އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް މިއަދު ބަހުގެ ހަމަލަތަކެއް ދެއްވައިފި އެވެ.
ޖުމްހޫރީ ޕާޓީ އަކީ ވިޔަފާރިވެރިންނަށް ނިސްބަތްވާ ޕާޓީއެއް ކަމަށް ބުނެ އަންނި ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވަމުން، މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ކުރީގެ ފިނޭންސް މިނިސްޓަރު ގާސިމް އިބްރާހީމް ވިދާޅުވީ އަންނި އަކީ މިހާތަނަށް ކުރައްވަން އުޅުއްވި "ހުރިހާ ކަމެއްގައި ފޭލިވެވަޑައިގެންފައިވާ ބޭފުޅެއް" ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަންނިއަށް އިޝާރާތް ކުރައްވަމުން ވިދާޅުވީ ސޯމިލަކާއި ރިސޯޓެއް ވެސް ހިންގަވަން އަންނި އުޅުއްވި ކަމަށާއި އެއިން އެއްވެސް ކަމަކުން އަންނިއަށް ކާމިޔާބީއެއް ލިބިވަޑައިގެންފައި ނެތް ކަމަށެވެ. އަދި ވިދާޅުވީ އިޖުތިމާއީ ގޮތުންނާއި އިގުތިސޯދީ ގޮތުން ތަޖުރިބާއެއް ނެތް ބޭފުޅަކަށް މި ގައުމުގެ ކަންތައްތައް ނުހިންގޭނެ ކަމަށެވެ.
އަންނިއަށް އިޝާރާތް ކުރައްވައި ގާސިމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ "ރާއްޖޭގައި ބުދު ފައްޅިއެއް ވެސް ނޭޅޭނެ" ކަމަށާއި ގާނޫނު އަސާސީގެ ދަށުން އެ ފުރުސަތެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ވިޔަފާރިވެރިންގެ ޕާޓީއެއް ކަމަށް އަންނި އާއި ސަރުކާރު ނިސްބަތްވާ ޑީއާރުޕީން ވާހަކަ ދައްކާއިރު އެ ދެ ޕާޓީގެ ފަހަތުގައި ވެސް ތިބީ ވިޔަފާރިވެރިން ކަމަށެވެ. ގާސިމް ވަނީ، އެމްޑީޕީގެ ކުރީ ސަފުގައި ވަކި މީހަކު ބަހައްޓައިގެން އެ ޕާޓީ ހިންގުމުގައި ވިޔަފާރިވެރިން ނެތްތޯ އާއި ވިޔަފާރިވެރިންތަކެއް ނެތި އެ ގޮތަށް ޕާޓީ ހިންގާނީ ކިހިނެއްތޯ ސުވާލު ކުރައްވައިފަ އެވެ.
މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ގާސިމް ވަނީ އަދާލަތު ޕާޓީއަކީ ވިކިފައިވާ ޕާޓީއެއް ކަމަށް ޑީއާރުޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ދާދި ފަހުން ވިދާޅުވެފައިވާތީ އެކަމަށް ވެސް ފާޑުވިދާޅުވެފަ އެވެ. ގާސިމް ވިދާޅުވީ ޑީއާރުޕީގެ ޒައީމް ވިދާޅުވާ ގޮތަށް ދީނަކީ ފައިސާ ދީފައި ގަނެވޭ އެއްޗެއް ކަމަށް އެނގިވަޑައިގެންފައި ނެތް ކަމަށެވެ. އަދި ވިދާޅުވީ މައުމޫން އަބްދުލް ގައްޔޫމް ކޮންމެ އެއްޗެއް ވިދާޅުވިޔަސް މިއަދު އޭގެ ހަގީގަތް ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ރައީސް މައުމޫނުގެ ކެބިނެޓުގައި ތިން އަހަރެއްހާ ދުވަސް ވަންދެން މަސައްކަތް ކުރެއްވި ގާސިމް ވިދާޅުވީ ރާއްޖޭގެ އާބާދީގެ 80 ޕަސެންޓް މީހުން ރައީސް މައުމޫން ވެރިކަމުގައި ބަހައްޓަން ބޭނުންނުވަނީ ގިނަ ސަބަބުތަކެއް ހުރެގެން ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައި ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފި ނަމަ ރައްޔިތުން އެދޭ ހަލުއި ބާރު ސްޕީޑެއްގައި ތަރައްގީގެ ކަންތައްތައް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް ވަނީ އޭނާގެ ކެމްޕެއިން ރޭ ރަސްމީކޮށް ލޯންޗް ކުރައްވައި އަދި ރިޔާސީ މެނިފެސްޓޯ ވެސް އިއުލާންކުރައްވައިފަ އެވެ. އެ މެނިފެސްޓޯއާ ބެހޭ ގޮތުން މިއަދުގެ ނިއުސް ކޮންފަރެންސްގައި ގާސިމް ވިދާޅުވީ އޭގައިވާ ކަންތައްތައް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ކާމިޔާބުވާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ.
ރިޔާސީ އިންތިހާބު 2008: ގާސިމްގެ ބަހުގެ ހަމަލަތަކެއް އަންނިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ