޮށް އަތުލައިގަތުމަށް ހިންގީ ވަރަށް ކާމިޔާބު އޮޕަރޭޝަނެއްކަމަށެވެ.
ކޮމިޝަނަރު ވިދާޅުވީ އަތޮޅުތެރޭގައި މަސައްކަތްކުރައްވާ ފުލުހުން ކުރަމުންގެންދާ މަސައްކަތްތައް ބަލައިގަންނަ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ބައެއް ސްޓްރެޓެޖީއަށް ބިނާކޮށް މިހާރަށް ވުރެ ބޮޑަށް ހިދުމަތްދިނުމަށް މައިގަނޑު ހަ ބައެއް ކަނޑައެޅި އޭގެތެރޭގައި ހިމެނޭ ލޯކަލް ޕޮލިސީ ހާއްސަވާނީ އަތޮޅުތެރޭގައި ގާއިމްވެ ތިބޭ ފުލުހުންގެ މަސައްކަތް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށް ކަމުގައެވެ. ކޮމިޝަނަރ ވިދާޅުވީ މިފަދަ ކާމިޔާބީތައް ފުލުހުންގެ މުޢައްސަސާއަށް ލިބެމުންދާ ސަބަބަކީ ފުލުހުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަމާއި އިތުބާރު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މުޢައްސަސާއަކީ ރައްޔިތުން ބަލައިގަންނަ ޒަމާނާއި އެކަށީގެންވާ ތަނަކަށް ހެދުމަށާއި، އަދި ރައްޔިތުންގެ ރައްކާތެރިކަމަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކަށް ކުރިމަތިލައި އެގާބިލްކަން ފުލުހުންގެ ތެރޭގައި އިތުރުކޮށް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ތެދުވެރިކަމާއި އެކު ދެމިތިއްބަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ