ތިމަރަފުށީ އެއާޕޯޓް ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއު ފަށައިފި

ތ. ތިމަރަފުށިން، އަލީ ޔޫސުފް
ތ. ތިމަރަފުށީގައި އެއާޕޯޓެއް ހެދުމާއި އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މެންދުރު ފަހު މި ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި 102 މިލިއަން ރުފިޔާގެ މަޝްރޫއު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބު އިބްރާހީމް ހުސައިން ޒަކީ އެވެ.
ތިމަރަފުށީ އިރުމަތީ ފަރާތުން 41 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދުބާއީގެ ގަލްފް ކޮބްލާ ކުންފުންޏާ އެވެ. ހަ މަސް ދުވަހުގެ މަޝްރޫއުގެ މެއިން ކޮންޓްރެކްޓަރަކީ ދެކުނު ކޮރެއާގެ ހެންސެންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭ ބިން ހިއްކާ ނިމޭނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނިގޮތުގައި އެއާޕޯޓް ތަރައްގީ ކުރުމަށް ހިއްކާ ބިމުގެ ބޮޑުމިނަކީ 31 ހެކްޓަރެވެ. އަނެއް 10 ހެކްޓަރު ބޭނުން ކުރާނި ގެދޮރު އެޅުމަށެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރީ ޖުލައި 18 ގަ އެވެ.
ހައުސިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ސޮއިކުރާތާ އެއް މަސް ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށަން ޖެހޭނެ ކަމަށެވެ. ނަމަވެސް މަސައްކަތް އެ މުއްދަތުގެ ތެރޭގައި ފެށިފައެއްނުވެ އެވެ.
މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ތ. ގާދިއްފުށީ ރައްޔިތުންގެ ބަޔަކު ވަނީ އެ ރަށް ކޯޒްވޭއަކުން ތިމަރަފުއްޓާ ގުޅާލުމަށް ސަރުކާރަށް ހުށަހަޅައިފަ އެވެ. އެކަން ބައްލަވާނެ ކަމަށް ޒަކީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ