ރައީސުލް ޖުމްހޫރިއްޔާ ސުޕްރީމް ކޯޓު އުފައްދަވައި އެ ކޯޓަށް ފަނޑިޔާރުން އައްޔަންކުރައްވައިފި

ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް، ގާނޫނު އަސާސީގެ 282 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މިއަދު ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު އުފައްދަވައި އެ ކޯޓަށް ފަނޑިޔާރުން އައްޔަންކުރައްވައިފި އެވެ.
ސުޕްރީމް ކޯޓަށް ރައީސުލް ޖުމްހޫރިއްޔާ މިއަދު އައްޔަންކުރެއްވި ފަނޑިޔާރުންނަކީ، މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ކޯޓަށް އައްޔަންކުރުމަށް ފެންނަ ކަމަށް ފާސްކުރެއްވި ފަސް ބޭފުޅުންނެވެ. އެއީ އަލްއުސްތާޒު އަހުމަދު ފާއިޒު ހުސައިން، އަލްއުސްތާޒު އަބްދުﷲ ސައީދު، އައްޝައިޚު އަބްދުﷲ ޢަރީފް، އަލްއުސްތާޒު މުޖުތާޒު ފަހުމީ އަދި އައްޝައިޚް ޔޫސުފު ހުސައިން އެވެ.
ސުޕްރީމް ކޯޓަށް މި ބޭފުޅުން އައްޔަންކުރެއްވި ކަމުގެ ލިޔުން މި ބޭފުޅުންނާ ހަވާލުކޮށްދެއްވީ މި ކަމަށްޓަކައި މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް އެވެ. އޭގެ ކުރިން ހައިކޯޓްގެ ސީނިއާ ފަނޑިޔާރު އައްޝައިޚް ޢަލީ ޙަމީދު މުހައްމަދުގެ ކުރިމަތީގައި މި ބޭފުޅުން ފަނޑިޔާރުންގެ ހުވާކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ