ސްކޫލް ކުދިންގެ ކުރެހުމުގެ މައުޒަރެއް ހުޅުވައިފި

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރެހުމުގެ މައުރަޒު ހުޅުވައިފި އެވެ.
ނެޝަނަލް އާޓް ގެލެރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މައުރަޒު ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.
މައުރަޒު ހުޅުވުމަށާއި ސުކޫލުކުދިންގެ ކުރެހުމުގެ މުބާރާތުގެ އިނާމް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތިމާވެއްޓަކީ ވަރަށް ނާޒުކު އެއްޗެއް ކަމަށާއި ސުކޫލު ދަރިވަރުން މިކަމަށް ހޭލުންތެރިވުން މުހިއްމު ކަމަށާއި ތިމާވެއްޓާމެދު ނުހަނު ސަމާލުވެ، އެކަމަށް ވިސްނުމަކީ މިއަދު ދަރިވަރުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ތިމާވެއްޓާމެދު ނުހަނު ސަމާލުވެ، އެކަމަށް ވިސްނުމަކީ މިއަދު ސްކޫލް ދަރިވަރުން ކޮންމެހެން ކުރަންޖެހޭކަމެއް. މިފަދަ މުހިއްމު މައުލޫއަކަށް ސްކޫލްކުދިން ހޭލުންތެރިކުރުވުމަށް، މިނިސްޓްރީ އޮފް ޓޫރިޒަމްއިން މަސައްކަތް ކުރައްވާތީ، މިނިސްޓަރ އަޙްމަދު އަދީބަށާއި، އެ މިނިސްޓްރީގެ އެންމެހާ ބޭފުޅުންނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ވީހާވެސް ގިނަ ދަތިވަރުންނަށް ތިމާވެށީގެ ނާޒުކުކަން އަންގައިދިނުމަށް މަސައްކަތް ކޮށްދިނުމަށް މި ކުރެހުމުގެ މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
މި ކުރެހުމުގެ މުބާރާތުގައި އަތޮޅުތަކުން 15 ސުކޫލެއް ބައިވެރިވެ 717 ކުރެހުމެއް ހުށަހަޅާފައިވެއެވެ. ކުރެހުމުގެ މުބާރާތުގައި ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވީ ވެސް އެޑިއުކޭޝަން މިނިސްޓަރެވެ.
ކުރެހުމުގެ މި މުބާރާތަކީ ޓޫރިޒަމް މިނިސްޓްރީ އާއި ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓް ( ޓެޕް) އަދި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން " ކްލައިމެޓް ރިޒީލިއެންޓް އައިލެންޑްސް" ނަމުގައި ބޭއްވި މުބާރާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ