އިބުރާގެ ރިޔާސީ ކެމްޕެއިން: ގިނަ ކެންޑިޑޭޓުން ތިބެގެން ރައީސް މައުމޫނާ ވާދަކުރުމަކީ އެންމެ ފައިދާ ބޮޑު ގޮތް: އިބުރާ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން ތިބެގެން ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމާ ވާދަކުރުމަކީ އެންމެ ފައިދާ ބޮޑު ގޮތް ކަމަށާއި އޭގެ ސަބަބުން ގައުމީ އިއްތިހާދަށް ވެސް ފައިދާތަކެއް ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލޭ މެމްބަރު އަދި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އިބްރާހިމް އިސްމާއީލް (އިބުރާ) މިއަދު ވިދާޅުވެއްޖެ އެވެ.
އިބުރާގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ރޭ ފެށުމަށް ފަހު މިއަދު ދަރުބާރުގޭގެ ފަންސަވީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އޭނާ ވަނީ ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓަކު ނެރުމުގައި ބައެއް ފަރާތްތަކުން ވިދާޅުވާ ވާހަކަތަކަށް ފާޑު ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެންނަށް ވިސްނޭ ގޮތުން ގިނަ ކެންޑިޑޭޓުން ތިބުން އެންމެ ފައިދާ ހުރި ގޮތަކީ. އިއްތިހާދުގެ ވަކި ކެންޑިޑޭޓެއް ހޮވާނެ ގޮތުގެ ރަނގަޅު މެކޭނިޒަމެއް ވެސް ނެތް. ކިހިނެއްތޯ އިއްތިހާދުގެ ކެންޑިޑޭޓަކީ ކާކުކަން ކަނޑައަޅަނީ؟ އަޅުގަނޑުތޯ ޑރ. ހަސަން ސައީދު ތޯ ނުވަތަ އެމްޑީޕީގެ ޕްރައިމަރީން ނުކުންނަ ކެންޑިޑޭޓެއްތޯ ނުވަތަ އުމަރު ނަސީރުތޯ؟ ކޮބައިތޯ އެ މެކޭނިޒަމަކީ؟ އެކަމަކު ބޮޑު ހައިޕެކް އުފައްދައިގެން އަޅުގަނޑުމެން ތެރެއިން އާންމުންނަށް އެބަ ވިސްނައިދޭ، އިއްތިހާދުން އެކަކު ނިކުމެގެން ނޫނިއްޔާ ނުވާނެ އޭ. އެންމެ ކެންޑިޑޭޓެއް ނުކުންނަ ކޯލިޝަނެއް ހަދައިފިއްޔާ އެ ކޯލިޝަންގެ ޕޮލިސީތައް ހުންނާނީ ކިހިނެއްތޯ؟ ކޮން ޕާޓީއެއްގެ ޕޮލިސީއެއްތޯ އެ ކެންޑިޑޭޓް ފޮލޯކުރާނީ؟،" އިބުރާ ވިދާޅުވި އެވެ.
މިހާރު ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުންދާ އިބުރާގެ ސޯޝަލް ލިބަރަލް ޕާޓީ އަކީ ވެސް ގައުމީ އިއްތިހާދުގެ ބައިވެރިއަކަށްވާއިރު، އެ އިއްތިހާދުގެ އެހެން ބައެއް ކެންޑިޑޭޓުން ތާއީދުކުރަނީ ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓަކު ނެރުމަށެވެ. އެހެން ނަމަވެސް އިބުރާގެ ހިޔާލު އެހެން ބޭފުޅުންނާ ތަފާތުވެފައިވާއިރު، ރައީސް މައުމޫން ބަލިކުރުމުގެ ވިސްނުން ކާމިޔާބު ކުރެވޭނީ ކޮން ގޮތަކަށްތޯ ދެންނެވުމުން އޭނާ ވިދާޅުވީ "ކުރަން މި އުޅޭ ކަންތައްތައް ކާމިޔާބު ނުވުމަކީ ޗޮއިސްއެއް ނޫން" ކަމަށެވެ.
"އަޅުގަނޑު ރޭގައި ވެސް ވާހަކަ ދައްކަމުން ދެންނެވިން އަޅުގަނޑެއް މި ކެމްޕެއިންގައި ކުރިމަތިލައްވައިގެން ތިއްބެވި އެއްވެސް ކެންޑިޑޭޓަކާ ބެހޭ ގޮތުން އެއްޗެއް ނުކިޔާނަމޭ. އެއްޗެއް ނުދަންނަވާނަމޭ. ހަމައެކަނި ކެންޑިޑޭޓުން ހުށަހަޅުއްވާފައި ހުންނަ ޕޮލިސީއެއްގައި އަޅުގަނޑު ގަބޫލުނުވާ ކަމެއް އޮތިއްޔާ ޑިބޭޓް ވެސް ކުރާނަން. އެކަމަކު އިއްތިހާދުގެ މައްސަލަ، ނޫނީ އެ ނޫން މައްސަލައެއްގައި ކެންޑިޑޭޓުންނާ އަޅުގަނޑާ ހުރި ހިޔާލު ތަފާތުވުން މީޑިއާގައި އެމްޕްލިފައިކުރުން އެއީ އަޅުގަނޑުގެ މަގުސަދެއް ނޫން،" ހާއްސަ މަޖިލީހުގެ ޑްރާފްޓިން ކޮމެޓީގެ މުގައްރިރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އިބުރާ ވިދާޅުވި އެވެ.
އޭނާ މިއަދު ވިދާޅުވީ އެއް ކެންޑިޑޭޓް ނެރުމަށް ބައެއް ފަރާތްތަކުން ގެންގުޅުއްވަނީ "ވަރަށް ބޮޑު ނުރަނގަޅު ވިސްނުމެއް" ކަމަށެވެ. އިބުރާ އަދި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ގިނަ މީހުން ކުރިމަތިލިޔަސް ރައީސް މައުމޫނަށް ލިބިވަޑައިގަންނަވާ ވޯޓުގެ އަދަދު އިތުރު ނުވާނެ ކަމަށާއި އެންމެ ގިނަވެގެން ވެސް ލިބިވަޑައިގަންނަވާނީ ތިންވަނަ ނުވަތަ ހަތަރުވަނަ ކަމަށެވެ. އޭގެ އިތުރުން އިބުރާ ވިދާޅުވީ ގިނަ ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރާ ކަމަށް ވަންޏާ ރައީސް މައުމޫނަށް ލިބިވަޑައިގަންނަވާ ވޯޓުގެ އަދަދު މަދުވެގެންދާނެ ކަމަށެވެ.
"ލިބަރެލް ޕާޓީން ދެކޭ ގޮތުގައި އެއްވެސް މީހަކަށް 50 ޕަސެންޓް ނުލިބިގެން ދެވަނަ ބުރަކަށް ދާއިރު، މިސާލަކަށް މައުމޫނާ ކޮންމެވެސް މީހަކާ ދާއިރުގައި އިއްތިހާދުގެ ކެންޑިޑޭޓް ހުންނާނީ ރައްޔިތުން ދައްކާފައި. ދެން ނުކުމެ އެމީހަކަށް މައުމޫން ބަލިކޮށްލަން މާ ފަސޭހަ ވާނެ. މިސާލަކަށް ފުރަތަމަ ބުރުން މައުމޫނަށް 40 ޕަސެންޓް ލިބިފައި އޮތިއްޔާ ދެވަނަ ބުރުގައި 15 ޕަސެންޓް ވެސް ލިބިވަޑައިނުގަންނަވާނެ. މިއީ އަޅުގަނޑުމެންނަށް ވިސްނޭ ގޮތް،" ގިނަ ކެންޑިޑޭޓުން ނެރުމުގެ ޕޮލިސީއަށް ތާއީދުކުރައްވަމުން އިބުރާ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތައް ވާދަކުރާ ގޮތަށް ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިބުރާ ނިންމަވައި ރޭ ވަނީ އޭނާގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.
"ބަދަލުކުރެވޭނެ، ބަދަލު ކުރާނަން" މި ޝިއާރުގެ ދަށުން ރިޔާސީ ކެމްޕެއިން އިފުތިތާހު ކުރުމުގެ ގޮތުން ވާހަކަ ދައްކަވަމުން އިބުރާ ވިދާޅުވީ ރައްޔިތުން އޭނައާ ހަވާލުކުރި ކަންތައް ހަވާލު ކުރި ގޮތަށް ކުރެވެން އޮތް މިންވަރަކުން މިހާތަނަށް އަދާކުރައްވާފައިވާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެއްވީ އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންނަށް ވެ ވަޑައިގެންނެވި ހުރިހާ ވައުދެއް ވެސް ފުއްދެވުމަށް ފަހު ކަމަށެވެ. އޭގެ އިތުރުން އިބުރާ ވިދާޅުވީ ރިޔާސީ ކެމްޕެއިންގައި "ވޯޓެއް ހޯދުމަށް އިބްރާހީމް އިސްމާއީލް އަތުން ލިބޭނެ ބޮޑުލާރިއެއް ވެސް ނޯންނާނެ" ކަމަށެވެ.
އިބުރާގެ ރިޔާސީ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރައްޔިތުންގެ މެދުގައި ތަފާތުތަކެއް ނުގެންގުޅުއްވާނެ ކަމަށާއި އަދުލު އިންސާފު ގާއިމްކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އޭނާ ހޮވިއްޖެ ނަމަ، ގާނޫނު ހިންގުމުގައި އިބުރާގެ ގާތްތިމާގެ މީހުން ތަފާތުނުކޮށް ހުރިހާ އެންމެންނާ މެދު ހަމަހަމަކޮށް ކަންތައްތައް ކޮށްދެއްވާނެ ކަމަށް އިބުރާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ރާއްޖޭގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ މަސްތުވާތަކެތީގެ ވަބާއިން ދިވެހިން ސަލާމަތް ކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ދައުލަތުގެ ބަޖެޓުގެ 20 ޕަސެންޓް ތައުލީމީ ކަންތައްތަކަށް ހަރަދު ކުރައްވާނެ ކަމަށެވެ.
އިބުރާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް އިންތިހާބުތަކަށް ފަހު ރާއްޖޭގައި ބައިބައިވުން އުފެދިގެންދާނެ ކަމަށާއި އެކަންތައްތައް ހައްލުކުރުމުގެ ގާބިލްކަން އޭނާއަށް ލިބިގެންވެ އެވެ.
ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިބުރާ ވިދާޅުވީ އޭނާ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެއްވުމަށް ނިންމެވުމުން، އޭނާ ރަށަކަށް ގެންދަން ވެސް ޖެހޭނީ އަތުލަފިކޮށްގެން ކަމަށް ބައެއް މީހުން ބުނަމުންދާ ކަމަށެވެ.
"އެއީ ވަރަށް ބޮޑު ތެދެއް. އަޅުގަނޑަކަށް ދޯންޏަކަށް ނުވެސް އެރޭނެ މީހެއްގެ އެހީއާ ނުލައި. ދޯންޏަކުން ނުވެސް ފޭބޭނެ މީހެއްގެ އެހީއާ ނުލައި. އެކަމަކު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލާނެ ކަމަށް މިހާތަނަށް އިއުލާންކޮށްފައި ތިބި މީހުންގެ ތެރެއިން، ރައީސް މައުމޫން ދެން ކިޔާނެ ކަމެއް ނެތް، އެހެން އެއްވެސް މީހަކު އަޅުގަނޑު ކުރިމަތީގައި ބަހައްޓަވަ ބައްލަވާ، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އަޅުގަނޑަށް ވުރެ ގިނައިން ރަށްރަށަށް ޒިޔާރަތް ކުރެވުނު އެންމެ މީހަކު ހުރިތޯ؟." އޭނާ ވިދާޅުވި އެވެ. "އަޅުގަނޑަކީ ނުކުޅެދޭ މީހެއް. އަޅުގަނޑުމެން މި ހަރަކާތަށް ނުކުންނަންދެން ގައުމުގެ އިސްސަފުގައި ތިބީ ހުސް ނުކުޅެދޭ މީހުން. ހަގީގީ ނުކުޅެދޭ މީހުންނަކީ އެއީ. އަޅުގަނޑުމެން މި ނުކުޅެދޭ މީހުން، ނުކުމެ ޖުމްހޫރީ މައިދާނާއި އަނެއް ތަނެއްގައި ކުރިހާ މުޒާހަރާއެއްގައި ބައިވެރިވެ، ދޫނިދޫ ކުޑަގޮޅީގައި ތިބެ، މިހާ ހިސާބަށް ދިޔައިރު ގައުމުގައި ތިބި ކުޅެދޭ މީހުން ކޮބައިތޯ؟" އިބުރާ ސުވާލު ކުރެއްވި އެވެ.
ރޭގެ ބައްދަލުވުމުގައި އިބުރާ ވަނީ ރައީސުލްޖުމްހޫރިއްޔާކަން ލިބިވަޑައިގެންފި ނަމަ ކޮށްދެއްވާނެ ކަންތައްތަކުގެ އޮނިގަނޑުތައް ހިމެނޭ ލީފްލެޓްތައް ވެސް ބަހައިފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް އިބުރާ ހުށަހަޅުއްވާފައިވާ ބިލްތައް ހިމެނޭ ލުއި ފޮތަކާއި އޭނާގެ ސިޔާސީ ކެރިއަރުގެ މައުލޫމާތު ހިމެނޭ ލުއި ފޮތެއް ވެސް އާންމުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ