ސިޔާސީ ބޭފުޅުން އަމަލުކުރަންވީ އުސޫލެއް އާއްމުކޮށްފި

ސިޔާސީ މަގާމުތަކަށް މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާއްމުކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ މި އުސޫލަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)ގެ ދަށުން ވަޒީރުން ފިޔަވައި ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މުވައްޒަފުން އަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކުރާ އުސޫލެއް ކަމަށެވެ. އެގޮތުން ސިޔާސީ މުވައްޒަފުން ކަމަށް ބަލަނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކުން ސޮއިކުރާ ލިޔުމަކުން ވަޒީފާ ހަމަޖައްސާ ފަރާތްތަކެވެ.
މި އުސޫލުގައި ވަނީ ސިޔާސީ މުވައްޒަފުންގެ ސުލޫކީ މިންގަނޑު ވެސް ހިމަނާފަ އެވެ. އެގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށާއި، މުވައްޒަފު ވަޒީފާ އަދާކުރާ ދާއިރާގެ ވަޒީރަށް ނުވަތަ އޮފީހުގެ އިސްވެރިޔާއަށް ފުރިހަމައަށް ޖަވާބުދާރީވުން ލާޒިމުކުރެ އެވެ.
މީގެ އިތުރަށް ދައުލަތާއި ރައްޔިތުންގެ މަސްލަހަތަށް އަބަދުވެސް އިސްކަންދިނުމާއި، ސަރުކާރުން ނިންމާ ނިންމުންތައް ބަލައިގަނެ ހުރުމަތްތެރިކޮށް ހިތުމާއި، އަދި އެފަދަ ނިންމުމަކާއި ޚިޔާލުތަފާތުވި ނަމަވެސް ވަކިވަކި ފަރުދުންގެ ގާތުގައި އެފަދަ ވާހަތައް ނުދެއްކުމާއި، އާއްމު ތަންތަން އަދި މީޑިއާގައިވެސް އެފަދަ ވާހަކަތަށް ނުދެއްކުމަށާއި، ނޫސްތަކަށް މައުލޫމާތުދީ ސޯޝަލްމީޑިއާގައި ލިޔެ ނުހެދުމަށްވެސް އުސޫލުގައި ވަނީ އަންގާފަ އެވެ.
މިއުސޫލުގައި ވަނީ ސަރުކާރުގެ ސިޔާސަތާ ތަފާތު ވިސްނުމެއް ނުވަތަ މުވައްޒަފުގެ މަސްއޫލިއްޔަތާ ފުށުއަރާ ކަމަކަށް މަގުފަހިވެދާނެ އުސޫލުތަކެއް ނުގެންގުޅުމަށާއި، އެއްވެސް މީހެއްގެ އަބުރަށް ނުވަތަ އިއްޒަތަށް އުނިކަމެއް ލިބޭފަދަ އެއްވެސް އަމަލެއް ނުކުރުމަށް ވެސް އަންގާފަ އެވެ. އަދި މަގާމުގެ ނުފުޒު ބޭނުންކޮށްގެން މަންފާއެއް ނުހޯދުމަށާއި، އަމިއްލަ މަންފާއެއް ހާސިލްކުރުމަށް އެހެން ފަރާތަކަށް މަންފާއެއް ހާސިލްކޮށް ނުދިނުމަށާއި، ސަރުކާރުގެ އެއްވެސް މުދަލެއް ނުވަތަ ވަސީލަތެއް، މަގާމުގެ ހައިސިއްޔަތުން ކުރަންޖެހޭ ކަމަށް ނޫނީ ބޭނުން ނުކުރުމަށްވެސް އުސޫލުގައި ވަނީ އަންގާފަ އެވެ.
މީގެ އިތުރަށް މަގާމުގެ ހައިސިއްޔަތުން ލިބޭ މައުލޫމާތުތަކުގެ ސިއްރު ހިފެހެެއްޓުމާއި، ބާރާއި އިޚްތިޔާރު ބޭނުން ނުކުރުމާއި، ރަސްމީ ގަޑީގައި، މުވައްޒަފު އެހެން އެއްވެސް ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށްވެސް ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުުކުރާ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލު ވަނީ ބުނެފަ އެވެ.
މި އުސޫލު ގެޒެޓް ކުރުމަށްފަހު މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން މިއުސޫލަށް ގެންދަނީ އަމަލުވެސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ