15 ދުވަހުގެ ބޭސް ފަރުވާއަކަށް ކުރީގެ މެމްބަރު ނާޒިމް ސިންގަޕޫރަށް
މަކަރާއި ހީލަތް ހެދި ކަމުގެ ކުށް ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް، ބޭސްފަރުވާއަކަށް ސިންގަޕޫރަށް ފުރައި ވަޑައިގެންފި އެވެ. ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރެއްވި ނާޒިމް ބޭސް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ 15 ދުވަހަށް ކަމަށް އޭނާގެ އާއިލާއިން "ސަން"އަށް ބުންޏެވެ. ބޭސްފަރުވާ އަށް އޭނާ ސިންގަޕޫރަށް ވަޑައިގެންނެވީ، އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސުޕްރީމް ކޯޓުންކޮށްފައިވާ އަމުރު ބާތިލްކުރުމުންނެވެ. އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ އަމުރު އެ ކޯޓުން ބާތިލް ކުރީ ނާޒިމްގެ އާއިލާ އާއި ކަރެކްޝަންސް ސާވިސް އިން ސުޕްރީމް ކޯޓުގައި އެދިފައިވަނިކޮށެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ނާޒިމް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ އެޓޯލްސް މިނިސްޓްރީ އަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީ އިން 31 ޑިސެމްބަރު 2003 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ބޭނުންކޮށްގެން ވުޖޫދުގައި ނެތް ހަތަރު ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި މަކަރާއި ހީލަތުން އެ ބިޑު ކާމިޔާބު ކުރި މައްސަލައާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ