ސައުތު އެފްރިކާގެ ފެތުންތެރިޔާ ރާއްޖެ ހުރަސްކޮށް ފަތަން ފަށާނީ މީރު އައިލެންޑް ރިސޯޓުން: އެމްޓީޕީބީ

އިނގިރޭސި ވިލާތަށް އުފަން ނަމަވެސް މިހާރު ސައުތު އެފްރިކާގެ ރައްޔިތަކަށް ވެފައިވާ ލުއިސް ގޯޑަން ޕިއު ރާއްޖެ ހުރަސްކޮށް ފެތުމަށް ބުދަ ދުވަހު ރާއްޖެ އަތުވެއްޖެ އެވެ.
މި އިވެންޓް ރާއްޖެ އިން ވިލަރެސް ކުރާ މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން ބުރާސްފަތި ދުވަހު ވިދާޅުވީ ޕިއު، ،36 ހުރީ މީރު އައިލެންޑް ރިސޯޓުގައި ކަމަށާއި ރާއްޖެ ހުރަސްކޮށް ފެތުމަށް އޭނާ އެ ރަށުން ފަތަން ފަށާނީ ހޮނިހިރު ދުވަހު ހެނދުނު ކަމަށެވެ. އެއީ ރާއްޖޭގެ އެންމެ އިރުން އޮންނަ ރަށް ކަމަށާއި މާލެ އަތޮޅު އުތުރުބުރީގައި އޮންނަ މި ރަށުން ފަށާ ފެތުން ނިންމާލާނީ ރާއްޖޭގެ އެންމެ ހުޅަނގަށް އޮންނަ ރަށް ކަމަށްވާ އއ. މޫފުށިން ކަމަށް ވެސް އެމްޓީބީން ވިދާޅުވި އެވެ.
"އޭރުން ގާތްގަނޑަކަށް 100 މޭލަށް އޭނާ އަށް ފެތުނީ،" އެމްޓީޕީބީގެ މާކެޓިން އެގްޒެކެޓިވް މުރާދު ހަސަން ބުރާސްފަތި ދުވަހު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ދިގުމިނަށް ފެތުމުން އެއީ އައްޑު އާއި ފުވައްމުލަކާ ދޭތެރޭ "ހަތަރު ފަސް ބުރު ޖެހުން" ކަހަލަ ކަމެއް ކަމަށެވެ.
"ފަތަން ހަމަޖެހިފައި ވަނީ ހަމައެކަނި ހެނދުނާއި ހަވީރު. މެންދުރުގެ ގަދަ އަވީގައި އޭނާ ނުފަތާނެ،" މުރާދު ވިދާޅުވި އެވެ.
އދ. އިން އެންމެ ފަހުން ނެރުނު ތިމާވެއްޓާ ބެހޭ ރިޕޯޓްގައި ކުރިއަށް އޮތް 200 އަހަރުގެ ތެރޭގައި ކޮންމެ 100 އަހަރަކުން ދުނިޔޭގެ ކަނޑު ލޮނުގަނޑު ދެ ފޫޓަށް އުސްވާނެ ކަމަށް ދެއްކުމުން އެ ކަމުން ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގެ މީހުން "ތިމާވެށީގެ ރެފިއުޖީން"ނަށް ވެދާނެތީ ކަމަށް ބުނެ ޕިއު ފަށާ ފެތުމުގައި އޭނާ ފަތާފައި މާލެ އެރުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ ހަވީރު އެވެ.
"އޭނާ އަރާނީ ޖެޓީ ނަންބަރު 1 އަށް. އެ ތާނގައި ވަރަށް ޚާއްސަ ރަސްމިއްޔާތެއް އޮންނާނެ،" މުރާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ރާއްޖޭގެ އިތުރުން މުޅި ދުނިޔޭގެ ތިމާވެށީގެ މައްސަލައަކަށް އަލިއަޅުވާލާ ކަމަކަށް ވާތީ މި ރަސްމިއްޔާތު ވެގެން ދާނީ ބައިނަލްއަގުވާމީ ކުލަ ޖެހިގެންދާ ރަސްމިއްޔާތަކަށް ކަމަށެވެ.
"މިހާރު ވެސް ދުނިޔޭގެ މީޑިއާގެ ނަޒަރު ވަނީ މި ކަމަށް އަމާޒުވެފައި،" މުރާދު ވިދާޅުވި އެވެ. ޕިއު އާއެކު ދުނިޔޭގެ މީޑިއާގެ ދެ ބޭފުޅަކު ވެސް ހަރަކާތްތެރިވާ ކަމަށް ވެ އެވެ.
އދ. ގެ ރިޕޯޓާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ރާއްޖެ ފަދަ ޖަޒީރާ ރަށްތައް މަރުގެ ތުންފަތަށް ގެންދާނެ ކަމަށް ދެއްކުމުން ޕިއު ފަތަން ދެ ތަނެއް ހިޔާލު ކުރި ކަމަށް ވެ އެވެ. އެއީ ޕެސިފިކް ކަނޑުގެ ޖަޒީރާ ގައުމެއް ކަމަށްވާ ވެނުއަޓޫ އާއި ދިވެހިރާއްޖެ އެވެ.
"ނަމަވެސް މީގެ ތަންކޮޅެއް ކުރިން އޭނާ ރާއްޖެ އައިސް މި ތަން ބަލާފައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމައިފި ފަތާނީ ރާއްޖޭގައި ކަމަށް، އޭނާގެ ކެމްޕޭނަށް އެންމެ ކަމުދަނީ ރާއްޖެ ކަމަށް،" މުރާދު ވިދާޅުވި އެވެ.
"އަހަރެމެން ހަމައެކަނި ކޮށްދޭ ކަމަކީ މި ހުރިހާ ކަމެއް ކޯޑިނޭޓް )ވިލަރެސް( ކުރުން،" އޭނާ ވިދާޅުވި އެވެ.
މުރާދު ވިދާޅުވީ ޕިއުގެ މެސެޖަކީ ތިމާވެއްޓަށް ލިބޭ ގެއްލުމުން އަސަރު ކުރާނީ ހަމައެކަނި ޖަނަވާރުންނަށް ނޫން ކަމަށާއި އިންސާނުންނަށް ވެސް ނުހަނު ބޮޑެތި ގެއްލުންތަކެއް މި ކަމުން ކުރިމަތިވާނެ ކަމަށެވެ.
މެރިޓައިމް ގާނޫނީ ވަކީލުކަން ކުރާ ޕިއުގެ މި ތިމާވެށީގެ ކެމްޕޭންގައި އޭނާ ދެން ފެތުމަށް ހަމަޖެހިފައިވަނީ ޖުލައި މަހު ނޯތު ޕޯލްގެ ގަދަ ފިނީގައި ކަމަށް ވެ އެވެ. އޭނާ ނޯތު ޕޯލްގައި މައިނަސް 1.8 ޑިގްރީގެ ގަދަ ފިނީގައި އެއް ކިލޯމީޓަރަށް ފެތުމަށް ހަމަޖެހިފައިވާ ކަމަށް މުރާދު ވިދާޅުވި އެވެ.
ލަންޑަންގައި ހުންނަ ދިވެހި ހައި ކޮމިޝަނަށް ޒިޔާރަތްކޮށް، އޭނާ ރާއްޖެ ހުރަސްކޮށް ފަތަން ގަސްދުކުރާކަން ރަސްމީކޮށް މި ހަފުތާގައި އިއުލާން ކުރަމުން އޭނާ ބުނީ :"ދިވެހިންނަކީ ތިމާވެއްޓަށް ގެއްލުންދޭ ކަހަލަ އެއްވެސް ކަމެއް ކުރާ ބައެއް ނޫން. ނަމަވެސް މި ހުރިހާ ކަމެއްގެ ނުބައި ނަތީޖާ ލިބެން އަންނަނީ އެ މީހުންނަށް" ކަމަށެވެ.
ޕިއު އަކީ ދުނިޔޭގެ ހުރިހާ ކަނޑުތަކެއްގައި ދިގު ފެތުން ފަތާފައިވާ ހަމައެކަނި މީހާ އެވެ. އޭނާ މިދިޔަ އޯގަސްޓް މަހު ވަނީ ތިމާވެށީގެ ނާޒުކުކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ލަންޑަންގެ ޓެމްސް ކޯރުގެ އެއް ކޮޅުން އަނެއް ކޮޅަށް ފަތައިފަ އެވެ. ޓެމްސްގެ ދިގުމިން ކަމަށް ބައެއް ފަރާތްތަކުން ބުނަނީ 344 ކިލޯމީޓަރު ނުވަތަ 215 މޭލު ކަމަށެވެ.
މަޝްހޫރު އެޑްވެންޗާ ޗެނަލްތަކުން ފެންނަ ޕިއުގެ މި ކެމްޕޭނަށް ދިވެހި ސަރުކާރުން ފުރިހަމަ އަށް ތާއީދު ކުރައްވާނެ ކަމަށް ރާއްޖެ އިން އިނގިރޭސި ވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަސަން ސޯބިރު ވަނީ ވިދާޅުވެފަ އެވެ.
"މި ވަގުތަކު ކަނޑު އުފުލޭ ތަނެއް ނުފެނޭ ނަމަވެސް ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވޭ،" ސޯބިރު ވިދާޅުވި އެވެ.
އދ. އިން ދާދި ފަހުން ނެރުނު ރިޕޯޓާ ގުޅިގެން ރޮއިޓާސް ނޫސް އޭޖެންސީ އަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް އީމޭލުން ދެއްވި އިންޓަވިޔުއެއްގައި ވިދާޅުވެފައި ވަނީ ތިމާވެށީގެ ރެފިއުޖީންނަށް ދިވެހިން ވާން ބޭނުން ނުވާ ކަމަށާއި ރާއްޖެ ދޫކޮށް ކޮންމެހެން ދާން ޖެހިއްޖެއްޔާ ނޫނީ މި ފަސްގަނޑު ދިވެހިން ތިބީ ދޫކޮށްލާ ގޮތަކަށް ނޫން ކަމަށެވެ.
ޕިއު އާއެކު ރޮއިޓާސްގެ ކެމެރާމަނަކު މި ފެތުން ދުނިޔޭގެ މީޑިއާ އަށް ކަވަރުކޮށްދޭން ރާއްޖެ އައިސްފައިވާ ކަމަށް މުރާދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ