އާސަންދަ ކުންފުނީގެ އަމިއްލަ ހޮސްޕިޓަލެއް ހިންގުމުގެ ވިސްނުން އެބަހުރި - މައުމޫން

އާސަންދަ ޕްރައިވެޓް ލިމިޓެޑުގެ އަމިއްލަ ހޮސްޕިޓަލެއް ރާއްޖޭގައި ހިންގުމުގެ ވިސްނުން އެބަ ގެންގުޅޭ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުއްސަމަދު ވިދާޅުވެއްޖެ އެވެ.
"ވަގުތަށް" ދެއްވި ހާއްސަ އިންޓަވިއުއެއްގައި މައުމޫން ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި އެ ދާއިރާއަށް "ވާދަވެރިކަން" އެބަ ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން އެކުންފުނީގެ އަމިއްލަ ހޮސްޕިޓަލެއް ހިންގުމުގެ ވިސްނުން އެބަ ހުރި ކަމަށާއި އެގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް އެބަހުރި ރާއްޖޭގަ އާސަންދައިގެ ހޮސްޕިޓަލެއް ހުރުން. އަޅުގަނޑުމެންނަށް ރަނގަޅީ ހުޅުމާލެ ހޮސްޕިޓަލް އެގޮތަށް ލިބިއްޖެއްޔާ. އަޅުގަނޑު ދެކޭ ގޮތުގަ އެއީ ކުރެވޭ ވަރަށް ރަނގަޅު ކަމެއް. މިދެންނެވީ ފެންވަރު ރަނގަޅުވާނެ. ވާދަވެރިކަމެއް އުފެއްދީމަ ރަނގަޅުވާނެ،" މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ އެގޮތަށް ހިންގުމަށް އެންމެ ބޮޑަށް ބޭނުން ވަނީ ހުޅުމާލޭ ހޮސްޕިޓަލް ކަމަށެވެ. އަދި އެފަދަ ފުރުސަތެއް ލިބިއްޖެ ނަމަ ރާއްޖެއިން ކެންސަރާއި، ހިތުގެ ބަލިތަކުގެ އިތުރުން އެހެނިހެން، ރާއްޖެއިން ފަރުވާ ނުލިބޭ ބޮޑެތި ބަލިތަކަށް ފަރުވާ ލިބިގެންދާނެ ކަމަށެވެ. އަދި އެދުވަހަކުން މާލޭގައި ހުރި އެހެން ބޮޑެތި ހޮސްޕިޓާތަކުން އާސަންދައިގެ ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުގެ މަތިން ރާއްޖޭގެ ސިއްހީ ދާއިރާ ރަނގަޅުވެ، ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީން ސަރުކާރާ ހަވާލުވުމަށްފަހު "ހުސް ނުވާ އާސަންދަ" ތައާރަފް ކުރި ހިސާބުން ހުރިހާ ދިވެހި ރައްޔިތުންނަށް އެއްވެސް ހިފެހެއްޓުމެއް ނެތި، ބޭސް ފަރުވާ ކުރުމުގެ ދޮރު ވަނީ ހުޅުވިގެން ގޮސްފައެވެ. އެގޮތުން އިންޑިއާ އާއި ލަންކާގެ 19 ހޮސްޕިޓަލަކުން އާސަންދައިގެ ދަށުން ފަރުވާ ލިބެއެއެވެ. އެ ހޮސްޕިޓާ ތަކުގެ ތެރޭގައި ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ބޮޑެތި، ފެންވަރު ރަނގަޅު ހޮސްޕިޓަލްތައް ހިމެނެއެވެ. މާލޭގައި ހިންގަން އާސަންދައިން ވިސްނަމުންދާ ހޮސްޕިޓަލް ހިންގަން ހަމަޖެހިފައިވަނީ ވިޔަފާރި ބަދަލު ކުރާ އުސޫލުން، އާސަންދައާ ގުޅިފައިވާ ބޭރުގެ ހޮސްޕިޓާތަކާ ގުޅިގެން ކަމަށް މައުމޫން ވިދާޅުވިއެވެ.
"އެތަން މެނޭޖް ކުރާނީ ވެސް އަޅުގަނޑުމެން. އެތަނަށް ގެންނަ ޑޮކްޓަރުންވެސް ގެންނާނީ އަޅުގަނޑުމެން. އެތަނަށް ގެންނަ ވަސީލަތްތައްވެސް ގެންނާނީ އަޅުގަނޑުމެން. ހޮސްޕިޓަލެއް ހިންގަން ލިބިއްޖެއްޔާ އަޅުގަނޑުމެން އެތަނުގަ ގާއިމް ކުރާނަން ހުރިހާ ވަސީލަތެއް. އަޅުގަނޑުމެން ވަރަށް ބޭނުންވާ ކަމެއް އެއީ،" މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ވަރަށް ކުރިއަރައިގެން ގޮސްފައިވާ ކަމަށާއި މިހާރު އާސަންދައިގެ ދަށުން ފަރުވާ ނުލިބޭ އެއްވެސް ބައްޔެއް ނޯންނާނެ ކަމަށެވެ. ހުޅުމާލެ ހޮސްޕިޓަލް ހިންގުމުގެ ފުރުސަތު ލިބިއްޖެ ނަމަ އެއްމަސް ދުވަސްތެރޭގައި އެ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާ ދެވޭ ވަރު ކުރާނެ ކަމަށާއި އެކަމަކީ އާސަންދައިގެ ވަރަށް ބޮޑު އަމާޒެއްކަމަށްވެސް މައުމޫން ވިދާޅުވިއެވެ. އަދި އެހޮސްޕިޓަލުގައި ތިބި ޑޮކްޓަރުން ކެންސަރަށް ފަރުވާދޭން ތަމްރީން ދިނުމަށް ފުރުސަތު ހޯދައިދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިފަދަ ވިސްނުމެއް ގެންގުޅޭ ކަން އަދި ރައީސް ޔާމީނާވެސް ހިއްސާކޮށްފައިނުވާއިރު، މައުމޫން ވިދާޅުވީ މިކަމުގެ ފީޒިބްލް ރިޕޯޓު ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ ރިޕޯޓު ސަރުކާރަށާއި ރައީސާ ހިއްސާ ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެއްވެސް ދަތިކަމެއް ނެތި އެފަދަ ހޮސްޕިޓަލެއް ހިންގިދާނެ ކަމުގެ ޔަގީންކަން މައުމޫނަށް އޮތް އިރު، އޭނާ ޓާގެޓް ކުރަނީ ހުޅުމާލެ ހޮސްޕިޓަލް ނުލިބިއްޖެ ނަމަ ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމަށެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ