އުނގޫފާރު ދާއިރާގެ އެމްޑީޕީ ޓިކެޓް އަނެއްކާވެސް އަޝްރަފަށް

ރައްޔިތުންގެ މަޖިލީހުގައި ހުސްވެފައިވާ އުނގޫފާރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރަން ބާއްވާ ބައި އިލެކްޝަނުގައި އެމްޑީޕީގެ ޓިކެޓު އަނެއްކާވެސް ޑރ. އަޙްމަދު އަޝްރަފަށްދީފައިވާ ކަމަށް އެޕާޓީން ބުނެފި އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލްގެ ނައިބު އަހުމަދު އަކުރަމް މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ޓިކެޓްގައި އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާނެ ކެޑިޑޭޓެއް ހޮވަން އިއުލާނުކޮށްފައިވާ މުއްދަތުގައި ކުރިމަތި ލައްވާފައި ވަނީ އަޝްރަފް އެކަނި ކަމަށެވެ.
އަޝްރަފް ވަނީ 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް އެމްޑީޕީގެ ޓިކެޓުގައި އުނގޫފާރު ދާއިރާއަށް ކުރިމަތިލައްވާ ވާދަ ކުރައްވާފަ އެވެ.
އުނގޫފާރު ދާއިރާގެ ގޮނޑި ހުސްވީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާ ގުޅިގެންނެވެ. ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު އެވެ.
އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ ކެންޑިޑޭޓުގެ ނަން އެޕާޓީން އިއުލާންކޮށްފައިވާއިރު، ޕީޕީއެމުން ވަނީ އެޕާޓީގެ ޓިކެޓުގައި އުނގޫފާރު ދާއިރާގެ ބައި އިލެކްޝަންގައި ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ. ޕީޕީއެމް އާއި އެމްޑީޕީ ފިޔަވައި މި އިންތިހާބުގައި އިތުރު ޕާޓީއެއް އަދި ބައިވެރިވާކަން މިހާތަނަށް އިއުލާންކޮށްފައެއް ނުވެ އެވެ.
އަފްރާޝިމް ޢަލީއަށް އިހްތިރާމް އަދާ ކުރެއްވުމުގެ ގޮތުން އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނުގައި ސަރުކާރު އިއްތިހާދުގައި ހިމެނޭ ޕާޓީތަކުން ކެންޑިޑޭޓުން ވާދަކުރުމުގައި ބަދަލުގައި މިއިންތިޚާބުގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓަށް ތާއީދު ކުރުމަށް ޕާޓީ ތަކުން ވިސްނަމުންދާ ކަމުގެ މައުލޫމާތު އިތުބާރު ހުރި ގޮތަކަށް ވަނީ ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ