އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ބަލަނީ
އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާ ގުޅޭގޮތުން ހުށަހެޅިފައިވާ ދެ މައްސަލައެއް ބެލުމަށް މިއަދު އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް މިއަދު ވަނީ ނަގާފައެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ: 1. ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ 2. ކޮމިޝަންގެ މެމްބަރު އަބްދުއްރައޫފް އިބްރާހީމް 3. ކޮމިޝަންގެ މެމްބަރު މުހައްމަދު އީސާފުޅު 4. ކޮމިޝަންގެ މެމްބަރު ހިސާން ހުސައިން 5. ކޮމިޝަންގެ މެމްބަރު އަބްދުލް ހަންނާން އަހްމަދު 6. ކޮމިޝަންގެ މެމްބަރު ޑރ. އަލީ ޝަމީމް 7. ކޮމިޝަންގެ މެމްބަރު އިބްރާހިމް ރިފްއަތު މީގެއިތުރުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން ބަލަމުން އަންނަ މައްސަލާގައި ތަހުގީގު ކޮމިޓީން މައްސަލަ ނިންމި ގޮތުގެ ރިޕޯޓަށް ޖަވާބުދާރީވާން 30 ދުވަހުގެ މުއްދަތެއް މިދިޔަ ހޯމަ ދުވަހު ވަނީ ދީފައެވެ. ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ މައްސަލަ ބަލާ ކޮމިޓީން ވަނީ ޖޭއެސްސީއަށް ލަފާދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ