އދ ގެ ހިއުމަން ރައިޓްސް ކައުންސިލުން ޔާމީން އަދި އަދީބް އާއި ބައްދަލުކޮށްފި

އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ މަންދޫބުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާއި ބައްދަލު ކުރައްވައިފިއެވެ.
އދ ގެ އިންސާނީ ހައްޤުތަކާއި ބެހޭ ހާއްސަ ވަފުދުން ރާއްޖެއަށް ކުރި ޒިޔާރަތާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކައުންސިލްގެ ބޭފުޅުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ބައްދަލު ކުރެއްވީ އައިޖީއެމްއެޗްގައި އެޑްމިޓް ކުރެވިފައި ވަނިކޮށް ކަމުގައެވެ. އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބްއާއި ބައްދަލު ކުރައްވާފައިވަނީ މާފުށީ ޖަލުގައި ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
މި ބޭފުޅުންގެ އިތުރުން ގޭ ބަންދުގައި މިވަގުތު ތިއްބެވި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި ސްޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުއާއިވެސް އދ ގެ ހިއުމަންރައިޓްސް ކައުންސިލްގެ ބޭފުޅުން ބައްދަލު ކުރެއްވިކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މި ބޭފުޅުންގެ އިތުރުން ވަޒީރުންނާއި ބަންޑާރަ ނައިބާއި ޕްރޮސެކިއުޓަރ ޖެނެރަލާއިވެސް އދ ގެ ހިއުމަންރައިޓްސް ކައުންސިލުން ބައްދަލު ކުރެއްވިކަމަށް ފޮރިން މިނިސްޓްރީންވަނީ ބުނެފައެވެ.
ބަންދުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުގައި ހުންނެނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް މަނީ ލޯންޑަރ ކުރި ކަމުގެ ތުހުމަތުގައި ކޮށްފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަކާއި ގުޅިގެންނެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެންދަވަނީ އެމްއެމްޕީއާރުސީގެ ބޮޑު ވައްކަމާއި ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ނެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ބަންދުގައި ތިއްބެވީ 2018 ފެބްރުއަރީ އެކެއްގެ އަމުރާއި ގުޅިގެން ހައްޔަރުކޮށް ކުރެވުނު ބައެއް ދައުވާތަކާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ