ދިވެހިން އެހެން ގައުމުތަކަށް ގޮސް ހަނގުރާމަކުރުމަކީ ޖިހާދެކޭ ނުބުނެވޭނެ: މައުމޫން

ދިވެހިން އެހެން ގައުމުތަކަށް ގޮސް ހަނގުރާމަކުރުމަކީ ޖިހާދެއް ކަމަށް ނުބުނެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވެފައިވަނީ މައުމޫން ފައުންޑޭޝަނުން އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި އިހްޔާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރައީސް މައުމޫން ވިދާޅުވީ، އިސްލާމްދީނުގެ ދިފާއުގައި ޖިހާދުކުރުން ވާޖިބު ވަނީ އަދުއްވުންގެ ބަޔަކު، މުސްލިމް ގައުމަކަށް އަރައިގަނެ މުސްލިމުންނާ ހަނގުރާމަކޮށް އެ މީހުން ނިކަމެތިކުރަން މަސައްކަތްކުރާ ހާލަތުގައި ކަމަށެވެ."އަމާންކަމާއި ސުލްހަ މަސަލަސްކަމާއެކު އަމިއްލަ ގައުމުގައި ތިއްބައި ގައުމަށް އަރައިގަނެ، ގެދޮރުން ނެރެލަން މަސައްކަތް ކޮށްފިއްޔާ އެ ޖެހުނީ ޖިހާދުކުރުމުގެ ވަގުތު. އެވަގުތު އެންމެން ނިކުމެ އެ މީހުން ބަލިކުރަންޖެހޭނެ،" ކުރީގެ ރައީސް މައުމޫން ވިދާޅުވިއެވެ. ބޭރު ގައުމުގައި ކުރާ ހަނގުރާމައިގައި ބައިވެރިވުމަކީ ޖިހާދޭ ނުބުނެވޭނެ ކަމަށާއި، ޖިހާދުކުރުމަކީ އެ ބައެއްގެ ގައުމުގައި ތިބެގެން ދީނާއި ގައުމުގެ ދިފާއުގައި ކުރާ ހަނގުރާމަ އަށް އިސްލާމްދީނުގައި ދީފައިވާ ނަމެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި ވިދާޅުވީ، ބަޔަކު އަމާންކަމާއި އެކު ދިރިއުޅެމުން ދަނިކޮށް އެއްވެސް ބޭނުމެއްގައި އެތަނަށް އަރައި ހަނގުރާމަކޮށްގެން ނުވާނެ ކަމަށާއި، ދީން ކުރިއެރުވުމުގެ ނަމުގައި ވެސް ހަނގުރާމަކޮށްގެން ނުވާނެކަމަށެވެ.މީގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ، ކޮންމެ މުސްލިމަކަށް ވެސް ޖިހާދުކުރެވޭނީ އެ މީހެއްގެ އަމިއްލަ ގައުމުގައި ތިބެގެން ކަމަށެވެ. "ދިވެހިން އެހެން ގައުމަކަށް ގޮސް ހަނގުރާމަކުރުމަކީ އެއްވެސް ހާލަތެއްގައި ޖިހާދުކުރުމެކޭ ނުބުނެވޭނެ. އެއީ އިސްލާމްދީނުގައި ޖިހާދުކުރުން ހުއްދަކުރައްވާފައި ދާއިރާއިން ބޭރު ކަމަކަށް ވާތީ،" ރައީސް މައުމޫން ވިދާޅުވިއެވެ. މައުމޫން ފައުންޑޭޝަނުން ރޭ ކުރިއަށްގެންދިޔަ އިހްޔާ ފޯރަމްގައި ނައިބު ރައީސް ފައިސަލް ނަސީމާއި ގިނަ ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ