ވިލިނގިލީގައި ފެންބޮޑުވެ، ކަރަންޓު ކެނޑި، ނަޖިސް މައްޗަށް އަރަނީ
ގއ. ވިލިނގިއްޔަށް ބޯކޮށް ވެހެމުންދާ ވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ގޭގެއަށް ފެންވަދެ، ގެތަކުގެ ޖަންކްޝަނުން ނަޖިސް މައްޗަށް އަރަން ފަށައިފި އެވެ. މިއަދު މެންދުރު ފަހު އެރަށަށް ބޯކޮށް ވާރޭ ވެހި 50 އަށް ވުރެ ގިނަ ގެ ތަކަށް ވަނީ ފެން ވަދެފައެވެ. އަދި ދޭތެރެ ދޭތެރެއިން ކަރަންޓުވެސް ދަނީ ކެނޑެމުންނެވެ. ވިލިނގިލީ ކައުންސިލް ރައީސް މުސްތަފާ މުހައްމަދު މިރޭ "ސަން" އަށް ވިދާޅުވީ، މިއަދު މެންދުރު 2:00 އިން ފެށިގެން ވެހެން ފެށި ވާރޭ އަދިވެސް ވެހެމުންދާ ކަމަށާއި އެއާއެކު މުޅި ރަށުގައި ދުވަހަކުވެސް ފެންބޮޑު ނުވާވަރަށް ފެންބޮޑު ވެފައިވާ ކަމަށެވެ. "މިހާރު 50 އަށް ވުރެ ގިނަ ގޭގެއަށް ވަނީ ފެން ވަދެފައި. ބައެއް ގޭގޭތަކުގެ ޖަންކްޝަން ފަޅައިގެން ގޮސް ނަޖިސް މައްޗަށް އަރަމުން ދަނީ،" ކައުންސިލް ރައީސް މުސްތަފާ ވިދާޅުވިއެވެ. https://twitter.com/VillingiliGa/status/1130857747266691072 މުސްތަފާ ވިދާޅުވީ، ކައުންސިލްގައި ފެން ހިދުމަށް މާބޮޑު ވަސީލަތެއް ނެތް ކަމަށާއި ކައުންސިލުން ވީވަރަކުން ރައްޔިތުންނާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ، ފެން ބޮޑުވުން ކޮންޓްރޯލް ނުކުރެވޭ ހިސާބަށް މިހާރު ގޮސްފައިވާ ކަމަށާއި މިހާރު އެކަން އެމްއެންޑީއެފްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. "މުޅި ރަށުގައި ވަނީ ކޮންޓްރޯލް ނުވާ ވަރަށް ފެންބޮޑުވެފައި. ތިނަދޫގައި ތިބި އެމްއެންޑީއެފްގެ ބޭކަލުން ރަށަށް އައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމަތު ލިބޭ،" އޭނާ ވިދާޅުވިއެވެ. މުސްތަފާ ވިދާޅުވީ، ނަޖިސް މައްޗަށް އަރަމުން ދަނީ، ނަރުދަމާ ނިޒާމްގެ ތިން ޕަމްޕު ހަލާކުވެފައި ހުރުމުން ކަމަށެވެ. އަދި ކަރަންޓުގެ މައްސަލަ ހައްލު ނުވާތާ މިހާރު ތިން އަހަރުވެފައިވާ ކަމަށެވެ. އެކަންކަން މީގެ ކުރިން ވެސް ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ނަރުދަމާ ނިޒާމްގެ ޕަމްޕުތަށް ހަލާކުވެފައި ހުންނަތާ އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ. ފެނަކަ ކޯޕަރޭޝަން އިން މީގެ ކުރިން ވެސް ދެންނެވިން އެވާހަކަ. އެބޭފުޅުން މީގެ ކުރިން ވިދާޅުވި ހަތަރު މަސް ފަހުން އެކަން ހައްލު ކުރެވޭ ވަރުވާނެ ކަމަށް. އެހެން ވިދާޅުވިތާ މިހާރު މިއީ ފަސް ވަނަ މަސް،" އޭނާ ވިދާޅުވިއެވެ. ވިލިނގިލީ މަގުތަކުގައި ފެން ބޮޑުވެފައި: ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތަކުން ވަނީ ޖަންކްޝަން ފަޅައިގެން ގޮސް ނަޖިސް މައްޗަށް އަރައިފައި -- ސަން ފޮޓޯ/ ކިޔުންތެރިޔެއް މުސްތަފާ ވިދާޅުވީ، އުންމީދުތަކާއެކު ގެނައި ސަރުކާރުން ވިލިނގިޔާ މެދު ވަރަށް ބޮޑަށް އިހުމާލުވަމުންދާ ކަމަށެވެ. "ވިލިނގިއްޔާ މެދު ސަރުކާރުން ވަރަށް ބޮޑަށް މިދަނީ އިހުމާލުވުމުން. ހާއްސަކޮށް ފެނަކަ ކޯޕަރޭޝަން އިން އަމަލު ކުރަނީ އެންމެ ރަނގަޅަކަށް ނޫން،" މުސްތަފާ ވިދާޅުވިއެވެ. ވިލިނގިލީގެ ނަރުދަމާ ނިޒާމް ބަލަހައްޓަމުން އަންނަ ފެނަކަ ކޯޕަރޭޝަންގެ ބަހެއް ހޯދާލުމަށް އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު، އަހްމަދު ސައީދު މުހައްމަދަށް ގުޅުއްވުމުން ފޯނަށް ޖަވާބު ނުދެއްވާތީ މިކަމާ ގުޅޭގޮތުން އެކުންފުނީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. ވިލިނގިލީގައި ބޯކޮށް ވާރޭ ވެހޭ ނަމަ އާންމުކޮށް ރަށުގެ މަގުތަށް ފެން ބޮޑުވެއެވެ. ނަމަވެސް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ބޯކޮށް ވާރޭ ވެހިގެން މިއަދު ފެންބޮޑުވީ ވަރަކަށް އަދި ދުވަހަކުވެސް އެ ރަށުގައި ފެން ބޮޑު ނުވާ ކަމަށެވެ. ކުރިއަށް އޮތް ހަފްތާހެއްހާ ދުވަސް ތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން އިއްޔެ ވަނީ ބުނެފައެވެ. މެޓް އޮފީހުން ބުނިގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ދެކުނާއި މެދު ރާއްޖެތެރޭގެ ރައްތަކަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހިދާނެ ކަމަށެވެ. އަދި އުތުރުގެ ރަށްތަކަށް ކެރީގެ އަސަރުކުރާނެކަމަށް އެ އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ