ހަވީރު އޮންލައިން ހިޓްސް 11 މިލިއަނަށް އަރައިފި

ހަވީރު އޮންލައިން ވެބް ސައިޓްގެ ހިޓްސް، ހުސްވި އެޕްރީލް މަހުގެ ތެރޭގައި 11 މިލިއަނަށް އަރައިފި އެވެ.
ހުސްވި އެޕްރީލް މަހުގެ ތެރޭގައި ހަވީރު އޮންލައިންގެ ހިޓްސް 11.8 މިލިއަން ފަހަނަޅައި ދިޔަ އިރު، އެ މަހުގެ ތެރޭގައި އެވްރެޖްކޮށް ސިކުންތަކު ހަތަރު ހިޓްސް ލިބިފައިވެ އެވެ. އަދި ހަވީރު އޮންލައިން އަށް އެންމެ ގިނަ ހިޓްސް ލިބިފައިވަނީ އެޕްރީލް މަހުގެ 15 އަދި 16 ވަނަ ދުވަހު އެވެ.
އެޕްރީލް 16 ވަނަ ދުވަހު ހަވީރު ވެބްސައިޓަށް 565028 ހިޓްސް ލިބިފައިވާ އިރު އެޕްރީލް 15 ވަނަ ދުވަހު ލިބިފައިވަނީ 532984 ހިޓްސް އެވެ. އެޕްރީލް 15 ވަނަ ދުވަހަކީ، ސ. ހިތަދޫ ނާޒުކީގޭ ހުސައިން ސޮލާހު މަރުވެފައި އޮއްވާ މާލޭގެ ދެކުނު ފަރާތު ފަޅުތެރެއިން، ފެނުނު ދުވަހެވެ.
އެޕްރީލް މަހުގެ ތެރޭގައި ހަވީރު މޯބައިލް އެޑިޝަނަށް ލިބިފައިވަނީ 10994 ހިޓްސް އެވެ. ހަވީރު އޮންލައިން އަށް ގެނެވުނު ބައެއް ބަދަލުތަކާ އެކު އަލަށް ހިމަނާފައިވާ ވީޑިއޯ ކްލިޕްތަކަށް ކިޔުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. އެ ގޮތުން 2006 ޑިސެމްބަރު 12 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 30 ވީޑިއޯ ކްލިޕް، ހަވީރު ވެބްސައިޓްގައި ހިމަނާފައިވާއިރު، ހުސްވި މަހުގެ ތެރޭގައި ވީޑިއޯ ކްލިޕްތައް ބަލާފައިވާ އަދަދު 27141 އަށް ވަނީ އަރައިފަ އެވެ.
ހަވީރު އޮންލައިން ވެބްސައިޓް ބްރައުޒްކުރުމަށް އެންމެ ގިނަ މީހުން ބޭނުންކޮށްފައިވަނީ މައިކްރޮސޮފްޓް އިންޓަނެޓް އެކްސްޕްލޯރާ އެވެ. އެއަށް ފަހު ދެ ވަނައިގައި އުޅެނީ މޮޒިލާ ފަޔަ ފޮކްސް އެވެ.
ހަވީރު ވެބްސައިޓަށް އެންމެ ގިނަ މީހުން ޒިޔާރަތްކޮށްފައިވަނީ ރާއްޖެ އިންނެވެ. އެއީ ޖުމްލަ ހިޓްސްގެ ގާތްގަނޑަކަށް 60 ޕަސެންޓެވެ. ބޭރު ގައުމަކުން އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ މެލޭޝިޔާ އިންނެވެ. އެއީ އެއީ ޖުމްލަ ހިޓްސްގެ ގާތްގަނޑަކަށް 7 ޕަސެންޓެވެ.
ވީޑިއޯ ސެކްޝަނަށް ބަލާއިރު އެންމެ ގިނަ މީހުން ބަލާފައިވަނީ، މިދިޔަ އެޕްރީލް މަހު 9 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓައިލުމާ ގުޅިގެން މަޖިލިސް ކުރާ ގޭ ކައިރީގައި ހިނގި ހަމަނުޖެހުންތަކާ ގުޅޭ ވީޑިއޯ އެވެ. އެ ވީޑިއޯ އަށް 6896 ހިޓްސް ލިބިފައިވެ އެވެ.
އެޕްރީލް މަހު އެންމެ ގިނައިން ކިޔާފައި ވަނީ، 21 ވަނަ ދުވަހު، "ސޮލާހުގެ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓްގައި ވަނީ އޭނާ މަރުވެފައިވަނީ ގެނބިގެން ކަމަށް" މި ސުރުޚީގެ ދަށުން ގެނެސްދިން ޚަބަރެވެ. އެއީ 9214 ފަހަރު އެވެ.
މި އަހަރުގެ ޖެނުއަރީ މަހު ހަވީރު އޮންލައިން ވެބްސައިޓަށް ލިބިފައިވާ ހިޓްސްގެ ޖުމްލަ އަދަދަކީ 7.4 މިލިއަނެވެ. ފެބްރުއަރީ މަހު ވެސް މި އަދަދުގައި އޮތުމަށް ފަހު މާޗް މަހު ލިބިފައިވާ ހިޓްސްގެ ޖުމްލަ އަދަދަކީ 8.2 މިލިއަނެވެ.
ހަވީރު އޮންލައިން އިތުރަށް ތަރައްގީކޮށް ކިޔުންތެރިންނާ ރަހުމަތްތެރި ވެބްސައިޓަކަށް ހެދުމުގެ ގޮތުން، ވެބް 2.0 ޓެކްނޮލޮޖީ އަށް ފެތޭގޮތަށް އަލުން ފަރުމާކޮށް ވެބްސައިޓް ރީލޯންޗްކޮށްފައިވަނީ، މި އަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުގެ ރޭ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ