63 ޕަސެންޓް މީހުން ވޯޓު ދިނީ އެމްޑީޕީއާ ދެކޮޅަށް - އުމަރު ނަސީރު

ހޮނިހިރު ދުވަހު ކުރިއަށްދިޔަ މަޖިލިސް އިންތިހާބުގައި ވޯޓުލި 63 ޕަސެންޓް މީހުން ވޯޓު ދިނީ އެމްޑީޕީއާ ދެކޮޅު ކެނޑިޑޭޓުންނަށް ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބުގައި ވޯޓުލި 63 ޕަސެންޓް މީހުން ވޯޓު ދިނީ އެމްޑީޕީއާ ދެކޮޅު ކެނޑިޑޭޓުންނަށް ކަމަށާއި، ބަލިވީ ބައި މަދުވުމުން ނޫން ކަމަށާއި، ބަލިވީ ބައިބައި ވުމުން ކަމަށެވެ.
އުމަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި މަސައްކަތް ކުރި ދީނާއި ގައުމީ ފިކުރުގެ ހުރިހާ މީހުންގެ ސަފުތައް ރޫޅުނަ ނުދިނުމަށާއި، އެ ސަފުތައް އާ ލީޑާޝިޕެއްގެ ދަށުން ރުކުރުވާލަން ޖެހޭ ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ރަށެއްގައި މަސައްކަތްކުރި ދީނާއި ގައުމީ ފިކުރުގެ ހުރިހާ މީހުން ސަފުތައް ރޫޅިގެން ދިޔަ ނުދެއްވާ. ބަދަހިކަމާއެކު ތިބުމަށް އުމަރު އިލްތިމާސްކުރަން. އިރާދަ ކުރެއްވިއްޔާ ދީނާއި ގައުމީ ފިކުރުގެ ސަފުތައް އާ ލީޑާޝިޕެއްގެ ދަށުގައި އަލުން ރުކުރުވާލެވޭނެ. މިއީ ރާއްޖޭގެ ރައްޔިތުންގެ މެޖޯރިޓީ ފިކުރު. ދީނީ ގައުމީ ފިކުރު. ''ކޮންޒަވޭޓިވް'' ފިކުރު. ސަރުކާރާއި މަޖިލީހުގައި އޮތީ ލިބަރަލް ފިކުރު.'' އުމަރު ވިދާޅުވިއެވެ.
އުމަރު މިހެން ވިދާޅުވެފައިވާ އިރު، ނިމިދިޔަ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަނީ 65 ވަރަކަށް ގޮނޑި ކާމިޔާބުކޮށްފައެވެ. އެއީ 87 މެމްބަރުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ