ސްކޫލް ކުދިންގެ ފޮތް ލިސްޓަށާއި އިމްތިހާނުތަކުގެ ފީއަށް 131 މިލިއަން ރުފިޔާ ހަރަދުވާނެ: މިނިސްޓަރު

އަންނަ އަހަރުން ފެށިގެން ސަރުކާރުން ހިލޭ ދެއްވުމަށް ހަމަޖައްސާފައިވާ ސްކޫލު ކުދިންގެ ފޮތްތަކާއި އިމްތިހާނުތަކުގެ ފީއަށް 131 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޒާހިޔާ ޒަރީރު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
ހުރިހާ ސްކޫލެއްގެ ކިޔަވާ ކުދިންނަށް ހިލޭ ޓެކްސްޓް ފޮތްތަކާއި އިމްތިހާނުތަކުގެ ފީ ދެއްވުމަށް ހަމަޖެއްސެވުމާ ގުޅިގެން އެކަމާ ބެހޭ ގޮތުން ޓީވީއެމްގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ރާއްޖޭގެ ސްކޫލުތަކުގައި ގްރޭޑް 1 އިން ފެށިގެން 12 އާ ހަމައަށް 83،117 ކުދިން ކިޔަވާނެ ކަމަށާއި އެ ކުދިންގެ ފޮތް ލިސްޓަށް 71 މިލިއަން ރުފިޔާ ހަރަދު ވާއިރު އިމްތިހާނުތަކުގެ ފީއަށް 60 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ.
ޒާހިޔާ ވިދާޅުވީ އިމްތިހާނުތަކުގެ ފީ ސަރުކާރުން ދެއްވާ ގޮތަށް ހަމަޖައްސަވާފައި އޮތަސް ފީ ދެއްވާނީ އެކަމަށް އެދޭ ފަރާތްތަކަށް ކަމަށާއި އެހެން ނަމަވެސް ބަޖެޓް ކަނޑައަޅާފައި ވާނީ އިމްތިހާނަށް ކުރިމަތިލާ ހުރިހާ ކުދިންނަށް ވާ ވަރަށް ކަމަށެވެ.
މި މަހުގެ 25 އިން ފެށިގެން ހުރިހާ ސްކޫލަކަށް ވެސް ފޮތްތައް ދޫކުރާ ވައުޗަ ދިނުމަށް ހަމަޖައްސާފައިވާ ކަމަށާއި އަންނަ މަސް ފެށުމުން ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖެއްގެ ސްކޫލަކުން ފޮތް ލިސްޓާއެކު ވައުޗަ ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގްރޭޑް 1 އިން 12 އަށް ކިޔަވާ ކުދިންގެ ފޮތްތައް ހިލޭ ދޭން ނިންމި ކަމުގައި ވިއަސް ސާނަވީ ގްރޭޑްތަކުގެ ކުދިން އެ ކުދިން ކިޔަވާ ނިމުމުން އަނބުރާ ޓެކްސްޓް ފޮތްތައް ސްކޫލާ ހަވާލުކުރަން ޖެހޭ ގޮތަށް ހަމަޖެއްސުމަށް ވެސް ވިސްނަވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ