ގާޒީ ނިހާނަށް އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ގާޒީ އަހްމަދު ނިހާން މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހްމަދު ލުގްމާން ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގާޒީ ނިހާން މިރޭ 7:37 ހާއިރު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަަށެވެ.
ގާޒީ ނިހާން އަދިވެސް އޮންނެވީ އައިޖީއެމްއެޗްގައި ކަން ފާހަގަކުރައްވަމުން ލުގުމާން ވިދާޅުވީ ނިހާނަށް ވީގޮތެއް އަދި އެނގިފައި ނުވާ ކަމަށާއި އައިޖީއެމްއެޗްގައި ޓެސްޓްތަކެއް ހަދަމުންދާ ކަމަށެވެ.
ވީނިއުސް އަށް މިރޭ މައުލޫމާތު ދެއްވަމުން ނިހާންގެ ކޮއްކޮއަކު ވިދާޅުވީ އޭނާގެ ބޭބެއަށް ކަމެއް ދިމާވެގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ކަރެކްޝަނުން ބުނި ނަމަވެސް ވެގެން އުޅޭ ގޮތެއް އާއިލާއަށް އަންގާފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ މީގެ ދެ ހަފްތާއެއް ކުރިން ގާޒީ ނިހާނާ ފޯނުން ވާހަކަ ދެއްކެވިއިރު ބަލިވެ އުޅުއްވާ ކަމަށް ވިދާޅުވި ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ގާޒީ ނިހާނަކީ ޖަލަށް ގެންދެވުނުއިރު ސިއްހީ މައްސަލަތަކެއް ހުރި ބޭފުޅެއް ނޫން ކަމަށާއި ނަމަވެސް މައިބައިދައިގެ މައްސަލައެއް ހުންނާނެ ކަމަށެވެ.
ގާޒީ ނިހާން ބަލިވެގެން މީގެ ކުރިން ވެސް އޭނާ މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައިވެ އެވެ.
ގއ. މާމެންދޫ، ވީނަސް، ގާޒީ އަހްމަދު ނިހާންގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް އުފުލީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގަ އެވެ.
ގާޒީ ނިހާންގެ މައްޗަށް ދައުލަތުން އުފުލި ހަތަރު ދައުވާ އަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އާއި، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާ އާއި، ފޭކް ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމެއްލެއް ކުރަން އުޅުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
މިހަތަރު ދައުވާގެ ތެރެއިން މިހާތަނަށް ޝަރީއަތް ހިންގާފައިވަނީ ޓެރަރިޒަމްގެ އަމެއްލެއް ކުރަން އުޅުމުގައި ބައިވެރިވުމުގެ ދައުވާގަ އެވެ. މި ދައުވާ ސާބިތުވެ ގާޒީ ނިހާން 17 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2016 ވަނަ އަހަރު ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ.
މިމައްސަލަ ގާޒީ ނިހާން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވީ ނަމަވެސް މިމައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ އެތައް މަހެއް ވަނީ ފާއިތުވެ ގޮސްފަ އެވެ.
ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ބާރު ފަނޑިޔާރުންގެ ގާނޫނުގައި ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށްވާއިރު ގާޒީ ނިހާން ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން އަދި ނިންމާފައެއް ނުވެ އެވެ. ނަމަވެސް ޖޭއެސްސީން ވަނީ ގާޒީ ނިހާން ފަނޑިޔާރު ކަމުގެ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ