މިއަހަރުގެ މެދު ތެރޭގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނީ ވަރުގަދަ، އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައި ތިބެގެން ކަމަށާއި އިންތިހާބު ކާމިޔާބުކުރުމަށް މި އިންތިހާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅެއް ހޮވިވަޑައިގަތްކަމުގައިވިޔަސް އެބޭފުޅެއްގެ ފަހަތްޕުޅުގައި އެންމެން ތިބެން ޖެހޭނެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސް ނިންމުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްގެން ނޫނީ ސަރުކާރުގެ ބާރާއި ނުފޫޒު އަދި ޕީޕީއެމްގެ ސިޔާސަތުތަކާއި، އުސޫލުތައް ހިންގޭނެ ގޮތެއް ނޯންނާނެ ކަމަށާއި އެހެންކަމުން މި އިންތިހާބު އެންމެން ގުޅިގެން ކާމިޔާބުކުރުން މުހިންމު ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ މޮޓޯ ކަމަށްވާ "ފުރަތަމަ ގައުމު" މި މޮޓޯގައި ބުނާ އެއްޗެއް ހާސިލްކުރުމަށް މަސައްކަތްކުރަންޖެހޭނެ ކަމަށާއި ޕީޕީއެމްއިން ހަމައެކަނި ބޭނުންވަނީ ގައުމަށް ހިދުމަތްކުރަން ކަމަށެވެ. އަދި ޕީޕީއެމްގެ އަމާޒަކީ ދިވެހި ރައްޔިތުންނަށް ލާބަޔާއި މަންފާ އާއި ކުރިއެރުމާއި ތަރައްގީ ހޯދުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބު ކާމިޔާބުކޮށްގެން، ސަރުކާރުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން ނޫނީ އަޅުގަނޑުމެންގެ ސިޔާސަތުތަކާއި އަޅުގަނޑުމެންގެ އުސޫލުތަކާއި އަޅުގަނޑުމެންގެ މަގްސަދުތަކާއި ޕްރޮޖެކްތައް ހިންގޭނެ ގޮތެއް ނޯންނާނެ މިކަންކުރެވޭނީ އަޅުގަނޑުމެން ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިގެން، އެހެންވީމަ އަޅުގަނޑުމެންނަކީ ވަރުގަދަ އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައި ތިބެގެން މަސައްކަތްކުރަންޖެހޭ، އިރާދަކުރެއްވިއްޔާ މިއަހަރު ރާއްޖޭގައި މިބޭއްވޭ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް މި އިންތިހާބަށް ކުރިމަތިލެއްވީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ބޭފުޅެއް ކާމިޔާބުކުރެއްވި ކަމުގައިވިޔަސް އެބޭފުޅެއްގެ ފަހަތްޕުޅުގައި އެންމެން ތިބެން ޖެހޭ" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޕާޓީ އުފެދިގެންދިޔަތާ 1 އަހަރާއި 3 މަސް ނުވަތަ 447 ދުވަސް ތެރޭގައި ދިވެހި ރައްޔިތުންގެ ތާއީދާއިއެކު ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާ ކަމަށާއި ނަމަވެސް މިހާރު މިއީ އެވާހަކަދައްކަންވީ ވަގުތު ނޫން ކަމަށެވެ. އަދި ޕީޕީއެމްއިން ދައްކަންވީ ކުރިއަށް އޮތް ތަނުގެ ވާހަކަ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމް ހަރުދަނާކޮށް ޕާޓީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑޫ އަދި ރައްޔިތުންގެ އެންމެ ތާއީދު ބޮޑު ޕާޓީ ކަމަށް ހެދުމަށްޓަކައި ދެން އޮތް މަރުހަލާގައި މަސައްކަތްކުރަންޖެހޭ ކަމަށް ވެސް އެހެން ޖަލްސާތަކެކޭ އެއްފަދައިން މިރޭ ވަނީ ތަކުރާރުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިވަގުތީ ކުރިއަށް އޮތްތާންގައި ކަންތައްކުރަންވީ ގޮތް މިއަހަރު ތެރޭގައި މަޝްވަރާކޮށް އަޒުމްތަކެއް ކަނޑައަޅަންވީ ވަގުތެވެ.
ޕާޓީގެ ރައީސް ކަމުގައި ހޭދަކުރައްވާ މުއްދަތުގެ ތެރޭގައި ޕީޕީއެމްގެ ބައިބައިވުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށާއި ޤައުމީ ޖަލްސާގެ ތެރޭގައި މަގާމުތަކަށް ވާދަވެރި ކެމްޕެއިން ތަކެއް ހިނގި ނަމަވެސް އެކަން މިހާރު ހަނދާން ނައްތާލުމަށްފަހު ޕާޓީއައިގެން ހުރިހާ ބޭފުޅުން ކުރިއަށް ވަޑައިގަތުމަށްވެސް ރައީސް މައުމޫން އެދިވަޑައިގަންނަވާ ކަމަށެވެ.
ޕީޕީއެމްގެ ޕްރައިމަރީ އާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެޕާޓީން ބާއްވާނީ ވަރަށް ޑިމޮކްރަޓިކް، ހާމަކަން ބޮޑު މިނިވަން ޕްރައިމަރީއެއް ކަމަށާއި އެ ޕްރައިމަރީއިން ހޮވިވަޑައިގަންނަވާ ރިޔާސީ ކެންޑިޑޭޓު ފަހަތުގައި ނުގުޑާ ފަދަ އަޒުމަކާއި އެކީގައި ތިބެގެން ނޫނީ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ.
"އަޅުގަނޑުމެން ބާއްވާނީ ވަރަށް ޑިމޮކްރަޓިކް ހާމަ މިނިވަން ޕްރައިމަރީއެއް، އެ ޕްރައިމަރީއިން ހޮވިވަޑައިގަންނަވާ ކެންޑިޑޭޓަކީ އަޅުގަނޑުމެންގެ ރިޔާސީ ކެންޑޑޭޓު ރިޔާސީ ކެންޑިޑޭޓު ފަހަތުގައި އަޅުގަނޑުމެން ނުގުޑާ ފަދަ އަޒުމަކާއި އެކީގައި ތިބެގެން އަޅުގަނޑުމެންނަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނީ އެހެންވީމަ އެކަން އަޅުގަނޑުމެންގެ ޕާޓީގެ ލޮބުވެތި ހުރިހާ މެންބަރުން ދެނެވަޑައިގަތުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން. ޕީޕީއެމްއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެންމެ ކާމިޔާބު ޕާޓީ، މިޕާޓީ ޖެހޭނީ އަޅުގަނޑުމެންގެ ތެރޭގައި އޮތް އެއްބައިވަންތަކަން ދަމަހައްޓަން، ހަގީގަތުގައި މިގައުމީ ޖަލްސާއިން ފެނިގެންދިޔައީ އަޅުގަނޑުމެންގެ ތެރޭގައި އޮތް ވަރުގަދަ އެއްބައިވަންތަކަން." ރައީސް މައުމޫން ވިދާޅުވި އެވެ.
ރާއްޖޭގެ ވެރިކަން 30 އަހަރުވަންދެން ކުރެއްވި ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ އިންތިހާބުތައް ކުރިއަށް ގޮސްފައިވަނީ ވަރަށް އޮމާންކޮށް ކަމަށާއި އެއްވެސް ކަހަލަ ބައިބައިވުމެއް ފެނިފައިނުވާ ކަމަށެވެ. އަދި ކޮންގްރެސްއިން ޕީޕީއެމްއަކީ ވަރުގަދަ ހަރުދަނާ މާ ވިސްނުން ރަނގަޅު ޕާޓީއެއްކަން ސާބިތުކޮށްދީފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނީ އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައި ތިބެގެން - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ