ފަތުރުވެރިކަމުގެ ދާއިރާގެ ފާހަގަކޮށްލެވޭ އެވޯޑްތަކެއް ރާއްޖެއަށް

ޓްރެވެލް ޕްލަސް ލެޝަރ އިންޑިއާސް ބެސްޓް އެވޯޑްސް 2020ގައި "ބެސްޓް ހަނީމޫން ޑެސްޓިނޭޝަން" އެވޯރޑާއި، ޗައިނާގެ އެންމެ ކުރިއަރަމުން އަންނަ ޓްރަވަލް އެޖެންސީ އެއްކަމަށްވާ ފްލިގީގެ "ބެސްޓް ޕާރޓްނަރ އޮފް 2020" ގެ އެވޯޑް ރާއްޖެ ލިބިއްޖެއެވެ.
ޓްރެވެލް ޕްލަސް ލެޝާރ އަކީ ލަގްޒަރީ ޓްރެވަލް އެންޑް ލައިފް ސްޓައިލް މެގަޒިން އެކެވެ. އިންޑިއާގެ މި ޕަބްލިކޭޝަންގެ ފަރާތުން ދޭ "ޓްރެވެލް ޕްލަސް ލެޝާރ އިންޑިއާސް ބެސްޓް އެވާރޑްސް 2020" އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ދެވޭ އެވޯޑެކެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އެވޯޑްގެ ހައްގު ވެރިން ހޮވާފައި ވަނީ މެގަޒިންގެ ކިޔުންތެރިންގެ މެދުގައި ނެގި އޮންލައިން ވޯޓަކުންނެވެ.
ޓްރެވެލް ޕްލަސް ލެޝަރ އިންޑިއާސް ބެސްޓް އެވޯޑްގެ އިތުރުން މިމަހު ބޭއްވި ފްލިގީގެ އަހަރީ އެވޯޑް ހަފްލާގައި ރާއްޖެއަށްވަނީ "ބެސްޓް ޕާޓްނާ އޮފް 2020" އާއި "ގޯލްޑަން ފްލިގީ އެވާރޑް"ވެސް ލިބިފައެވެ.
ފްލިގީ އަކީ ޗައިނާ މާރކެޓް ގައި ކުރިއަރަމުން އަންނަ އޮންލައިން ޓްރަވަލް އެޖެންޓެކެވެ. އެގޮތުން ޗައިނާގެ 200 މިލިއަނެއްހާ މީހުން ޓްރެވެލް ބުކިން ހެދުމަށް މި ޕްލެޓްފޯރމް ބޭނުންކުރެއެވެ. ޗައިނާގައި ކުލަގަދަކޮށް ފާހަގަ ކުރާ ޑަބަލް 11 ފެސްޓިވަލް ގައި މިއަހަރު ރާއްޖެ އިން ވަނީ ފްލިގީއާއި ގުޅިގެން ޕްރޮމޯޝަނަލް ކެންޕޭނެއްވެސް ހިންގާފައެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު އިންޑިއާއިން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިންޑިއާވަނީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގައި ހިމެނިފައެވެ. ފަތުރުވެރިން އައުން އިތުރުކޮށް މާކެޓް އިތުރަށް ވަރުގަދަކުރުމަށްޓަކައި އެމްއެމްޕީއާރުސީން ދަނީ ތަފާތު މާކެޓިން ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. މީގެ ތެރޭގައި، ރޭޑިޔޯ ކެމްޕެއިން، ފެމެލިއަރައިޒޭޝަން ޓްރިޕްސް، އަދި ތަފާތު ވާޗުއަލް އިވެންޓް ތަކުގައި ބައިވެރިވުން ހިމެނެއެވެ.
ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނަ ޢަދަދެއްގެ ފަތުރުވެރިން އަންނަމުން އައި އެއް ޤައުމެވެ. ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގެ ބޯޑަރު ޗައިނާގެ ފަތުރުވެރިންނަށް ބަންދުކުރުމުގެ ކުރިން މި އަހަރުގެ ޖެނުއަރީ މަހު 31,744 ފަތުރުވެރިން ވަނީ އެ ޤަައުމުން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 22 އިންސައްތައިގެ ކުރި އެރުމެކެވެ. އެމްއެމްޕީއާރުސީން ދަނީ ޗައިނާގައި ތަފާތު މާރކެޓިންގ ހަރަކާތްތައް ކުރިޔަށް ގެންދަމުންނެވެ. މީގެ ތެރޭގައި "ވައިބާ" އަދި "ވީޗެޓް" ގައި ކުރިޔަށް ގެންދާ ކެންޕެއިނާއި އޮންލައިން ރޯޑްޝޯ ކުރިޔަށް ގެންދިޔުމާއި އައުޓްޑޯރ ކެންޕެއިންތައް ކުރިޔަށް ގެންދިޔުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ