ފަނޑިޔާރުންނަށް ސުޕްރީމް ކޯޓުގެ ދޮރު ބަންދު!

ގާނޫނު އަސާސީގެ 145 ވަނަ މާއްދާގައި ބުނާ ސުޕްރީމް ކޯޓު އުފެއްދެންދެން އިންތިގާލީ ސުޕްރީމް ކޯޓު ދެމި އޮންނާނެ ކަމަށާއި އެ ކޯޓުން ބޭނުންވާ ކޮންމެ ހިނދެއްގައި އެ ތަނުގެ ތަޅުދަނޑި ދޫކުރުމަށް މަދަނީ ކޯޓުން އިއްޔެ ހުކުމްކުރި ނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުވަދެވޭ ގޮތަށް އެ ކޯޓުގެ ދޮރު ސިފައިން މިއަދު ބަންދުކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ޑިފެންސް މިނިސްޓްރީން ސުޕްރީމް ކޯޓުގެ ތަޅުދަނޑި ހިފެހެއްޓުމާ ގުޅިގެން އިއްޔެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް ނުނިކުންނަވައި ތިއްބެވި ނަމަވެސް، އިއްޔެ މަދަނީ ކޯޓުން ކުރި ހުކުމާ ގުޅިގެން މިއަދު ބައެއް ފަނޑިޔާރުން މަސައްކަތަށް ވަޑައިގެންނެވި އެވެ. އެ ގޮތުން ހެނދުނު 00: 8 ގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަހުމަދު ފާއިޒާއި އަބްދުﷲ އަރީފު ކޯޓަށް ވަޑައިގަތުމުން އެ ބޭފުޅުންނަށް ކޯޓަށް ނުވަދެވޭނެ ކަމަށް ސިފައިން ވަނީ އަންގައިފަ އެވެ. އަދި އެ ގޮތަށް ފަނޑިޔާރުންނަށް އެންގީ ސިފައިންގެ ވެރިން އަންގައިގެން ކަމަށް ވެސް، އެ ކޯޓުގެ ސަލާމަތީ ކަންތައް ބަލަހައްޓަން ތިބި ސިފައިން ވަނީ ފަނޑިޔާރުންގެ އަރިހުގައި ބުނެފަ އެވެ.
މިއަދު ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ދެ ފަނޑިޔާރުންގެ ތެރެއިން އަހުމަދު ފާއިޒަކީ ދާއިމީ ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ނަން ހުށަހަޅުއްވާފައިވާ ބޭފުޅެކެވެ. އަދި އޭނާގެ ކިބައިގައި އުއްތަމަ ފަނޑިޔާރުކަމުގެ ޝަރުތު ހަމަވާ ކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވަނީ އިއްތިފާގުވެފަ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިއަދު "ހަވީރަ" ށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ތަޅުދަނޑި ބަލައި ފުރަތަމަ ދިއުމުން ސިފައިން ތަޅުދަނޑި ދޫނުކުރި ކަމަށެވެ. އަދި ދެ ވަނަ ފަހަރަށް ތަޅުދަނޑި ދޫކުރީ ހަމައެކަނި އިދާރީ މަސައްކަތް ކުރުމަށްޓަކައި ސުޕްރީމް ކޯޓުގެ އެޑްމިނިސްޓްރޭޓަރަށް ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓު ހުޅުވައި އެ ތަނުގެ މުވައްޒަފުންނަށް އޮފީހަށް ވަދެވޭ ވަރުވީ 45 މިނިޓް ފަހުން ހެނދުނު 45: 8 ގަ އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުވަދެވޭ ގޮތަށް ސިފައިން އެ ތަނުގެ ދޮރު ބަންދުކުރުމުން މިހާރު ރާއްޖޭގައި ހިނގަނީ އަސްކަރީ ސުޕްރީމް ކޯޓެއް ކަމަށެވެ.
"ސިފައިން އަންގާ ގޮތަކަށް ސުޕްރީމް ކޯޓު ތަޅުލައި ހުޅުވެނީ. ސިފައިން އަންގާ ގޮތަކަށް އެ ތަނުގައި މަސައްކަތްކުރެވެނީ. އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު ސުޕްރީމް ކޯޓު އެ ވަނީ އަސްކަރީ ކޯޓަކަށް ބަދަލުކޮށްފައި. މިއީ ސަރުކާރުން ކޮށްގެން އުޅޭ ޣައިރު ގާނޫނީ އަމަލެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަނޑިޔާރުންނާ ނުލައި ސުޕްރީމް ކޯޓު ހިންގާނެ ގޮތެއް އެއްގޮތަކަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"ސުޕްރީމް ކޯޓުގެ މުވައްޒަފުން އެ ތަނުގައި މި ތިބެނީ ފަނޑިޔާރުން ތިބޭތީ. އެހެންވީމަ ފަނޑިޔާރުން ނެތް ތަނެއްގައި ކޮން އިދާރީ މަސައްކަތެއްތޯ އޮންނާނީ؟" އަބްދުﷲ ސައީދު ވިދާޅުވި އެވެ.
ފަނޑިޔާރުންނަށް ސުޕްރީމް ކޯޓުގެ ދޮރު ބަންދުކުރުމަށް ފަހު ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު "ހަވީރަ" ށް މިއަދު ވިދާޅުވީ މަދަނީ ކޯޓުގެ ހުކުމް ސަރުކާރުން މާނަކުރަނީ ސުޕްރީމް ކޯޓުގެ އެޑްމިނިސްޓްރޭޝަން ދެމިއޮތުން ކަމަށެވެ. އިދާރީ މަސައްކަތަށް އެކަނި ފުރުސަތު ދީފައި އޮތީ އެހެންވެ ކަމަށް ޒުހައިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގައި އިދާރީ މަސައްކަތް ކުރުމުގެ ހުއްދަ އެކަނި ސަރުކާރުން ދީފައިވަނީ ކޯޓަށް މައްސަލަތައް ހުށަހެޅުމާއި ޕްރޮސެސް ކުރުމުގައި ކަނޑައަޅާފައިވާ މުއްދަތުތައް ރައްޔިތުންނަށް ގެއްލި ދިޔަ ނުދިނުމުގެ ގޮތުން ކަމަށެވެ. އަދި އެއީ ސުޕްރީމް ކޯޓުގެ މަސައްކަތް އިދާރީ ގޮތުން ކުރެވޭ ގޮތަށް އޮތުމަކީ ރައްޔިތުންގެ އަސާސީ ހައްގަކަށްވާތީ އެ ފުރުސަތު ދީފައި އޮތީ ކަމަށް ޒުހައިރު ވިދާޅުވި އެވެ.
"މަދަނީ ކޯޓުގެ ހުކުމް އަޅުގަނޑުމެން ސަރުކާރުން މި މާނަކުރަނީ ސުޕްރީމް ކޯޓުގެ އެޑްމިނިސްޓްރޭޝަން ދެމި އޮންނާނެ ކަމަށް،" ޒުހައިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިގާލީ މަރުހަލާގެ މުއްދަތުގެ ތެރޭގައި ނިންމަންޖެހޭ ކަންތައްތައް ފުރިހަމަވެފައި ނުވާތީ އުފެދިފައިވާ މައްސަލަތަކުގައި ސަރުކާރުން އަމަލުކުރަނީ ކުރީގެ ބަންޑާރަ ނާއިބު ހުސްނުއް ސުއޫދު ދެއްވާފައިވާ ގާނޫނީ ލަފާތަކަށް ކަމަށެވެ.
"ކުރީގެ ބަންޑާރަ ނާއިބު ލަފާ ދެއްވާފައި މި އޮންނަނީ މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުން ޖެހޭނީ އަލުން ރިކޮންފާމް ކުރައްވާށޭ. އެކަން އެ ގޮތަށް ކޮށްގެން ނޫން ގޮތަކަށް ސުޕްރީމް ކޯޓުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ސުއޫދު ލަފާދެއްވާފައި ވަނީ. އެހެންވީމަ އަޅުގަނޑުމެން އަމަލުކުރަމުން ދަނީ އެ ގޮތަށް،" ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ.
ޒުހައިރު ވިދާޅުވީ ސުޕްރީމް ކޯޓުގެ އިދާރީ ކަންތައްތަކުގައި އިރުޝާދު ރައީސް އޮފީހުން ދޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމަވައި އެކަން ދެ ބޭފުޅަކާ ހަވާލު ކުރައްވާފައިވާ ކަމަށެވެ. އެގޮތުން އެ މަސްއޫލިއްޔަތު ހަވާލު ކުރެއްވީ ޕްރެސް ސެކްރެޓަރީ ވިދާޅުވި ގޮތުގައި ރައީސް އޮފީހުގެ ޕޮލިޓިކަލް އެޑްވައިޒަރު ހަސަން އަފީފާއި ސްޕެޝަލް އެންވޯއި އިބްރާހިމް ހުސެއިން ޒަކީއާ އެވެ.
"އެ ބޭފުޅުން އިރުޝާދު ދެއްވަމުން ގެންދަވާނީ ޝަރުއީ މަސްލަހަތުތަކާ ބެހޭ ލިޔުންތައް ސަލާމަތްތެރި ކަމާއެކު ބެލެހެއްޓުމާއި ކޯޓަށް ހުށަހަޅާ ކަންކަން ރަނގަޅަށް ބަލައިގަންނަމުން ދިއުމުގެ މައްޗަށް. އެ ދެ ކަންތައްތައް ރަނގަޅަށް ކުރިއަށް ގެންދެވުމަށް އެ ދެ ބޭފުޅުން ގެންދަވާނީ ސުޕްރީމް ކޯޓުގެ މުވައްޒަފުންނަށް އިރުޝާދު ދެއްވަމުން،" ޒުހައިރު ވިދާޅުވި އެވެ.
ޕްރެސް ސެކްރެޓަރީ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ އިދާރީ ކަންކަމަށް ރައީސް އޮފީހުން އިރުޝާދު ދިނުމަށް ރައީސް ނަޝީދު ނިންމެވީ އެ ތަނުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް އައްޔަން ކުރެއްވި ހަތަރު ބޭފުޅުން އިސްތިއުފާ ދެއްވުމުން ކަމަށެވެ.
"ރައީސް ބޭނުންފުޅު ވަނީ ރައްޔިތުންގެ ހައްގުތަކަށް އުނިކަމެއް ނާންނަ ގޮތަށް، ސުޕްރީމް ކޯޓުގެ މަސައްކަތް ކުރިއަށް ގެންދަން،" ޒުހައިރު ވިދާޅުވި އެވެ.
33: 10 - ދާއިމީ ސުޕްރީމް ކޯޓު އުފެދުމާ ހަމައަށް އިންތިގާލީ ސުޕްރީމް ކޯޓު ދެމިއޮންނާނެ ކަމަށް މަދަނީ ކޯޓުން އިއްޔެ ކުރި ހުކުމް ސަރުކާރުން މާނަކުރަނީ އެ ކޯޓުގެ އިދާރީ ހިންގުން ދެމިއޮތުމުގެ ގޮތުގައި ކަމަށް ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ތަޅުދަނޑި ދޫކުރުމަށް ޑިފެންސް މިނިސްޓްރީ އަށް އަންގައި މަދަނީ ކޯޓުން އިއްޔެ ހުކުމް ކޮށްފައިވާ އިރު މިއަދު ހެނދުނު އެ ތަނުގެ ތަޅުދަނޑި ސިފައިން ދޫކޮށްފައި ވަނީ އިދާރީ މަސައްކަތް ނޫން މަސައްކަތެއް ނުކުރުމަށް އަންގާފަ އެވެ. ތަޅުދަނޑި ހަވާލުކުރީ ދެވަނަ ފަހަރަށް ބަލާ ދިއުމުން، ކޯޓުގެ އެޑްމިނިސްޓްރޭޓަރަށެވެ.
ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިއަދު ހެނދުނު ކޯޓަށް ވަޑައިގަތުމުން ސިފައިން ބުނީ ނުވަދެވޭނެ ކަމަށެވެ.
އިންތިގާލީ ސުޕްރީމް ކޯޓު ދެމިއޮތުމުގެ މާނައަކީ އެ ކޯޓުގެ ފަނޑިޔާރުން ދެމިތިއްބެވުން ކަމަށް ގާނޫނީ ބައެއް މާހިރުން ވިދާޅުވެ އެވެ. ނަމަވެސް ހަވީރާ ވާހަކަ ދައްކަވަމުން ޕްރެސް ސެކްރެޓަރީ ވިދާޅުވީ އެ ހުކުމް ސަރުކާރަށް މާނަ ކުރެވެނީ ސުޕްރީމް ކޯޓުގެ އެޑްމިނިސްޓްރޭޝަން ދެމިއޮތުމުގެ ގޮތުގައި ކަމަށާއި ފަނޑިޔާރުން ދެމިތިއްބެވުމުގެ ގޮތުގައި ނޫން ކަމަށެވެ.
އަދި އިންތިގާލީ މަރުހަލާއާ ގުޅުން ހުރި ކަންކަން ސަރުކާރުން ކުރިއަށް ގެންދަނީ ކުރީގެ ބަންޑާރަ ނާއިބު ހުސްނުއްސުއޫދު ދެއްވާފައިވާ ލަފައާ އެއްގޮތަށް ކަމަށް ޒުހައިރު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދަވަމުން ސުއޫދު ވިދާޅުވެފައި ވަނީ އެ ކޯޓު ކުރިއަށް ގެންދެވޭނީ އާ ފަނޑިޔާރުން އައްޔަން ކުރުމަށް ފަހު ކަމަށެވެ.
"ކުރީގެ ބަންޑާރަ ނާއިބުގެ ލަފާ އަދިވެސް ދެމިއޮތީ. ގާނޫނޫ އަސާސީގައި ބުނާ ހައްގުތައް ރައްޔިތުންނަށް ނުގެއްލޭނެ ގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި އެޑްމިނިސްޓްރޭޝަން ދެމިއޮންނާނެ ކަމަށް ސަރުކާރަށް މާނަކުރެވެނީ،" ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ.
ސަރުކާރުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި އިންތިގާލީ މަރުހަލާގެ ކަންތައްތައް އެހެން ގޮތަކަށް ކުރިއަށް ގެންދެވޭނީ އާ ބަންޑާރަ ނާއިބަކު އައްޔަން ކޮށްގެން އޭނާ ދެއްވާ ލަފައެއްގެ މައްޗަށެވެ.
55: 9 - ސުޕްރީމް ކޯޓަކީ މިހާރު އަސްކަރީ ކޯޓެއް ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސިފަ ކުރައްވައިފި އެވެ.
ހަވީރާ ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ މިއަދު ސިފައިން އެ ކޯޓުގެ ތަޅުދަނޑި ދޫކޮށްފައި ވަނީ ދެވަނަ ފަހަރަށް، އެޑްމިނިސްޓްރޭޓަރު ބަލާ ގޮސްގެން ކަމަށާއި އިދާރީ މަސައްކަތްތައް ނޫން އެއްވެސް ކަމެއް ނުކުރުމަށް ތަޅުދަނޑި ދޫކުރަމުން އަންގާފައިވާ ކަމަށެވެ.
"ސިފައިން އަންގާ ގޮތަކަށް ސުޕްރީމް ކޯޓު ތަޅުލައި ހުޅުވެނީ. ސިފައިން އަންގާ ގޮތަކަށް އެ ތަނުގައި މަސައްކަތް ކުރެވެނީ. އެހެންވީމާ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިހާރު ސުޕްރީމް ކޯޓު އެ ވަނީ އަސްކަރީ ކޯޓަކަށް ބަދަލު ކޮށްފައި،" ސައީދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ތަޅުދަނޑިފަތި އެ ކޯޓަށް ދޫކުރުމަށް ޑިފެންސް މިނިސްޓްރީ އަށް އަންގައި މަދަނީ ކޯޓުން އިއްޔެ ކުރި ހުކުމުގައި، ދާއިމީ ސުޕްރީމް ކޯޓު އުފެދުމާ ހަމައަށް އިންތިގާލީ ސުޕްރީމް ކޯޓު ދެމިއޮންނާނެ ކަމަށް ކަނޑައަޅާފައިވާ އިރު އެ ކޯޓުގެ ބައެއް ފަނޑިޔާރުން މިއަދު ކޯޓަށް ވަޑައިގަތުމުން ސިފައިން ވަނީ ވަދެވަޑައިނުގެންނެވޭނެ ކަމަށް އަންގާފަ އެވެ.
މަދަނީ ކޯޓުގެ ހުކުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދެމިތިބުމާމެދު ސީދާ ގޮތެއް ކަނޑައަޅާފައެއް ނުވެ އެވެ. ނަމަވެސް ބައެއް ގާނޫނީ މާހިރުން ވިދާޅުވާގޮތުގައި އިންތިގާލީ ސުޕްރީމް ކޯޓު ދެމިއޮތުމުގެ މާނައަކީ އެ ކޯޓުގެ ފަނޑިޔާރުން ދެމިތިއްބެވުމެވެ.
40: 9 - ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓްގެ އިސް އޮފިޝަލަކު ވިދާޅުވިގޮތުގައި ސުޕްރީމް ކޯޓުގެ ތަޅުދަނޑި ބަލާ ދެވަނަ ފަހަރަށް ސިފައިންގެ އަށް ދިއުމުން ތަޅުދަނޑި މިހާރު ވަނީ ދީފަ އެވެ. އަދި ކޯޓު ހުޅުވައިގެން މުވައްޒަފުން ވަނީ ވަދެފަ އެވެ. ނަމަވެސް ސިފައިން ފަނޑިޔާރުންނެއް ނުވައްދަ އެވެ.
51: 8 - ބޭފުޅަކު ހުވާ ކުރެއްވުމަށް ފަނޑިޔާރަކު ބޭނުންވެގެން ރައީސް އޮފީހުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓަށް ފޯނުކޮށްފި ކަމަށް އެ ޑިޕާޓްމެންޓުން ބުނެފި އެވެ. އެ ތަނުން ބުނިގޮތުގައި ޑިޕާޓްމެންޓަށް ގުޅީ ސުޕްރީމް ކޯޓުން ފޯނު ނުނަގައިގެން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ބަންޑާރަ ނާއިބު ހުސްނުއްސުއޫދު އިއްޔެ ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނެ އިރެއް ރައީސް އޮފީހުން ބުނެފައެއް ނުވެ އެވެ.
41: 8 - ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މިއަދު ކޯޓަށް ވަޑައިގަތުމުން، ނުވަދެވޭނެ ކަމަށް ސިފައިން އަންގައިފި ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓުން ބުނެފި އެވެ.
އެ ޑިޕާޓްމެންޓުން ބުނިގޮތުގައި އަހުމަދު ފާއިޒާއި އަބްދުﷲ އަރީފް ކޯޓަށް ވަޑައިގަތުމުން ސިފައިން ވަނީ ފަނޑިޔާރުންނަށް ނުވަދެވޭނެ ކަމަށް އަންގައި އެ ގޮތަށް އަމަލު ކުރަނީ ވެރިން އަންގައިގެން ކަމަށް ބުނެފަ އެވެ.
ސުޕްރީމް ކޯޓު މިއަދު އަދި ނުހުޅުވަ އެވެ. އެ ތަނުގެ މުވައްޒަފުން މި ވަގުތު ތިބީ ތީމުގޭ ތެރޭގައި، ނަމަވެސް ކޯޓުން ބޭރުގަ އެވެ. ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ ތަޅުދަނޑި ބަލާ ސިފައިންގެ އަށް ދިޔުމުން، ސިފައިންގޭގައި ތަޅުދަނޑި ނެތް ކަމަށް އެ ތަނުން ބުނެފައިވާ ކަމަށެވެ.
މަދަނީ ކޯޓުން އިއްޔެ ކުރި ހުކުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ތަޅުދަނޑި ސިފައިން ހަވާލު ކުރި ކަމެއް ނޫން ކަމެއް ހަވީރަށް ކަށަވަރު ކުރެވިފައެއް ނުވެ އެވެ. އެ ކޯޓުން ހުކުމް ކޮށްފައި ވަނީ ދާއިމީ ސުޕްރީމް ކޯޓު އުފެދުމާ ހަމައަށް އިންތިގާލީ ސުޕްރީމް ކޯޓު ދެމިއޮންނާނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުގެ ތަޅުދަނޑި އެ ކޯޓުން ބޭނުންވާ ކޮންމެ ހިނދެއްގައި ދޫކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ