ފަނޑިޔާރުކަމަށް ދިޔާނާ ނުހޮވުމުން މައުމޫން ހިއްވަރުދެއްވައިފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ މަގާމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ނުހޮވުމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިއްވަރުދެއްވައިފިއެވެ.
ރައީސް މައުމޫން ދިޔާނާ އަށް ހިތްވަރުދެއްވައި ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓުގައި އެމަނިކުފާނު ވިދާޅުވީ މީގެ ކުރިން ދިޔާނާ އާއި އެކު މަސައްކަތް ކުރައްވާފައި ވާނޭ ކަމަށާއި، ދިޔާނާ އަކީ އެކަމަނާގެ ދައުރުގައި ރައީސްގެފަރާތުން ރައްޔިތުންގެ މަޖިލީހަށް ކަނޑައެޅުއްވެވި މެންބަރެއް ކަމަށެވެ. އެހެން ކަމުން ދިޔާނާ އަކީ ގާބިލިއްޔަތުކަން ހުރި ކަނބަލެއް ކަމަށް އެމަނިކުފާނުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ. އަދި ފަނޑިޔާރުކަމަށް ހޮވިވަޑައި ނުގަތުމުން އެކަމާ ކަންބޮޑުވެވަޑައިނުގަންނަވާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ރައީސް މައުމޫންގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
ދިޔާނާ ވަނީ މައުމޫން ކުރެެއްވި ޓްވީޓާއި ގުޅިގެން ޝުކުރު ދަންނަވައި ޓްވީޓެއް ކުރައްވާފައެވެ. ދިޔާނާ ވިދާޅުވެފައި ވަނީ ފަނޑިޔާރަކަށް ނުހޮވުމުން ހިތާމަކުރާ ކަމަށާއި އެހެން ނަަމަވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ރައީސް މައުމޫންގެ ފަރާތްފުޅުން ލިބިގެންދިޔަ އެއްބާރުލުމާއި އެހީތެރިކަމަށް ހިތުގެ އެެންމެ ފުންމިނުން ޝުކުރު ދަންނަވާ ކަަމަށް އެކަމަނާ ކުރެއްވި ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރުގެ އައްޔަން ކުރާށެވެ. ދިޔާނާ އާއި މަހާޒްގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވިއެވެ. އެ ދެބޭފުޅުންނަކީ ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް "ހައިލީ ރިކޮމެންޑް" ކުރާ ދެބޭފުޅުންނެވެ.
މަހާޒުގެ ނަން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އިއްތިފާގުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ، އެ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ދީދީ އެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ